ކޮފީމޭޒުތަކުގައާއި އެނޫންވެސް ފިރިހެނުން އެއްވެ އުޅޭ މަޖިލިސްތަކުގައި އަންހެނުންނަށް މަލާމާތާއި ފުރައްސާރަރަކުރަނީވެސް ކައިވެންޏަށްފަހު އަނބިން އަޅުންނަށް ހަދަނީވެސް އަހުރެމެން އަންހެނުންނަށް ކަންތައްތަ ކުރެވޭ ގޮތަކުން ކަމަށް ބުނެފިނަމަ ގިނަ ބައަކު ނުރުހޭނެއެވެ. ނަމަވެސް އަހުރެންގެ ވިސްނުން ބުނެލާނަމެވެ.
ފުރަތަމަ ކަމަކަށް ވިސްނާށެވެ! ލޯބިވުމަށްފަހު އަހުރެމެންގެ ހަށިގަނޑަށް އަހުރެމެންގެ އަމިއްލަ ބާރު ހިންގޭ ކަމަކަށް ނުވެއެވެ. ލޯބިވުން މިހާރު ވެފައި މިއޮތީ ކައިވެންޏާއި ނުލައި އަމިއްލަ ހަށިގަނޑު ފިރިހެނުންނާއި ޙަވާލުކުރުމަށް ކިޔާ ރީތި ނަމަކަށެވެ. އެހިސާބުން އެނގިގެންދަނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެމެންގެ ހަށިގަނޑުގައި އެއްވެސް އަގެއް ނެތްކަން ނޫންހެއްޔެވެ؟
އަހުރެމެންގެ ހަށިގަނޑަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން އަހުރެމެން ދައްކައިދިނީމާ އެއިގައި ހުންނާނީ ކޮން އަގެއް ހެއްޔެވެ؟ އެއްވެސް އަގެއް ނެތް އެއްޗަކަށް މަލާމާތާއި ފުރައްސާރަ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަޅުންނަށް ނުހަދަންވީވެސް ކީއްވެގެން ހެއްޔެވެ؟
ކައިވެނީގެ ބޭނުމަކީ ޢަބުރުވެރި ދިރިއުޅުމެއް އުޅުމެވެ. ކައިވެނީގެ ކުރިން ޢަބުރުވެރިކަން ގެއްލުވާލާފައިވާނަމަ ކައިވެނީގެ އެންމެ ބޮޑު ބޭނުން ގެއްލިގެންދިއައީއެވެ. ކައިވެންޏަށްފަހު އަނބިންނަށް ޙައްޤު މަޤާމް ފިރިހެނުން ނުދޭ އެންމެ ބޮޑު ސަބަބަކީވެސް ހަމައެއީއެވެ.
ނިކަން ގޮތްބަލަންވެސް މިބުނި ޙާލަތަށް ނުގޮސް ޢަބުރުވެރިކަމާއިއެކު ކައިވެނިކޮށްބަލާށެވެ! ފިރިން ޖެހިލުންވާނެއެވެ. އެޅިހާ ބަތަކަށް ރިހަނުވާނެކަން އެނގޭނެއެވެ. އަނބިމީހާ ހުންނާނީ ގޮތެއްގައިކަން އެނގޭނެއެވެ. އެހެންވެ އެފަދަ އަނބިންގެ ފައިސާކޮޅު ޖަހައިގަންނަންވެސް ޖެހިލުންވާނެއެވެ. ލަނޑުދޭންވެސް ޖެހިލުންވާނެއެވެ. އެއީ ގޯލެއް ޖަހައިފިނަމަ އަތްޖަހަން ނުހުރެ ބޯޅަ ގެންގޮސް އަނެއް ލަނޑު ޖަހާނެކަން އެނގޭތީއެވެ.
އެންމެ ބޮޑަށް ތަރައްޤީވެފައިވާ ކަމަށް ބުނާ ޤައުމެއްގެ ޔުނިވަރސިޓީއަކަށް ދެވުނު ދުވަހު ލިބުނު މަޢުލޫމާތުން އެނގުނީ އެންމެ މަތީ ކްލާސްތަކުގައި ކިޔަވާ އަންހެން ދަރިވަރުންގެ ތެރެއިން 20 އިންސައްތަ ދަރިވަރުންނަކީ އެކަނިވެރި މައިންކަމެވެ. ދަރިއަކު ލިބުމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ދަރިފުޅަށް ކަމަށްވާތީ ދަރިފުޅަށް ދޭންޖެހޭ ސަމާލުކަންދީފައި ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމެވެ.
ހަމައެއާއިއެކު ބައެއް ޤައުމުތަކުގައި އެކަނިވެރި މައަކަށްވުމުން މަތީ ތަޢްލީމް ޙާޞިލުނުކުރެވިފައި ތިބި އަންހެނުންނަށް ޚާއްޞަކޮށްގެން ހިލޭ ސާބަހަށް އެބަ ކިޔަވައިދެއެވެ. އެކަންކުރަނީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނެވެ. އެއަންހެނުންތައް ބާކީވެގެން ދިއަނުދިނުމަށެވެ.
މިކަންކަމަށް ވިސްނައިފި ކޮންމެ މީހަކަށްވެސް އަހުރެން ފަށަމުން މިދެއްކި ވާހަކަތަކަކީ ތެދު ޙަޤީޤަތްކަން ޔަޤީންކުރެވޭނެއެވެ. ލޯބީގެ ނަމުގައި ކުޅެވޭ ކުޅިގަނޑުން ނުކުންނަ ނަތީޖާ އެނގޭނެއެވެ. އަހުރެންގެ އިލްތިމާސަކީ ކޮންމެ އަންހެނަކުވެސް އެމީހެއްގެ ހަށިގަނޑަށް ސަމާލުކަން ދިނުމެވެ. ތިމާގެ ހަށިގަނޑަކީ ލޯބިވެރިޔާ ބޭނުންގޮތަކަށް މޮޑޭ ފުށްގަނޑަކަށް ހަދަން ދޫކޮށްނުލުމެވެ. އަންހެނުންގެ ހަށިގަނޑުގެ އަގު އަންހެނުން ވަޒަންކުރުމެވެ.
މިއީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގެ އަންހެނަކު ދައްކާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ.