މިހާރުގެ ކުދިން މާއަވަހަށް ބޮޑެތިވާ ވާހަކަ އެބުނަނީ އެކުދިންގެ ހަށިގަނޑު އަވަހަށް ބޮޑުވާތީއެއް ނޫނެވެ. އެކުދިންގެ ވިސްނުން ކުރިއަރައި ބޭނުންވާ ކަންކަން ޙާޞިލުކުރަން މަގުތަކަށް ނުކުންނަލެއްވެސް އަވަސްވާތީއެވެ. އެހެންކަމުން މިރޭގެ ވާހަކަ އަމާޒުމިކުރަނީ މަގުފުރެދި ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރާ މީހުންނަކަށް ނޫނެވެ. އަމާޒުމިކުރަނީ ހެޔޮ ގޮތުގައި ދިރިއުޅެން ބޭނުންވެ އެކަމަށް މަސައްކަތްކުރާ މީހުންނަށެވެ.
މިހާރަކަށް އައިސް ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތައް ގިނަވެ މަސައްކަތުގައި ގިނަ ބައަބަކު ގިނަ ވަޤުތުތަކެއް ހޭދަކުރަންޖެހޭތީ އަހަރެމެންގެ ތެރެއިން މަދުމީހަކަށް ނޫނީ ޢާއިލާއަށް ދޭންޖެހޭ ވަރަށް އޮންނަނީ ސަމާލުކަން ނުދެވިފައެވެ. އަނބިދަރިންގެ ކަންކަން ބަލަންޖެހޭ މިންވަރަށް އޮންނަނީ ނުބެލިފައެވެ.
ނަތީޖާއަކަށްވަނީ ދަރިން އަމިއްލައަށް އެކަނި ބޭރުގައި އުޅޭ ވަޤުތުތައް ގިނަވުމެވެ. ލޯބީގެ ކުޅިވަރު ގިނައިން ފެށިފައި އޮންނަނީ މިބުނި ފަދަ ގޮތަކަށެވެ. މިބުނަނީ ގާލްފްރެންޑް-ބޯއިފްރެންޑް ކުޅިގަނޑުގެ ވާހަކައެވެ. އެގުޅުން އުފެދުމުން މަޑުމަޑުން ކުރިއަރަމުންގޮސް ޝައިޠޯނާ ބުނާހައިކަމެއް ކުރަން އެކުދިން ފަށައެވެ. އެކަމުގައި ހުންނަ ފޮނިމީރުކަން ލިބިގަންނަން ފަށައެވެ.
ގިނަ ފަހަރަށް މައިންބަފައިންނަށް ކަންކަން އެނގެނީ މިބުނި ހިސާބަށް ކަންކަން ދިއުމުންނެވެ. އެހިސާބުން އެކަންކަން ހުއްޓުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ގިނަފަހަރަށް އޮންނަނީ ނުހުއްޓުވިފައެވެ. ހިފަހައްޓަންވެގެން ކޮޓަރިއަށްލައި ތަޅުލައިފިނަމަ ފޯނުން ކުޅިގަނޑު ހިންގައެވެ. ފޯނު އަތުލައިފިނަމަ ކިޔަވަން ސްކޫލަކަށް ނުދެއެވެ. އެހިށާބުން އޮންނަނީ ބެލެނިވެރިންނަށް ގޮތްހުސްވެފައެވެ.
މިއީ މިއަދު ހަމަ މުސްލިމް މުޖުތަމަޢުތަކުގައިވެސް މިކަން އޮތް ޙާލަތެވެ. ވީމާ މިޙާލަތުން ދަރިން ސަލާމަތްކުރަން ބޭނުންނަމަ ޢަމަލުކުރަން އޮތް ހަމައެކަނި ގޮތަކީ ކުރިއާލައި ދަރިންގެ ކަންކަމަށް ފަރުވާތެރިވުމެވެ. ލޯބީގެ ކުޅިގަނޑު ކުޅެންފަށައި ޝައިޠޯނާގެ މަޅީގައި ޖެހުނަ ނުދީ ބަލަހައްޓަން މަސައްކަތްކުރުމެވެ. މަޅީގައި ޖެހެވޭފަހުން ސަލާމަތްކުރެވެނީ ކުރިން ބުނި ފަދައިން ވަރަށް މަދުކުއްޖެކެވެ. ވީމާ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދަރިންގެ ކަންކަމަށް ކުރިއާލައި ސަމާލުކަންދޭށެވެ. އެއީ އެންމެ އިސްވާޖިބު ކަމުގައިހަދާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހު އިސްއުފުލައިލެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން