ޢާއިޝަތު ރަފާޙް ޢަލީ
· ނަމާދު:
ނަމާދުކުރުމަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. މުސްލިމުންގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތެވެ.
އިބްރާހީމްގެފާނު ކުރެއްވި ދުޢާގައިވެއެވެ. އެވާހަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާ އިބްރާހީމް ސޫރަތުގެ 40 އަދި 41 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى رَبَّنَا وَتَقَبَّلْ دُعَآءِ ﴿٤٠﴾ رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ ﴿٤١﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ! (40) އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ! (41)"
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي))
މާނައީ: "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ".
ނަމާދުގެ ސަބަބުން ފާޙިޝް ކަންކަމާއި މުންކަރާތްތަކުން ދުރުހެލިވުމަސް އެހީތެރިވެއެވެ. ނަމާދުގެ ސަބަބުން ހިތާމަތަކަށް ލުއިކަމެއް ލިބިގެންދެއެވެ. ފާފަތަކުން ރައްކާތެރިވުމަށް އޮތް މަގަކަށް ވެގެންދެއެވެ.
ﷲ ތަޢާލާ އިސްރާ ސޫރަތުގެ 78 އަދި 79 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴿٧٨﴾ وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ﴿٧٩﴾
މާނައީ: "އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. (78) އަދި (فرض ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް خاص ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ قرآن ކިޔަވައިވިދާޅުވެ، تهجّد ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حمد ލިބިގެންވާ مقام އަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ! (79)"