މިއީ އާދައިގެ ވާހަކައެއް ނޫން!: ތިބާއަކީ ﷲ ތަޢާލާ އާއިމެދު އެންމެ ބޮޑު ދޮގުވެރިއެއް ކަމަށް ކަނޑައަޅުއްވަވައިފާނެ ސަބަބަށް ބިރުވެތިވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މިއީ އާދައިގެ ވާހަކައެއް ނޫން!: ތިބާއަކީ ﷲ ތަޢާލާ އާއިމެދު އެންމެ ބޮޑު ދޮގުވެރިއެއް ކަމަށް ކަނޑައަޅުއްވަވައިފާނެ ސަބަބަށް ބިރުވެތިވެބަލަ!

ކޮންމެ މީހަކުވެސް ބުނާނީ ތިމާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށެވެ. ނަމަވެސް އެހެން އެބުނާ ބުނުން ވެފައި އޮންނަނީ ގިނަ ބައަކު ހަދާ އެންމެ ބޮޑު ދޮގަށެވެ. 

ނިކަން މިބަސްކޮޅަށް ވިސްނައިލަބަލާށެވެ! 

"ތިއައީ އަހުރެންގެ އަޅެކެވެ. އެކަމަކު އަހުރެން ތިބާ ގެންގުޅެނީ އަޅުން ގެންގުޅޭ ގޮތަކަށް ނޫނެވެ. ތިބާ ބޭނުންވާހައި ކަމެއް ކޮށްދީގެން އުފަލުގައެވެ. އެއިގެ އިތުރުންވެސް ތިބާ ކަމަކު އެދިއްޖެނަމަ އެކަމަކީ ތިބާއަށް ފައިދާކުރާނެ ކަމެއް ނަމަ ތިބާއަށް އެކަން އެބަ ފުއްދައިދެމެވެ. 

ތިބާ ބުނަނީ ތިބާ އެންމެ ބޮޑަށް ލޯބިވަނީ އަހުރެން ދެކެ ކަމަށެވެ. އަހުރެން ތިބާ އާއި ބައްދަލުކުރަން މިއަންނަނީ އަންނަ ވަޤުތު ކުރިއާލައި އަންގައިފައެވެ. އެކަމަކު ތިބާ އަހުރެންނަކާއި ބައްދަލެއް ނުކުރެއެވެ. އޮންނަނީ ކަންނެތްވެ ނިދާފައެވެ. 

އެހެންކަމަށްވާއިރު ތިބާ އަހުރެން ދެކެ ލޯބިވާކަމަށް ބުނާ ބުނުމަކީ ހަދާ ބޮޑު ދޮގެއް ނޫން ހެއްޔެވެ؟ ތިއައަށްވުރެ ބޮޑު ދޮގެއް ހެދޭނެ ހެއްޔެވެ؟" 

މިއީ ﷲ ތަޢާލާ ތިބާއަށް ވަޙީކުރެއްވެވި ބަސްފުޅެއް ކަމަށް ވިސްނައިިލީމާ މިވާގޮތް ވިސްނޭނެއެވެ. އެހެނީ ﷲ ތަޢާލާ ކޮންމެ ރެއެއްގެ ފަހުދަންފަޅީގައި ބިމުގެ އުޑަށް ފައިބައިވަޑައިގަންނަވައެވެ. އެކަން ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. އެވަޤުތަކީ މީސްތަކުން ރޭއަޅުކަންކޮށް އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރަން އޮތް ވަޤުތެވެ. 

އެމީހެއްގެ ހިތުގެ އަޑިން ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކުނަމަ އެވަޤުތުގެ ބޭނުން ނުހިފައި ނިދަން އޮންނާނެ ކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެވާހަކަ ޤަބޫލުކުރާނީވެސް ކާކުހެއްޔެވެ؟ ސަބަބު ވަރަށް ސާފެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ލޯބިވެރިޔާ އާއި ބައްދަލުކުރަން ބޭނުންވާނެއެވެ. އެކަމުގެ ވަޤުތުގައި ކަންނެތްވެ ނިދާކަށް ނުއޮންނާނެއެވެ. 

މީސްތަކުންނޭވެ! ކިތަންމެ އާދައިގެ ބަހުރުވައަކުން މިބުނީ ވަރަށް މުހިންމު ވާހަކައެކެވެ. މިއީ އާދައިގެ ވާހަކައެއް ކަމަށް ހީކޮށް އަޅާނުލައި ނުތިބޭށެވެ. މިބުނެދިނީ ވިސްނައި ފިކުރުކޮށްފި މީހަކަށް ޖަޒާއެއްގެ ގޮތުން ސުވަރުގެ ދެއްވަވާނެ ކަމެއްގެ ވާހަކައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން