މިއަދުގެ ޙާލަތަކީ މަގުމަތިން ހިނގާފައިދާއިރު ވަރަށް ގިނައިން އަންހެންކުދިން ފެންނާތީ ގޯސްނިޔަތާ ނުލައިވެސް ބަލައިލެވެނީއެވެ. ފެނުނީމާ ދެވަނަ ފަހަރަށް ވެސް ބެލެނީއެވެ. ބޭރަށް ނުނުކުމެވެސް ނުއުޅެވޭނެއެވެ.
މިޒަމާން އަންނާނެކަމާއި އިސް ތިރިކޮށްގެން އުޅެން އަންގަވާފައި ވެއެވެ. އެހެނަސް މަގުގައި ދުއްވާ އެއްޗެހީގެ ބާރުބޮޑުކަމާއި މީހުން ގިނަކަމުން އިސް ތިރިކޮށްގެން އުޅެން އުނދަގޫވެއެވެ. މިޙާލަތުގައި ގަސްތަކާނުލާ ބުރުގާނާޅާ އަދި އަންހެނުންގެ އައުރަ ފެންނަންޏާ ހަދަންވީ ކިހިނެއްތޯ؟ ބެލުނީމާ ފާފަވެރިވާނެތޯ؟
ޖަވާބަކީ: ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ސުވަރުގެ ވަށާލެވިފައިވަނީ ހިތްނޭދޭ ކަންތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ހިތްއެދޭ ކަންތަކުންނެވެ" ވީމާ، ކިތަންމެ ބަލާހިތްވީ ނަމަވެސް ސުވަރުގެ ހޯދުމުގެ ނިޔަތުގައި ބެލުންތިރި ކޮށްލާނީ އެވެ. ތިބާގެ އަންހެނުން މަގުމަތިން ދަނިކޮން ހިލޭ ފިރިހެނުން އޭނާއަށް ބަލަން ނުރުހޭފަދައިން އެހެންމީހުންވެސް ނުރުހޭނެކަން ހަނދާން ކުރާށެވެ.
މަގުމަތިން ދަނިކޮށް ޤަޞްދަކާއި ނުލައި ފެނުމަކުން ފާފަވެރިއެއް ނުވާނެއެވެ. ފާފަވެރިވާނީ ޤަޞްދުގައި ބެލުމުންނެވެ. ވީމާ ކިތަންމެ ރީތި އަދި ބަލާހިތްވާ މީހަކު ފެނުނަސް ވަޤުތުން އިސް ތިރިކުރާށެވެ! ޘާބިތުކަން ދެއްވެވުން އެދި ދުޢާކުރާށެވެ!
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.