އެއީ އަންހެނެކެވެ. އޭނާގެ ހަށިގަނޑަށް ޖިންނިއެއް ވަނީއެވެ. އަވަށުގެ ހުރިހާ ރާޤީން ޢޭނާއަށް ރުޤްޔާކުރިއެވެ. އަވަށުން ބޭރުގެ ބައެއް ރާޤީންވެސް ރުޤްޔާ ކުރިއެވެ. 10 އަހަރުވީއިރުވެސް އޭނާއަށް އެކަމަކުން ސަލާމަތެއް ނުވެވުނެވެ. ޖިންނި ގެންދިއައީ އޭނާއަށް ގޯނާކުރަމުންނެވެ.
އަހުރެންނަކީވެސް އޭނާއަށް ރުޤްޔާކޮށްދިން މީހަކީމެވެ. އެކަމުގެ ތެރޭގައި އުޅެވޭތާ 10 އަހަރުވީފަހުން އޭނާގެ ގާތުގައި މީހަކު ބުނީ ކޮންމެ ރެއަކުވެސް ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި 2 ރަކްއަތް ނަމާދެއްކޮށް ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ތިމާގެ ޙާލަތު ބަޔާންކޮށް ރޮއި ކަރުނަ އަޅައި އާދޭސް ދެންނެވުމަށެވެ. މިކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދެންނެވުމަށެވެ.
އޭނާ އެކަންކުރަން ފެށުމުން ޖިންނިއަށް ކެތްކޮށްލެވުނީ 15 ވަރަކަށް ދުވަހުއެވެ. އޭނާއަށް ހެދި ސިޙުރު ހުރިތަން ބުނެދީ ހަށިގަނޑުން ނުކުމެގެން ހިނގައްޖެއެވެ. ދަމުން ބުނީ ރޭގަނޑު ތިއަ ކުރާ 2 ރަކްޢަތުގެ ސަބަބުން އިތުރަށް ކެތްނުކުރެވުނީ ކަމަށެވެ.
އަހުރެން ބުނާނީ މިބާވަތުގެ ކޮންމެ ކަމަކަށް ފަރުވާކުރިނަމަވެސް (ރުޤްޔާކުރިނަމަވެސް) އޭނާ އެކުރި ގޮތަށް ރޭއަޅުކަންކޮށް ދުޢާކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
މިއީ އޭނާއަށް ރުޤްޔާކުރި ރާޤީއަކު ބުނެފައިވާ ވާހަކައެކެވެ. ރުޤްޔާ ކުރަމުންވެސް އަދި ނުކުރިނަމަވެސް މިއީ ކުރަން އެންމެ ފައިދާހުރި އެއްކަންތައް ކަމުގައި ޔަޤިންކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.