އަޅުގަނޑަށް ފިރިމީހާގެ އަޅައިލުން ނުލިބުމުން ކުރިމަތިވި މާޔޫސްކަމުގެ ތެރޭގައި އުޅެންހަދައިގެން ވިސްނަންޖެހޭ ވަރަށް ވިސްނާނުލައި ބައެއް ދުޢާތައް ކުރެވުނެވެ. ބައެއް ދުޢާ ޢިޖާބަވެސް ކުރެއްވެވިއެވެ. ނަމަވެސް އަޅުގަނޑަށް މިއަދު މިޖެހެނީ އެކަމަށް ހިތާމަކޮށް ކަރުނައަޅާށެވެ. މިޙާލަތުގައި ޢަމަލުކުރަން އޮތް ގޮތަކީ ކޮބައިތޯ؟
ޖަވާބަކީ މިހާރު ބޭނުންވާ ގޮތަށް ކަންކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. ތިރީގައި އެވާ ލިޔުމުންވެސް ޢިބްރަތް ޙާޞިލުކުރާށެވެ. އެއީވެސް ހަމަ ތިއަފަދަ ޙާލަތެއް ކުރިމަތިވި އަންހެނެއްގެ ތަޖުރިބާގެ ވާހަކަ ހިމެނޭ ދަރުސެކެވެ.
"އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާން ފެށުމުން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވިއެވެ. ނުނިދިގެންވެސް އުޅެންޖެހުނެވެ. ބަނޑުގައި ވޭންއަޅާތީވެސް އުޅެންޖެހުނެވެ. އެޙާލަތުގައި އަޅުގަނޑަށް ދުޢާއެއް ކުރެވުނެވެ. އެއީ ފިރިމީހާއަށް (އެދުންވެރިކަމަށް) ބޭނުން ނުވުން މިންވަރު ކުރެއްވެވުން އެދިއެވެ.
އެދުޢާވީ އަޅުގަނޑުގެ މުޅި ޢުމުރުގައި ކުރި ހުރިހާ ދުޢާތަކެއްގެ ތެރެއިންވެސް އެންމެ އަވަހަށް ޢިޖާބަ ކުރެއްވެވި ދުޢާއަށެވެ. ދުޢާކުރި ރެއިން ފެށިގެން އަޅުގަނޑަށް އެކަން ހިންމަވައި ދެއްވެވިއެވެ.
ދެން ކަންތައްވީގޮތަކީ ފިރިމީހާއަޅުގަނޑު ވަރިކުރީއެވެ. އެއިރު އަޅުގަނޑަކީވެސް ޒުވާނެކެވެ. ދެވަނަ ކައިވެނި ކުރީމެވެ. އެއީ ވަރަށް ހެޔޮލަފާ ތަޤްވާވެރި ފިރިއެކެވެ. ކައިވެނިކުރުމުންވެސް އަޅުގަނޑަށް އޭނާގެ ކިބައިން ބޭނުމެއް ނުވިއެވެ. އަޅުގަނޑުގެ އެކަމަކަށް އެއްވެސް ބަދަލެއް ނައެވެ.
ފިރިމީހާއަށް އެކަން ސިއްރުކުރަން ވަރަށް މަސައްކަތްކުރީމެވެ. އޭނާ މާބޮޑަކަށް ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ހުރީ ފޫހިވެފައެވެ. އެކަން ވަރަށް ބޮޑަށް އިޙްޞާޞްކުރަންޖެހުނެވެ. އެހިސާބުން އަނެއްކާވެސް ދުޢާކުރަންފެށީމެވެ. އެނިޢްމަތް އަނބުރާ ދެއްވެވުން އެދިގެންނެވެ. އެކަމަށް ކުރަމުން ދިއަ ދުޢާތައް ޢިޖާބަ ކުރެއްވެވީ އަހަރެއްހައި ދުވަސްފަހުންނެވެ. ދެވަނަ ކައިވެނިވެސް ރޫޅިދާނެތީ މާޔޫސްވެ އެތައް ފަހަރަކު ލޮލުން ކަރުނައެޅިފަހުންނެވެ."
މިއީ އަނހެނަކު ކިޔައިދީފައިވާ ވާހަކައެކެވެ. އިންސާނުންގެ ވިސްނުމަކީ ވަރަށް އަވަސް އަވަހަށްވެސް ބަދަލުވާ އެއްޗެކެވެ. ބޭނުންތައްވެސް ބަދަލުވެއެވެ. ބޭނުންވާ ގޮތްވެސް ބަދަލުވެއެވެ. ވީމާ ކަމަކަށް ބޭނުންވި ނަމަވެސް އެކަމަކީ ތިމާއަށް ހަމަ ޙަޤީޤަތުގައިވެސް ބޭނުންވާ ކަމެއް ކަމާއިމެދު ފުންކޮށް ވިސްނަންވާނެއެވެ.
ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަކަށް އެދިގެން ދަންނަވަންވާނީ ވިސްނަންވީވަރަށް ވިސްނައިފައެވެ. އެކަމަކީ ތިމާއަށް ހަމަ ޙަޤީޤަތުގައިވެސް ބޭނުންވާ ކަމެއްކަން ކަށަވަރުކުރުމަށްފަހުގައެވެ. ތިމާއަށް އެކަމަކާއިމެދު ޝަކުކުރެވޭ ނުވަތަ އެއީ އެންމެ ފައިދާހުރި ކަމެއްކަން ޔަޤީންނުވާ ކަންކަމުގައި އިސްތިޚާރާކުރަން އޮންނަނީ އެހެންވެގެންނެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދެންނެވުމުން ބައެއް ކަންކަން މިންވަރުކުރެއްވެވުން ލަސްކުރައްވަވައެވެ. އަނެއްބައި ކަންކަން ދުނިޔެމަތީގައި ނުދެއްވަވައި އާޚިރަތް ދުވަހަށް ލަސްކުރައްވަވައެވެ. އަދި އަނެއްބައިކަންކަން ވަގުތުން ހިންމަވައި ދެއްވަވައެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“If one of you makes a wish, then be careful what he wishes for. He does not know what will be decreed of his wishes.”
Source: Musnad Aḥmad 8674
Grade: Sahih (authentic) according to Ahmad Shakir
- އިސްލާމީ ތިލަފަތުގެ ދަރުސަކުން