ބައިވެރިޔާދެކެ ލޯބިނުވާއިރުވެސް ލޯބިވާކަމަށް ހެދުމާ، މަކަރު ހަދަމުން ވަފާތެރިއެއްކަމަށް ދައްކައިގެން އުޅުމަކީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބް ޙައްޤުވާ ކަމެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ބައިވެރިޔާދެކެ ލޯބިނުވާއިރުވެސް  ލޯބިވާކަމަށް ހެދުމާ، މަކަރު ހަދަމުން ވަފާތެރިއެއްކަމަށް ދައްކައިގެން އުޅުމަކީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބް ޙައްޤުވާ ކަމެއް!: ބިލާލް އައްސަދު

ﷲ ތަޢާލާ ސުވަރުގެ މިންވަރުކުރައްވަވާ އަޅުން ސުވަރުގެއަށް ވައްދަވާނީ އެމީހަކަށް ސުވަރުގެ އިން ޙައްޤުވާ ދަރަޖައިގައެވެ. ނުވަތަ ޙައްޤުވާ ދަރަޖައަށެވެ. އެއީ އެމީހަކު ކުޅަ ހެޔޮ ޢަމަލުތަކުގެ މިންވަރުންނެވެ.

ސުވަރުގޭގައި މީހެއްގެ ދަރަޖަ މަތިވެރިވާނަމަ އެމީހެއްގެ ދަރަޖަ ދާނީ އުފުލެމުންނެވެ. ދެއްވަވާ ނިޢްމަތްތައް އިތުރުވަމުންނެވެ. އަދި ސުވަރުގެ ވެއްދެވުމަށްފަހުގައިވެސް އެކަލާނގެ އިރާދަކުރައްވަވައިފި އަޅެއްގެ ދަރަޖަ އުފައްލަވައި ދެއްވަވަތެވެ! ދަރިންގެ ހެޔޮދުޢާގެ ސަބަބުންވެސް ﷲ ތަޢާލާ މައިން ބަފައިންގެ ދަރަޖަ ސުވަރުގޭގައި އުފުއްލަވައި ދެއްވަވަތެވެ!

ނަމަވެސް ނަރަކައިގައި އެކަން ހިނގާނީ އެގޮތަކަށް ނޫނެވެ. މީހާގެ ފާފަތައް ގިނަވެ ޢަޛާބު ބޮޑުވާވަރަކަށް އެމީހެއްގެ ވަތްގަނޑު ނުވަތަ އެމީހަކު އޮންނަން ޖެހޭ ބައި ދާނީ ތިރިވަމުންނެވެ. އެންމެ ފުލުގައި (އެންމެ ދަށޫވަތްގަނޑުގައި) ތިބޭނީ މުނާފިޤުންނެވެ. އެންމެ ގަދަފަދަ އަޒާބު ލިބޭނީ މުނާފިޤުންނަށެވެ.

މުނާފިޤުންނަކީ ދުނިޔޭގައި ދެމޫނު ދައްކައިގެން އުޅޭ މީހުންނެވެ. ބޭރުފުށުން އިސްލާމެއްކަމަށް ދައްކައިގެން ތިބޭއިރު އެތެރެފުށުން ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނަކީ މުނާފިޤުންނެވެ. ހަމަ އެކަނި އީމާންވުމުގައެއް ނޫނެވެ. އެމީހަކު ކުރާ އަމަލުތަކުގައި ދެފުށް ދެ ގޮތް މީހުންނަކީވެސް ހަމަ މުނާފިޤުންނެވެ. މީސްތަކުންގެ ކުރިމަތީގައި އޯގާތެރި ބަސްތައް ބުނަމުން މީސްތަކުންގެ ހައްޤުތަކަށް އަރައިގަނެ މީސްތަކުންނަށް އަނިޔާވެރިވާ މީހުންނަކީ ވެސް މުނާފިޤުންނެވެ. ވީމާ މުނާފިޤުންނަކީ ހަމައެކަނި ﷲ ތާޢާލާއަށް އީމާން ނުވާ (އީމާން ނުވެ ތިބެ އީމާންވެއްޖައިންކަމަށް ބުނާ) މީހުން ކަމުގައި ބުނެވޭކަށް ނެތެވެ. އެމީހެއްގެ ބަހާއި އަމަލު ދިމާނުވާނަމަ އެމީހަކީ މުނާފިޤްކަމުގެ ސިފަތައް ހުރި މީހެކެވެ.

ނަރަކައިގައިވެސް ތަފާތު ދޮރުތަކެއް ވެއެވެ. އެމީހަކު ނަރަކައަށް ވައްދަވާނީ އެމީހެއްގެ ދަރަޖައަށް ކަނޑައެޅިފައިވާ ދޮރަކުންނެވެ. ކޮންމެ ދޮރެއް ގުޅިފައިވަނީ ވަކި ބައަކާއިއެވެ. މާނައަކީ ކޮންމެ މީހަކުވެސް ނަރަކައަށް ވައްދަވާނީ ކޮށްފައިވާ ފާފަތަކުގެ ސަބަބުން އެމީހަކަށް ކަނޑައެޅިފައިވާ ބައަކަށެވެ. ކޮންމެ ބައެއްގައިވެސް ލިބޭ ޢަޛާބު ތަފާތުވާނެއެވެ. ވީމާ އެބައަކަށް ލިބޭ ޢަޛާބު ވެސް ތަފާތުވާނެއެވެ. ޔަޤީން ކުރަންޖެހޭނެ ކަމަކީ ނަރަކައިގެ އެންމެ ކުޑަ ޢަޒާބަށްވެސް އެއްވެސް މީހަކަށް ކެތް ނުކުރެވޭނެ ކަމެވެ.

ސުވާލަކީ ނަރަކައިގެ ބިރުވެރިކަން އެނގެނީ ކިހައިވަރަކަށް ހެއްޔެވެ؟ ނަރަކައިން ސަލާމަތްވާން ކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެވެ؟ މިއަދު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދެ މޫނުގެ ވެރިންނެވެ. ވެރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. ފިރިން އެމީހުންގެ އަނބިމީހާއަށް ނުވަތަ އަނބިން އެމީހުންގެ ފިރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. ނިކަން ބުނެބަލާށެވެ! މުނާފިޤެއްގެ ގޮތުގައި މަރުވެދާނެ ކަމަށް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟

ބައިވެރިޔާ ދެކެ ލޯބިނުވާޙާލު ލޯބިވާކަމަށް ދައްކައިގެން އުޅުމާއި ޚިޔާނާތްތެރިވަމުން ތެދުވެރި ވަފާތެރިއެއްކަމަށް ދައްކައިގެން އުޅުމަކީ މިބަޔާންކުރި ގޮޅިއަށް ތިމާ ފެތިގެން ހިނގައިދާނެކަންކަމެވެ. ވީމާ މިއީ ދިރިއުޅުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

ދުނިޔޭގައި ހުންނަން ދެއްވަވާ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ނަރަކައިން ސަލާމަތްވުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ގެންދާށެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން