ބަލިޙާލުބޮޑުވެ އެނދުމަތިވެފައި އޮންނަން ޖެހުމުން މިސްކިތުގެ ޖަމާޢަތަށް ނުދެވޭތީ ދެރަނުވާށެވެ! އެއީ މާގިނަ ޘަވާބު ހޯދެން އޮތް ފުރުޞަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބަލިޙާލުބޮޑުވެ އެނދުމަތިވެފައި އޮންނަން ޖެހުމުން މިސްކިތުގެ ޖަމާޢަތަށް ނުދެވޭތީ ދެރަނުވާށެވެ!  އެއީ މާގިނަ ޘަވާބު ހޯދެން އޮތް ފުރުޞަތެކެވެ!

ތިމާއަށް ކުރިމަތިވެފަވާ ބަލިޙާލަތެއްގެ ސަބަބުން ބަންގީގެ އަޑުއިވުނަސް މިސްކިތުގެ ޖަމާޢަތަށް ނުދެވޭނަމަ އެކަމަށް މާޔޫސްނުވެ އެނދުގައި އޮވެގެން ނަމަވެސް ނަމާދުކޮށްލާށެވެ. މިސްކިތަށް ނުދެވި ގޭގައި އޮންނަންޖެހުނަސް ނަމާދުކޮށް ޛިކުރުކުރެވޭނެއެވެ.

ތިބާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ. ވީމާ އެފަދަ ޙާލަތެއްގައިވީނަމަވެސް ކުރަން ބޭނުންވާ ވަރަށް އަޅުކަން ނުކުރެވިގެން ދެރަވެ މާޔޫސްނުވާށެވެ! އުންމީދު ކަނޑައިނުލާށެވެ! އެމީހަކަށް އޮންނަން ޖެހިފައިވާ ޙާލަތެއްގައި އޮވެގެންވެސް ކުރެވެން އޮތް ވަރަކަށް އަޅުކަން ކުރަމުން ގެންދާށެވެ! އެނދުގައި އޮންނަން ޖެހުމަކީ މާގިނައިން އަޅުކަންކުރަން ދެއްވަވާ ފުރުޞަތެކެވެ. އެފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާށެވެ!

ތިބާއަށް ކުރެވެން އޮތް ވަރަށް މަސައްކަތްކުރަމުން ގެންދާށެވެ! އެނދެއްގައި އޮންނަން ޖެހިއްޖެނަމަ ވިސްނައި ކަންބޮޑުވާންވީ އެނދުގައި އޮންނަންޖެހިގެނެއް ނޫނެވެ. މަސައްކަތްކުރަންވީ ވީހައިގިނަ ޘަވާބު ދެއްވަވާނެ ކަލިމަތައް ކިޔުން ގިނަކުރުމަށެވެ. ދުލުން ކިޔަން އުނދަގޫނަމަ ހިތަށް އަރުވާށެވެ! އެއިރުންވެސް ދާނީ ހެޔޮކަމުގެ ފަތަށް ބަރުވަމުންނެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ ރޫޙާނީ ގޮތުން ބަލިކަށިވުމެވެ! މާޔޫސްވުމެވެ! ވީމާ ހަމަ އެއްގޮތަކަށްވެސް މާޔޫސްނުވާށެވެ! އަޅުކަން ކުރެވޭ މިންވަރު މަދުވެގެން ދެރަ ނުވާށެވެ! ނަމަވެސް ކުރެވެން އޮތް އެންމެ ގިނައިން ކުރުމުގައި ފަރުވާކުޑަނުކުރާށެވެ!

ބަލިވެ އެނދުގައި އޮންނަން ޖެހުމުން ބައެއް މީހުން ފޫހިވެ ރުޅިގަދަވެއެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ރުޅިވެރިކަމާއި ނަފްރަތު މުޅިން ދޫކޮށްލާށެވެ! ޙާލަތު މެދުވެރިކުރެއްވެވީ ﷲ ކަން ޤަބޫލުކޮށް ކޮންމެ ޙާލަތަކަށްވެސް ޝުކުރުވެރިވާށެވެ!

ދަރިންނާއި އަނބިން، ފިރިންގެ އަދި އެހެން މީހުންގެވެސް ލޯބި ލިބޭނީ އެއިރުންނެވެ. ގޭގެ މާހައުލުގައި އުފާވެރިކަން ދެމިއޮންނާނީވެސް އެއިރުންނެވެ! އެހެން މީހުންގެ އަޅައިލުމާއި ލޯބި ލިބުން އިތުރުވާނީވެސް އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން