ފާފަކުރާ މީހުން ނިކަން މި ވަޙީބަސްފުޅަށް ޖަވާބުދީބަލަ!: "ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފާފަކުރާ މީހުން ނިކަން މި ވަޙީބަސްފުޅަށް ޖަވާބުދީބަލަ!: "ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟"

އަހުރެން ބޭރު ޤައުމަކަސް ކުރި ދަތުރެއްގައި ދެވުނު ސަރަހައްދެއްގައި ބޮޑެތި ފާފަތައް ކުރާ ތަންތަން ހުންނަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. ޢިމާރާތުގެ ތިރީގައި ހުންނަނީ ރެސްޓޯރަންޓްތަކެވެ. ވަންނަނީ ކެއުމަށެވެ. ކާން ވަންނަ މީހުންނަށްވުރެ ގިނައީ ފާފަކުރަން ވަންނަ މީހުންނެވެ. އެމީހުން ހީކުރަނީ މީސްތަކުންނަށް އޮޅުވައިލެވުމުން އެމީހުން ކުރާ ފާފަތަކުން ސަލާމަތްވެވޭނެ ކަމަށެވެ.

އާނއެކެވެ! ފާފަކޮށްފައި މީސްތަކުންނަށް ވަންހަނާކުރެވިދާނެއެވެ! ނަމަވެސް ﷲ ތައާލާއަށް ސިއްރެއް ނުކުރެވޭނެއެވެ! އެހެންކަމާއިއެކުވެސް ބައެއް މީހުން މަކަރާއި ހީލަތް ހެދުން، ކޮރަޕްޝަންގެ ޢަމަލުތައް ކުރުން، ވައްކަން ކުރުން ފާހިޝް އަމަލުތައް ކުރުން، ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެތި ކެއުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރުމަށްފަހު މީސްތަކުންނަށް އެކަމުގެ ޙަޤީޤަތް އޮޅުވާލައި ކުރި ފާފަތައް ޒީނަތްތެރިކުރެއެވެ.

މީސްތަކުންނޭވެ! މި ބަޔާންކުރި ފަދައިން އަމަލުކުރާނެ ބައަކު ދުނިޔޭގައި އުޅޭނެކަން ﷲ ތައާލާ މާކުރިން ދެނެވޮޑިގެންވެއެވެ! އެހެންވެ ﷲ ތަޢާލާ ވަނީ މާކުރިން އިންޒާރުގެ އާޔަތްތައް ވަޙީކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެއް އާޔަތުގައިވެއެވެ.

"ނުބައި ކަންތައް ކުރާ މީހުން ތިމަންރަސްކަލާނގެ ޢުޤޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ .(އަލްޢަންކަބޫތު: 4)

ބޮޑެތި ދޮގުތައް ހަދައި މީސްތަކުންނަށް ކަންކަން އޮޅުވާލަމުން ގެންދާއިރު ފިސާރި ރަނގަޅަށް ހަނދުމަކުރާށެވެ! ތިމާ ކުރާ ކޮންމެ ކަމަކާއި ހިތަށް އަރާކަންކަން ބައްލަވައި ލިޔުއްވަވާނެ 2 މަލާއިކަތުން ތިބާ އާއިއެކުގައި އަބަދުވެސް ވެއެވެ.

ޖެހިގެން އޮތް އާޔަތްވެސް އަޑުއަހައިލާށެވެ!

ﷲ އާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްޢަންކަބޫތު: 5)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން