އަނބިމީހާއަށް ކުނިމޫނު ނުދައްކާށެވެ! އެއީ ތަނަވަސްކަން ގެއްލި ކަރުނައަޅަންޖެހޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
އަނބިމީހާއަށް ކުނިމޫނު ނުދައްކާށެވެ! އެއީ ތަނަވަސްކަން ގެއްލި ކަރުނައަޅަންޖެހޭ ކަމެއް!: މުފްތީ މެންކް

އަތްމަތި ތިޔާގިވާން އެދޭމީހާ، ދުނިޔޭގައި އުޅެން ﷲ ތަޢާލާ އަންގަވާފައިވާ މަގާއި ގާތް މަގަކުން ކުރިއަށްދާން ބޭނުންވާނަމަވެސް އެއްވެސް މީހަކަށް ކުނި މޫނު ނުދައްކާށެވެ! ޚާއްޞަކޮށް ޢާއިލާގެ މީހުންނަށެވެ! އަނބިދަރިންނަށެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންނަށެވެ. 

މިތަނުގެ އަނބިމީހާއަށް ކުނިމޫނު ނުދެއްކުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރާނަމެވެ. އެއީ އެކަމުގެ ހުރި ނުބައިކަން ހަމަ ބޮޑުކަމުންނެވެ. ވިސްނައިލާށެވެ! އަނބިމީހާ ތިއަ ބައިންދަނީ ގެއެއްގައެވެ. އެހެންވެ ބައްދަލުވަނީ ހަމައެކަނި ދަރިންނާއިއެވެ. އެހެންކަމަށްވާއިއރު ފިރިމީހާ ގެއަށް އަންނަ ވަޤުތަކަށް އޭނާ ކިހައިބޮޑަކަށް އިންތިޒާރުކުރާނެ ހެއްޔެވެ؟ ފިރިމީހާ އުފަލުންހުރެ އޭނާ އާއި ބައްދަލުނުކުރިނަމަ އޭނާ ބޭނުންވާ ހިނިތުންވުން އޭނާއަށްދޭނީވެސް ކާކުހެއްޔެވެ؟ 

އަދި އެއިގެފަހަތުން ކަންކަމުގައި ބައްދަލުކުރާ ނިކަމެތި ފަޤީރުންނަށާއި މީސްތަކުންނަށް ކުނި މޫނު ދެއްކުމަކީ ﷲ ތައާލާ އެންމެ ރުހިވޮޑި ނުގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ! ވީމާ ލިބޭ އާމްދަނީގައި ބަރަކާތް ލެއްވެވުމަށް އެދޭމީހާ އެއްގޮތަކަށްވެސް ހަމަ އެކަކަށްވެސް ކުނިމޫނު ދައްކައިގެން ނުވާނެއެވެ. 

ޢާއިލާގެ މީހަކަށް ދެރަ ނިކަމެތިކަމެއް ކުރިމަތިވެއްޖެނަމަ އަދި އެހެން މީހަކަށް ނަމަވެސް ދެރަ ނިކަމެތިކަމެއް ކުރިމަތިވެއްޖެ ނަމަ އެމީހާގެ ބޮލުގައި އަތްއަޅައި އިތުރަށް އަޑިއަށް ގަންބައިނުލާށެވެ! އެމީޙާޢަށް އެހތެރިވެދޭން ތިމާއަށް ކުރެވޭނީ ކޮންކަމެއް ކަމާއިމެދު ވިސްނައިލާށެވެ! ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ! ޢަމަލުކުރަން ﷲ ތަޢާލާ އެންގެވި ގޮތަކީ އެއީއެވެ. އެގޮތަށް ޢަމަލުކުރުމުން ތިމާއަށް ރަޙްމަތް އިތުރުކުރައްވަވާނެއެވެ! 

އެހެން މީހުންނަށް އެހީތެރިވާ މީހާއަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެކަން އެއީ ވަޙީ ބަސްފުޅެވެ. މީހަކަށް ހޭދަކުރުމުން 10 ގުނަ އިތުރުކުރައްވަވައި ހޭދަކުރި މީހާއަށް ދެއްވަވާނެކަންވެސް އެއީ ވަޙީއެވެ. މީހެއްގެ ދަރަޖަ އުފުލަން މަސައްކަތްކޮށްދީ އެހީތެރިވެއްޖެ ނަމަ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާ އުފުއްލަވައި ދެއްވަވާނެތެވެ! މީހަކަށް އެއްޗެއް ދީފިނަމަ އެއަށްވުރެ ގިނައިން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ! 

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އާމްދަނީ ލިބެނީ ވަކިވަރަކަށެވެ. އެކި މީހުންނަށް އެކިވަރަށެވެ. ބައެއް މީހުންނަށް ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް މަސް ނިމޭއިރު ފައިސާ ހުސްވެގެން ދަރަނިވެރިވާންޖެހެއެވެ. ކުންފުނީގެ ވިޔަފާރި ކިތަންމެ ރަނގަޅު ނަމަވެސް އަބަދުވެސް އޮންނަނީ ލޯނު ނަގަންޖެހިފައެވެ. އަނެއް ބައަކަށް މަދު ފައިސާކޮޅެއް ލިބުނު ނަމަވެސް މަސްނިމޭއިރުވެސް ކޮންމެވެސް މިނަވަރެއް އިތުރުވެފައިވެސް ހުރެއެވެ. 

މިހެން މިދިމާވަނީ ކިތަންމެ ގިނައިން ފައިސާ އަތަށްއެރި ނަމަވެސް އެ ފައިސާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާފައި ނުވާތީއެވެ. އެ ޙާލަތު މެދުވެރިވުމުން އަބަދުވެސް އޮންނާނީ ކޮންމެ ޚަރަދުތަކެއް އިތުރަށް ކުރަން ޖެހިފައެވެ. ކުރަން ނުޖެހުނު ނަމަވެސް އޮންނާނީ ކުރެވިފައެވެ.

މިސާލަކަށް ބުނާނަމަ އެއްކުންފުންޏެއްގެ އުފެއްދުމެއް 2 މީހަކު ގަތީއެވެ. އެކަކު ގަތް އެތި ދާދި އަވަހަށް ހަލާކުވެގެން އޮންނަނީ އިތުރަށް ޚަރަދުކުރަން ޖެހިފައެވެ. އަނެކަކު ގަތް އެތި އެތައް އަހަރަކު އެއްވެސް މައްސަލައެއް ނުޖެހި ބޭނުން ކުރެވެއެވެ. މިފަދަ ގޮތެއް މެދުވެރިެއްޖެ ނަމަ ފުރަތަމަ ކަމަކަށްވެސް އެ އެއްޗެއް ގަތުމަށް ތިމާ ހޭދަކުރި ފައިސާ ހޯދިގޮތަކާއިމެދު ވިސްނައިލާށެވެ! އަދި ﷲ ތަޢާލާ ރހިވޮޑި ނުގަންނަވާ ޢަމަލުތައް ތިމާއަށް ކުރެވޭ މިންވަރާއިމެދު ވިސްނައިލާށެވެ! 

މީސްތަކުންނޭވެ! ޙައްލަކީ ހަމަ ހިތް ޠޯހިރުކުރުމެވެ! ހިތް ޠޯހިރު ނުކުރެވި އަމަލުތައް ޠޯހިރެއް ނުކުރެވެނެއެވެ. ބާޠިލް، ނުބައި ޢަމަލުތައް ކުރެވޭނެއެވެ. ފާފަތައް ކުރެވޭނެއެވެ! ވީމާ ލިބޭ އާމްދަނީގައި ބަރަކާތް ލެއްވެވުމަށް އެދޭ މީހާވެސް ފުރަތަމަ ކަމެއްގެ ގޮތުން އެމިހާގެ ހިޓް ޠޯހިރުކުރާށެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން