ޙައްޤުގެ މަގުގައި ޘާބިތުވުމަށް ބާރުދޭ ވަސީލަތްތައް- 3

ކިޔުމަށް ހޭދަވާނީ 3މ 21ސ
ޙައްޤުގެ މަގުގައި ޘާބިތުވުމަށް ބާރުދޭ ވަސީލަތްތައް- 3

ޢާއިޝަތު ރަފާޙް ޢަލީ

 

· އިސްތިޢްފާރްކުރުން: 

އިސްތިޣްފާރުކުރުމަކީ އެންމެ މުހިއްމު ކަންތައްކަމުގައި ވެއެވެ. ފާފަތައް ފުއްސަވައިދެއްވާނެ ކަމެކެވެ. އިސްތިޣްފާރު ކުރުމަކީ ވަރަށް މަތިވެރި ދަރަޖަ ލިބިގެންދާނެ ކަމެކެވެ. އެގޮތުން އިސްތިޣްފާރު ކުރުމަށް ކީރިތި ޤުރްއާނުގައި ވެސް އަޅުގަނޑުމެންނަށް އަންގަވާފައިވެއެވެ. ފާފަތައް ފުއްސެވުމުގެ އިތުރަށް، ނިޢްމަތްތައް އިތުރުވެގެންދެއެވެ. 

ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10، 11 އަދި 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾‏يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾‏

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"

ފާފަ ކުރެވުނު ނަމަވެސް މާޔޫސްވުމެއް ނުވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތައް ފާފަ ފުއްސުވުމަށް އެދި ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހެނދުނާ ހަވީރު ކިޔަން ވާރިދުވެފައިވާ ދުޢާތަކުގައިވެސް 100 ފަހަރު އިސްތިޣްފާރު ކުރުމަށް އައިސްފައިވެއެވެ. ގިނަގިނައިން ﷲ ތަޢާލާއަށް ދަންނަވާ އަޅުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. 

އިސްތިޣްފާރުކޮށް ﷲ ތަޢާލާއަށް ދަންނަވާ ނަމަ ޙައްޤުގެ މަގުގައި ހުރުމަށް އެހީތެރިވެދެއެވެ. އަދި މުޞީބާތްތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. އަޅުގަނޑުމެންނަސް އެނގިގެންނާ ނޭނގި ފާފަ ކުރެވެއެވެ. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތައް ފާފަ ފުއްސަވައި ދެއްވާތޯ ދަންނަވަން ޖެހެއެވެ. 

އަޅުގަނޑުމެން އަބަދުވެސް ނަމޫނާ ނަގަންވާނީ ނަބިއްޔުންނާއި ރަސޫލުންގެ ޙަޔާތްޕުޅުންނެވެ. އެގޮތުން އެބޭކަލުން ކިތަންމެ ހިތްދަތި ކަމެއް ދިމާވި ނަމަވެސް ﷲ ތަޢާލާއަށް ދަންނަވައެވެ. އެގޮތުން ޔޫނުސްގެފާނު ބޮޑުމަހުގެ ތެރޭގައި ﷲ ތަޢާލާއަށް ދުޢާ ކުރެއްވިއެވެ. 

ﷲ ތަޢާލާ އަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ ﴿٨٧﴾‏

މާނައީ: "އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (87)"

މިއަދު އޮންލައިން