ކިތަންމެ ރުޅި އައިނަމަވެސް އެއްވެސް މީހެއްގެ ސިއްރެއް ބޭޒާރުކޮށްގެންނުވާނެއެވެ. އެއީ އެމީހަކަށް ކުރެވިފައިވާ ކުށަކަށްވާނަމަވެސް ފާފައަކަށްވީނަމަވެސްމެއެވެ. އެކަން ހިމެނިގެންދާނީ ޣީބަބުނި ކަމަށެވެ. އެހެނީ ޣީބަ ބުނުމަކީ އަނެކާ ނުރުހޭނެ އޭނާގެ ވާހަކަދެއްކުމެވެ.
މަތިމައްޗަށް ފާފަވެރިވާނެ ސަބަބުވެސް ބުނެލާނަމެވެ. އެކަމެއް އެހެން މީހުންނަށް އެނގި އެކަމުގެ ވާހަކަ އެހެން މީހުން ދެއްކީމާ އެމީހުންވެސް އެބުނަނީ ހަމަ ޣީބައެވެ. އެކަމުން ބައިއެޅޭނެތީއެވެ. ބައިއެޅޭނީ އެކަން ހާމަކުރިމީހަކީ ތިމާކަމަށްވުމުންނެވެ.
ވީމާ މީހަކު ދެކެ ރުޅިއައިނަމަވެސް އެއީ ސިއްރަކަށްނުވިނަމަވެސް ގިނަބައަކަށް އެނގިފައި އޮތް ކަމެއް ނަމަވެސް އެމީހަކަށް ކުރިން ކުރެވިފައިވާ އެބާވަތުގެ އެއްވެސް ކަމެއްގެ ވާހަކަ ނުދައްކާށެވެ. އަލުން އެކަމުގެ ވާހަކަ ދައްކަން ފެށުނީ ތިބާގެ ސަބަބުން ކަމަށްވިޔަނުދޭށެވެ.
މިވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ މިހާރަކަށް އައިސް މިކަންކަމަށް ވިސްނާ ނުލައި އަނެކާއާއިމެދު ހިތްހަމަނުޖެހޭ އިރަށް އަނެކާ އާއިމެދު އެބާވަތުގެ ވާހަކަތައް ބިރެއް ނެތި ދެއްކުން ގިނަވަމުން އަންނާތީއެވެ. އެކަމުގެ ސަބަބުން ގިނަ ބައަކު ފާފަވެރިވަމުން އަންނާތީއެވެ.
މިބުނެވުނު ޒާތުގެ ވާހަކަތައް ދައްކަނީ އަނެކާ ދެރަކޮށް ނިކަމެތިކޮށްލުމަށެވެ. މީސްތަކުންގެ ތެރޭގައި ފަޟީޙަތްކޮށް އަގުވައްޓާލުމަށެވެ. ނަމަވެސް އެކަން ކުރުމުން އެކަންކުރާ މީހާއަށް ލިބޭނެ ދެރަ މާބޮޑެވެ. އެއީ އެމީހަކު ފާފަވެރިވާނެތީއެވެ.
އަދިވެސް ވިސްނައިލާށެވެ! ތިމާއަށް ކުރެވޭ މިބާވަތުގެ ކަމަކުން އެއްވެސް މީހެއްގެ ޢާއިލީ ދިރިއުޅުމަށް އަސަރުކޮށްފިނަމަ އެއީ އަނެކާއަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ. އެއީވެސް ހަމަ ކުރެވޭ ފާފައެކެވެ. އެކަމަށް ވިސްނާނުލައި ގޭތެރޭގައި ޖެހޭ މައްސަލައަކާއި ގުޅިގެންވެސް މިބުނި ޒާތުގެ ކަންކަން އެބަކުރެއެވެ. އެކަމުގެ ސަބަބުން ޢާއިލީ ގުޅުންތައް ކެނޑިގެންއެބަދެއެވެ. ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
މަޢުލޫމާތު: ޝައިޚް މުޙައްމަދު އިބްރާހީމް، އިސްލާމީ ތިލަފަތުގެ ދަރުސަކުން