ނަފްސް ހިސާބުކުރުމުގަ ޔަޤީންކުރަންޖެހޭ 4 ކަމެއް- އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ގެ ބަސްފުޅަކުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ނަފްސް ހިސާބުކުރުމުގަ ޔަޤީންކުރަންޖެހޭ 4 ކަމެއް- އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ގެ ބަސްފުޅަކުން-

މިހާރަކަށް ގިނަވަމުން މިދަނީ ތިމާއަށް އުޅެވޭ ގޮތް އެއީ ހަމަ އެންމެ ބަރާބަރު ގޮތް ކަމަށް ޤަބޫލުކުރެވޭ މީހުންނެވެ. އަދި ތިމާއަށް ކުރެވޭ ކޮންމެ ކަމަކީވެސް އެންމެ ރަނގަޅު ކަންކަން ކަމަށް ޤަބޫލުކުރެވޭ މީހުންނެވެ. ހިތާމައަކީ އެފަދަ މީހުންނަށް އެމީހުންގެ ނަފްސް ހިސާބުނުކުރެވޭނެ ކަމެވެ. ޢަމަލުތައް އިޞްލާޙްކުރަން ކުރަންޖެހޭ ކަންކަން ނުކުރެވޭނެ ކަމެވެ. 

ނަފްސު ހިސާބުކުރުމުގެ ވާހަކަ ދައްކާއިރުގާ އެންމެ މުހިއްމު އެއްކަމަކީ، ކިހިނެއްބާއޭ ނަފްސު ހިސާބު ކުރާނީ؟ ކޮންތާކުންހޭ ނަފްސު ހިސާބު ކުރަން ފައްޓާނީ. 

އަލްއިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނަކީ މިފަންނުގަ މިކަހަލަ ކަންކަމުގަ ވަރަށް ފުންނާބުއުސް ބޭކަލެއް، ވިދާޅުވަނީ ނަފްސް ހިސާބުކުރުމުގާ ފަށާށޭ ފުރަތަމަ ވެސް ފަރްޟު ކަންތައްތަކުން ކިހިނެއްތޯ؟ ތިމާގެ ފަރްޟު ކަންތައްތައް ހުރީ ﷲ އަމުރުކުރެއްވި ވާޖިބުތައް އަދާކުރުމުގަ ތިމަންގެ ޢަމަލުތައް ހުރީ ކިހިނެއްތޯ؟ އެކަމުން ފަށާށޭ! މިސާލަކަށް ފަރުޟު ނަމާދުތައް ނަމާދަށް ރައްކާތެރި ވެވެނީ ކިހާވަރަކަށްތޯ؟ ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާވަރަކަށްތޯ؟ ނަމާދުގާ ޚުޝޫޢަތްތެރިކަން ހުންނަނީ ކިހާވަރަކަށްތޯ؟ ނަމާދުގެ ޖަމާޢަތަށް  ޙާޟިރު ވެވެނީ ކިހާވަރަކަށްތޯ؟ ނަމާދުން ފަށާށޭ! ވިދާޅުވަނީ ފުރަތަމަ ފަށާށޭ ކޮންކަމަކުން؟ ފަރްޟު ކަންތައްތަކުން، ފަރްޟު ކަންތައްތަކުން ފަށާށޭ! 

ދެން ދެވަނަޔަށް ވިދާޅުވަނީ ﷲ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭމިންވަރު ބަލާށޭ! ނަފްސު ހިސާބު ކުރުމުގާ ﷲ އަށް އުރެދުމަކަށްވާ ކަމަކަށް އަރައިގަނެވިފާ ވޭތޯ،  ނޫންތޯ އެކަން ބަލާށޭ! 

އެހެންވީމާ، އެއީ ނުރައްކާތެރި ކަމުގެ ހިސާބުތަކުން ފުރަތަމަ މިފައްޓަންޖެހެނީ އެހެންވީމާ، އަމުރު ކުރެއްވި ކަންކަން ދެންމިބަލަންޖެހެނީ ކޮންކަމެއް ނަހީ ކުރެއްވި ކަމަކަށް ނަމަނަމަ އަރައިގަނެވިއްޖެތޯ؟ އެކަން ވަރަށް ރަގަޅަށް ބަލަންވާނޭ ދެން އެޔާވިދިގެން ވިދާޅުވަނީ ތިމަންނާޔަށް ޣާފިލު ކަން މެދުވެރިވީ ކޮންޙާލަތެއްގަ ކޮންކަމަކުތޯ އެކަންކަން ބަލާށޭ! ޣާފިލު ކަމުގެ މާނަޔަކީ ކޮބާ؟ 

ލޮބްވެތި އަޚުންނާއި އުޚްތުންނޭ! އެއީ އާޚިރަތުގެ މަތިން ހަނދާން ނުވުން. އެއީ ދުނިޔެއާއި ނުވަތަ އެނޫންވެސް މާއްދީ ކޮންމެވެސް ކަމެއްގައި ޖެހިގެން އެމީހާގެ އަސްލު ދުނިޔޭގައި ﷲ ލެއްވި މަޤްޞަދާއި، ހިސާބު ބެއްލެވުމާއި، މަރުވުމާއި، އާޚިރަތާއި، ކަށްވަޅާއި، ޞިރާޠުމަގާއި، މިކަންކަމުގެ ތަންތަނުގެ މަތިން ހަނދާންނެތުން. އެހެންވީމާ، ޣާފިލުވެވިފަވޭތޯ ބަލާށޭ! ވަރަށްގިނަ ފަހަރަށް ނުބައި ކަންކަމުގެ ތެރެޔަށް ވަދެވެނީ ޣާފިލުކަމުގެ ތެރެއިންލާފަ. 

ފަހުކަމަކަށް ވިދާޅުވަނީ: ދެންބަލާށޭ ތިމާގެ ޢަމަލުތައް ހުރީ ކިހިނެއްތޯ؟ ދުލުގެ ޢަމަލުތައް، އަތުގެ ޢަމަލުތައް، ފައިގެ ޢަމަލުތައް އެހެނިހެން ގުނަވަންތަކުގެ ޢަމަލުތައް ކިހިނެއްތޯ އެގުނަވަންތައް  ޢަމަލުކުރަމުންދަނީ، ﷲގެ ރުހިވޮޑިގަތުމުގެ ތެރޭގަތޯ؟ ނުވަތަ އެކަލާނގެ ރުހިވޮޑިގަތުމުން ބޭރުގަތޯ؟ ކިހިނެއްތޯ ބަލާށޭ! 

ބޭފުޅުންނޭ! މިމުހިންމު ހަތަރު ކަންތައް އަޅުގަނޑުމެންގެ ޙަޔާތުގާ ބަލާކަމަށް ވަނީނަމަ އަޅުގަނޑުމެންގެ ނަފްސުތައް އިޞްލާޙް ކުރުމަށް ވަރަށްބޮޑަށް ބާރުއެޅިގެންދާނެ، އެހެންވީމާ، ނަފްސު ހިސާބުކޮށް ބެލެހެއްޓުމަކީ، އެއީ ވަކިބަޔަކަށް އޮތްކަމެއްނޫން! އެއީ ހުރިހާއެންމެންނަށް އޮތްކަމެއް އެއީ ތަޤްވާވެރިންވެސް ކުރަންޖެހޭކަމެއް، އެންމެ އާދައިގެ މީހާވެސް ކުރަންޖެހޭ ކަމެއް، އެއީ ވެރިންވެސް ކުރަންޖެހޭކަމެއް ޢާއްމު ރައްޔިތުމީހާވެސް ކުރަންޖެހޭ ކަމެއް، އެއީ އަންހެނުންވެސް ކުރަންޖެހޭ ކަމެއް، ފިރިހެނުންވެސް ކުރަންޖެހޭ ކަމެއް. ނަފްސު ހިސާބު ކުރުމަކީ ހުރިހާ ފަންތިއެއްގެ ހުރިހާ އެންމެންވެސް ކުރަންޖެހޭކަމެއް. އެހެންވީމާ، ނަފްސު ހިސާބު ކޮށްގެންނޫނިއްޔާ އެމީހާގެ ނަފްސު ހުރީ ރަގަޅު މަގުގާކަން ކަށަވަރެއް ނުކުރެވޭނެ. އެހެންވީމާ، ނަފްސު ހިސާބު ކުރުން އެއީ ވަރަށް މުހިންމު ކަމެއް. 

- ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން