ދަހިވެތިކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައެއް ނޫނެވެ. ދީލަތިކަމަކީ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އެއްސިފައެވެ. އެހެންކަމުން ދީލަތި މީހަކަށް ވުމަށާއި ދީލަތިކަން އިތުރުކުރަން މަސައްކަތްކުރަން އެބަޖެހެއެވެ. ދީލަތިވާން އަނެކާއަށް ދޭނެ އެއްޗެއް އަތުގައި ނެތްނަމަވެސް އަނެކާއަށް މާފުކުރެވިދާނެއެވެ. މާފުކުރުމަކީވެސް ދީލަތިވުމެވެ.
އަހަރެމެން ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަނީ ސުވަރުދެއްވަވާ އަޅުންގެތެރޭގައި ހިމެނުމަށެވެ. އެހެންކަމަށްވާއިރު ސުވަރުގެ ލިބެން އޮތް ކޮންމެ ކަމެއްކުރަންވެސް ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.
އެންމެ ދީލަތި މީހަކީ އެއްވެސް ޝަރުޠެއް ނެތި ގިނަގިނައިން މާފުކުރާ މީހާކަމުގައި ބުނެވެއެވެ. އަދި މާފުކުރަން އަވަސްވެގަންނަ މީހުން ހިމެނެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާ އަޅުންގެތެރޭގައެވެ. ވީމާ ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެކެވެ!
އެކަން އެނގިގެންދަނީ އަންނަނިވި 2 އާޔަތުންނެވެ!
"އަދި، ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިއަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ". (އާލްޢިމްރާން: 133)
"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލްޢިމްރާން: 134)
ފުރަތަމަ އާޔަތުގައި ވަޙީކުރައްވަވާފައި އެވަނީ ތިއަބައިމީހުންގެ ވެރި ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް އަވަސްވެގަތުމަށެވެ. އަދި އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށް ކަމަށެވެ.
ދެވަނަ އާޔަތުގައި އެވަނީ ތަޤްވާވެރިންނަކީ ކޮންބައެއް ކަމެވެ. ތަޤްވާވެރިންގެ ބައެއް ސިފަތަކެވެ.
ތަޤްވާވެރިންނަކީ ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އަދި، ރުޅި މަތަކޮށް ހިފަހައްޓާ އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އަދި މިފަދަ މީހުންނަކީ އިޙްޞާންތެރިން ކަމާއި އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގަންނަވާ ކަމަށެވެ.
ކޮންމެ ދެމަފިރިއަކުން ވިސްނައިލަންވީ ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރިވި ނަމަވެސް ރުޅި އިސް ނުކުރުމަށެވެ. ރުޅި ކޮންޓްރޯލްކޮށް މައިތިރިކުރުމަށެވެ. ހަމަ އެއާއިއެކު އެކަކު އަނެކަކަށް ގިނަގިނައިން މާފުކުރުމަށެވެ! އެއިރުން ﷲ ތަޢާލާގެ ވާގިފުޅާއިއެކު މި އާޔަތްތަކުގައިވާފަދަ ބައަކު ކަމުގައި ވެވި ސުވަރުގެ ލިބުމަށް އެދަނީ މަގުފަހިވެގެންނެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން