ޛިކުރުކުރުމުގެ 4 ދަރަޖަ: ޛިކުރުކުރުމުން އެންމެ ގިނަ ޘަވާބުލިބޭނެ ގޮތާ އެންމެ މަދުން ލިބޭ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޛިކުރުކުރުމުގެ 4 ދަރަޖަ: ޛިކުރުކުރުމުން އެންމެ ގިނަ ޘަވާބުލިބޭނެ ގޮތާ އެންމެ މަދުން ލިބޭ ގޮތް-

ޛިކުރުކުރުމުގައި 4 ދަރަޖައެއް ވެއެވެ. ފުރަތަމައީ 1 ވަނަ ދަރަޖައެވެ. އެއީ އެންމެ މަދުން ޘަވާބު ދެއްވަވާނެ ގޮތެވެ. އެގޮތަކީ ދުލުން ޛިކުރްކުރާއިރު ވިސްނުން ދުނިޔަވީ ކޮންމެވެސް ކަމެއްގައި ބަހައްޓައިގެން ކިޔުމެވެ. މާނައަށް ނުވިސްނައި ނުވަތަ ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ކިޔުމެވެ. 

ދެން އޮތީ ދެވަނަ ދަރަޖައެވެ. އެއީ ދުލުން ޛިކުރު ކިޔާއިރު މާނައަށް ވިސްނައިގެން ނުވަތަ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި އިނދެގެން ކިޔުމެވެ. 

ދެން އޮތީ 3 ވަނަ ދަރައެވެ. އެއީ ދުލުން ޛިކުރު ކިޔަމުންދާއިރު މާނައަށް ނުވަތަ ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ވިސްނަމުން ޛިކުރު ކިޔުމެވެ. 

ދެން އޮތީ 4 ވަނަ ދަރަޖައެވެ. އެއީ އެންމެ މަތިވެރި ދަރަޖައެވެ. އެއީ 3 ވަނަ ދަރަޖައިގައި ބުނެވުނު ކަންކަމުގެ އިތުރުން މީސްތަކުންނަށް ސިއްރުން އެކަނި އިނދެ ވަރަށް އިޚްލާޞްތެރިކަމާއިއެކު ޛިކުރުކުރުމެވެ. 

ވީމާ ޛިކުރުކުރުމުގެ އެންމެ މަތިވެރި ދަރަޖައަކީ، އެންމެ ގިނަ ޘަވާބު ދެއްވަވާނެ ގޮތަކީ މީސްތަކުންނަށް ސިއްރުން އެކަނި އިނދެ އިޚްލާޞްތެރިކަމާއިއެކު ދުލުން ޛިކުރު ކިޔަމުން މާނައަށް ނުވަތަ ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ވިސްނަމުން ޛިކުރު ކިޔުމެވެ. 

ރޭއަޅުކަމަށްފަހު ޛިކުރުކުރުމުގެ މަތިވެރިކަން ބޮޑުވާ ސަބަބަކީވެސް މިކަންކަމެވެ. މިބުނި މަގުން ޛިކުރުކުރަން އެންމެ ފަސޭހަވާނީ އެވަޤުތުގައި ކަމަށްވާތީއެވެ. އެވަޤުތުގައި އިވޭ އަޑުތައް މަދުވެފައި ދުނިޔަވީ ޒިންމާތަކުން ތިމާގެ ވިސްނުން އެންމެ ބޮޑަށް ސަލާމަތްކުރެވޭނެ ވަޤުތަކީ އެއީކަމަށްވާތީއެވެ. 

މިބަޔާންކުރި ކަންކަމުގައި ޛިކުރުކުރުން ދަރަޖަކުރާނީ އެއްނެމަތި، 1 ވަނަ ދަރަޖައަކީ 4 ވަނަ ދަރަޖަ، ދެން 3 ވަނަ ދަރަޖަ، ދެން 2 ވަނަ ދަރަޖަ، ދެން (އެންމެ ދަށް) 1 ވަނަ ދަރަޖަ ކަމަށް ތަރުތީބުކޮށްގެންނެވެ. 

މަތީ ދަރަޖަތަކުގައި ނުކުރެވޭނަމަ އެއްވަނަ ދަރަޖައިގައިނަމަވެސް ޛިކުރުކުރާށެވެ. ޙައްޤުވާ މިންވަރަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢްލޫމާތު: ޝައިޚް ޢަން ޢަލީ

މިއަދު އޮންލައިން