އުންމު ނަވާރު
މިފަހަކަށް އައިސް އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ކުދިންގެ އަޚްލާޤް ގޯސް ވަމުންދާ ވާހަކައެވެ. ފުރާވަރުގެ ކުދިންގެ ފަރާތުން އެތައް ނޭދެވޭ އަމަލުތައް ފެންނަމުންދާ ވާހަކައެވެ. މި ކުދިންނަކީ މި ގައުމުގެ މާދަމާގެ މުސްތަގްބަލެވެ. އެހެނަސް މި ކުދިންގެ ތެރެއިން ގިނަ ކުދިންގެ ފަރާތުން ފެންނަމުންދާ އަމަލުތަކުން ފެންނަމުންދަނީ މި ގައުމުގު މުސްތަގުބަލް ބަނަވަމުންދާ މަންޒަރެވެ. މިއީ ގައުމުދެކެ ލޯބިވާ ކޮންމެ މީހަކު ހަމަގައިމުވެސް ހިތާމަ ކުރާނެ ކަމެއްކަށް ކަށަވަރެވެ.
ޚަރަދުތައް މިހާ ބޮޑުވުފައިވާ މި ޒަމާނުގައި ދެމެފެރިން މަސައްކަތް ނުކޮށް ގިނަފަހަރު ގޭތެރޭ ޚަރަދުތައް ބަލަހައްޓަށް އުދަނގޫވެގެންދެއެވެ. ކުދިން ބޭރު މީހުންގެ ބެލުމުގެ ދަށަށް ދޫކޮށްލާފައި ވަޒީފާއަށް ދިއުމުން މަންމައަށް ގިނަ ފަހަރު އިސްލާމީ ތަރުބިއްޔަތެއް ކުދިންނަކަށް ނުދެވެއެވެ. މީގެ ސަބަބުން ކުދިންގެ އަޚްލާގު ގޯސްވުމަށް މަގުފަހިވެއެވެ. ހިތާމައަކީ މަޖުބޫރު ހާލަތެއް ނެތިވެސް ބައެއް މަންމައިން އެމީހުންގެ ކުދިން ދޫކޮށްލާފައި ބޭރު ތެރޭގައި ގިނަ ވެގެން އުޅޭ ކަމެވެ.
ގިނަ މައިންބަފައިންނަށް ކުދިން ކުޑައިރުން ފެށިގެން ސްކްރީން އަދި އިންޓަނެޓާއި ދޯޅު ކުރުވެއެވެ. އެއް ކްރެކްޓާ އަނެއް ކްރެކްޓާއަށް އަނިޔާކޮށް ބުލީ ކުރާތަށް ކާޓޫންތަކުން އެބަ ބެލެއެވެ. ކުދިންގެ ފޭވަރިޓް އަކަށް ވެފައި އޮންނަނީ މި ބުނާ ކާޓޫންތަކުގައި އުޅޭ ކްރެކްޓަރުންނެވެ. އިންޓަނެޓްއިން ކުދިން ބަލަނީ ކޮން އެއްޗެއްތޯ ބަލާލެވޭ މައިންބަފައިން މަދެވެ. ގޯސް މަންޒަރުތަކުގެ ސަބަބުން ކުޑައިރުއްސުރެން ކުދިންގެ ޅަ ސިކުނޑިއަށް އަސަރު ކުރަމުންދެއެވެ. މީގެ އިތުރުން ބައެއް ކަހަލަ އޮންލައިން ގޭމްތަކަކީ އޭގައި ގިނަ ނޭދެވޭ ކަންކަން އެކުލެވޭ ގޭމްތަކެކެވެ.
ކުދިންގެ ފުރަތަމަ މަދަރުސާއަކީ ކުދިން އުޅެ ބޮޑުވާ މާހައުލެވެ. ކުދިންގެ ގެއެވެ. ގޭތެރެއިން ކުދިންނަށް ނުރަގަނޅު މަންޒަރުތަކާއި އަޑުތައް އިވެމުން ދާނަމަ ކުދިންގެ އަޙްލާގު ރަނގަޅުވުމަށް އުންމީދު ކުރުމަކީ ބޭކާރު ކަމެކެވެ. ނުރުހޭ ކަމެއް ދިމާވާއިރަށް މަންމަ ޢައި ބައްޕަ ހަޅޭލަވައި ޒުވާބުކޮށް ހަދާނަމަ ކުދިންނަށްވެސް ދަސްވާނީ އެކުދިން ނުރުހޭ ކަމެއް ދިމާވާއިރަށް ހަޅޭލަވައި ޒުވާބު ކުރާށެވެ. ރުޅިއަންނަ ކޮންމެ ފަހަރަކު ތަޅާ އަނިޔާ ކުރާނަމަ ކުދިންނަށްވެސް ދަސްވާނީ އެކަންކަމެވެ. އޭގެ ބަދަލުގައި ނުރުހޭ ކަމެއް ދިމާވީމަ މަންމައާއި ބައްޕަ އެކުގައި އިށީންދެން އެކަންތައް ހައްލު ކުރުމަށް ވާހަކަ ދައްކާތައް ކުދިންނަށް ދެއްކެއްޖިނަމަ ކުދިންގެ ކިބައިގައިވެސް މި އާދަ ހަރުލުން ގާތެވެ. އަބަދުވެސް މައިންބަފައިން ވިސްނަންވީ މައިންބަފައިން ދައްކާ ވާހަކައަށް ވުރެން ބޮޑަށް ކުދިން މައިންބަފައިން ކުރާ ކަންތައްތައް ކޮޕީ ކުރާ ކަމެވެ. ތިމާގެ ދަރިންގެ ކިބައިން ފެންނަށް ބޭނުން ނުވާ ކަންތައްތަކުން ހުދު ތިމާވެސް ފުރަތަމަވީ ދުރުހެލި ވާށެވެ.
މައިންބަފައިން ކުދިންނަށް އަޑުއިވޭ ހިސާބުގައި އެހެން މީހުންނާއި ދިމާއަށް އެއްޗެހި ކިޔާ، އެހެން މީހުން ހުންނަ ސިފައަށް މަލާމަތްކޮށް ހެދުމަކީ އެގެ ސަބަބުން ވަރަށް ނޭދެވޭ އަސަރު ކުދިންގެ ކިބައިގައި ހަރުލާނެ ކަމެކެވެ. މީގެ ސަބަބުން ކުއްޖާއަށް ހިތްވަރު ލިބިގެންދަނީ ސްކޫލްގައާއި ބޭރު ތެރޭގައި އުޅެމުން ދާއިރު އެހެން ކުދިންނާއި ދިމާލަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަށެވެ.
ކޮންމެ ކުއްޖަކީވެސް ކުށް ކުރެވޭނެ ކުދިންނެވެ. ނަމަވެސް ހިތާމައަކީ ބައެއް މައިންބަފައިން އެމީހުންގެ ދަރިން ކުށް ކުރީމައި އެކަމާ އަޅާނުލާ ދޫކޮށްލާކަމެވެ. މާ ބޮޑު ކަމަކަށް ނުހަދައި އަޅާނުލުމެވެ. ދަރިފުޅު ކުޑަކަމަށް ބުނަމުންނެވެ. ނުވަތަ އަދި ފަހުން ރަނގަޅު ވާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ކުދިން ފުރަތަމަ ގިނަ ފަހަރު ކުށް މި ކުރަނީ ގޭގައެވެ. މައިންބަފައިންނަށް ފެންނަ ހިސާބުގައެވެ. ކުދިން ކުށް ކުރުމުން އެކަމާ އަޅާނުލާ އެއްވެސް އަދަބެއް ނުދީ އަދި ކުދިންނަށް މި ކުރެވުނީ ގޯސް ކަމެއްކަށް އަންގައި ނުދީ ބެހެއްޓުމުގެ ނަތީޖާއަކީ ފަހުން މައިންބަފައިންނަށް ނުފެންނަ ހިސާބުގައި ކުދިން ކުށް ކުރަން ފެށުމެވެ. ހަމަ މިފަދައިން ސްކޫލް ތަކުންވެސް ކުށް ކުރާ ދަރިވަރުންނަށް އަދަބު ނުދީ ބެހެއްޓުމުން އެކުދިން މުސްތަގްބަލުގައިވެސް މިފަދަ ކުށްތައް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދެއެވެ.
ސްކޫލްގައި ޓިޗަރުން ކުދިންގެ މެދުގައި ތަފާތު ކުރުމުގެ ސަބަބުން ކުދިންގެ މެދުގައި އެކި ކަހަލަ މައްސަލަތައް ކުރިމަތިވުމަށް ދޮރެއް ހުޅުވިގެންދެއެވެ. ކިޔަވަން އުދަނގޫ ކުއްޖާއަށް ބައެއް ޓީޗަރުން އަޅާނުލުމުގެ ސަބަބުން ކުއްޖާއަށް އޭނާއަކީ ބޭކާރު ކުއްޖެއްގެ ގޮތުގައި ވިސްނެއެވެ. މިހެން ވުމުން ކްލާސް ރޫމްގައި އަޑުގަދަކޮށް ނޭދެވޭ ބައެއް ކަންތައްތައް މިކުދިންގެ ފަރާތުން ފެނެއެވެ.
އަޅުގަނޑުމެންގެ ލޯބިވާ ކުދިން އެއްކޮށް ހަލާކު ވުމުގެ ކުރިން އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ކުދިންގެ އަޚްލާގު ރަނގަޅު ކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަންކަން ހޯދައި ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ މީހަކުވެސް އަޒުމް ކަޑައަޅަންވީ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ފަރާތުން އަޚްލާގީ ގޮތުން ދަށްފެންވަރުގެ ކަންކަން ނުފެނުމަށެވެ.
ލިޔުނީ: އުންމު ނަވާރު