އެކަނިވުމުން މިކުރަނީ ފާފައެއްކަމަށް ޤަބޫލުވެސް ނުކުރެވި ކުރެވޭ ފާފަތަކުން ނަރަކައަށް ވަންނަންޖެހުން- ލިބޭނެ އެންމެ ބޮޑު އެއް ދެރަ!: ޝައިޚް ޙަމްޒާ ޔޫސުފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެކަނިވުމުން މިކުރަނީ ފާފައެއްކަމަށް ޤަބޫލުވެސް ނުކުރެވި ކުރެވޭ ފާފަތަކުން ނަރަކައަށް ވަންނަންޖެހުން- ލިބޭނެ އެންމެ ބޮޑު އެއް ދެރަ!: ޝައިޚް ޙަމްޒާ ޔޫސުފް

ޒަމާން ފަސްވެ ކަންކަން ފަސޭހަވުމުން ފަސޭހަވެގެން ދިއައީ ހަމައެކަނި ފާފަކުރާކަށް ނޫނެވެ. އަޅުކަމުގައި ކުރިއަރައިދާންވެސް ވަނީ ފަސޭހަވެފައެވެ. ހިތާމައަކީ އަޅުކަމުގައި ކުރިއަރާ ދިއުމުގެ ބަދަލުގައި ފާފަކުރުމުގައި ކުރިއަރައިގެން ދެވޭކަމެވެ.  

ﷲ ތަޢާލާ އެއީ ބޮޑެތި ފާފަތައް ކަމަށް ކަނޑައަޅުއްވަވާފައިވާ ފާފަތަކަކީ ކޮބައިކަމާއިމެދު ވިސްނައިލެވެނީވެސް ވަރަށް މަދުމީހަކަށެވެ. އެހެންވެ މިބަލައިލަނީ މިއަދުގެ ޙާލަތަށެވެ.  

ޝައިޠޯނާ މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. ޓެކްނޮލޮޖީގެ ގޮތުން އިންސާނުން ކުރިއަރައިދިއުމުން އެކަމުގެ ތެރެއަށް ވެސް ވަދެގަނެ އެގެންދަނީ މީސްތަކުންގެ އަތުގައި ހިފައި ނަރަކަ ޢާއި ދިމާއަށް ދަމަމުންނެވެ.  

މިސާލަކަށް ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަން ކުރުމަކީ ކުރިން ނުވަތަ މިހައިތަނަށް އެއްވެސް މީހަކަށް އެކަނި ހުރެ ކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި އެކަނި ހުރެ ކުރިނަމަވެސް އެކަން ކުރިކަން އެނގޭނެ އެހެން ބައަކު ނުތިބޭނެއެވެ. ވީމާ އެކަމުގެ ސަބަބުން ފެތުރިގެންދާނެ ފިތުނައެއްވެސް ނުއޮންނާނެއެވެ.  

ނަމަވެސް މިއަދުގެ ޙާލަތު ނިކަން ބަލައިލަބަލާށެވެ! ގޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް އެކަނިވެލެވޭއިރަށް ﷲ ގެ މަތިންހނދުމަކުރުމުގެ ބަދަލުގައި ފުރަތަމަވެސް އަތަށް  ނަގަނީ ފޯނެވެ! ކޮންމެވެސް މީހަކާއި ގުޅައިގެންވެސް ދައްކަނީ ކޮންމެވެސްއެހެން މީހެއްގެ ވާހަކަތަކެކެވެ. ކުރެވޭ ކަމަކީ ޣީބަ ބުނުމާއި ނެތިމޮށުމެވެ. އަނެއްކޮޅުން ފޯނު ނަގާނެމީހަކު ނެތް ނަމަ ސޯޝަލް މީޑިއާގައި ނަމަވެސް ކޮންމެވެސް ބައެއްގެ ކޮންމެވެސް ވާހަކަތަކެއް ލިޔާނެއެވެ.  

ނިކަން ބުނެބަލާށެވެ! ކުރިން އެކަކު އެކަނި ހުރެ ނުކުރެވޭ އެތައް ފާފަތަކެއް މިހިރަދަނީ މިހާރު އެކަނި ހުރެ ކުރެވެމުން ނޫންހެއްޔެވެ؟ އެކަމަށް ޝައިޠޯނާ މިވަނީ މަގުފަހިކޮށްދީފައި ނޫން ހެއްޔެވެ؟ އެކަންކަމުގެ ސަބަބުން ކުރެވޭ ފާފަތައް އިތުރުވެ ދުނިޔޭގައި ހުރިއިރު ކުރެވުނު ހެޔޮއަމަލުކޮޅުން ބަދަލުދޭން ޖެހި ނަރައްކައަށް ވަންނަން ޖެހިދާނެކަން ހަމަ ނުއެނގެނީ ހެއްޔެވެ؟  

މީސްތަކުންނޭވެ! ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަމަކީ ހަމަ އެންމެ ނުބައިކަންބޮޑު ފާފަތަކެވެ. އެކަންކަމުގެ ސަބަބުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވި ޤިޔާމަތް ދުވަހު ބަދަލު ދޭން ޖެހޭނެ ފާފަތަކެވެ. އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތްކުރުމަކީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. ވީމާ ޝައިޠޯނާގެ މަޅީގައި ޖެހި ތިމާގެ ދުލުގެ ނުބައިކަމުން ނަރަކައަށް ވަންނަން ޖެހޭ މީހަކަށްނުވާށެވެ!

 

- ޝައިޚް ހަމްޒާ ޔޫސުފްގެ ދަރުސަކުން

 

މިއަދު އޮންލައިން