ފޭކް އައިޑީ ބޭނުންކޮށްގެން ފާފަކުރީމާ ކުރެވޭ ފާފަ ގިނަވާކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ފޭކް އައިޑީ ބޭނުންކޮށްގެން ފާފަކުރީމާ ކުރެވޭ ފާފަ ގިނަވާކަން އެނގޭހެއްޔެވެ؟

ސޯޝަލް މީޑިއާގެ މިއަދު ޙާލަތަށް ބަލައިފިނަމަ އެމީހެއްގެ ޙަޤީޤީ ނަމުގައި ޙަރަކާތްތެރިވާނީ ވަރަށް މަދު މީހެކެވެ. ގިނަ މީހުން ހަރަކާތްތެރިވެރިވާނީ ފޭކް ނަންނަމުގައެވެ. އޮޅުވާލައި އެއީ ކާކުކަން ނުވެސް އެނގޭނެ ފަދަ ނަންނަމުގައި އެތައް ބައިވަރު އެކައުންޓްތައް ހުޅުވައިގެން އުޅޭ މީހުން ވަރަށް ގިނައެވެ.   

ނިކަން ވިސްނައިލަބަލާށެވެ! ގިނަ ބައަކު ނެތިމޮށެ، ޣީބަ ބުނެމީހުންގެ އަބުރު ކައިތިލައި މީހުންގެ ޙައްޤުތަކަށް އަރައިގަނެ އެނޫންވެސް ބޮޑެތި ޖަރީމާތައް ހިންގުން ފަދަ ކަންކަން ކުރަނީ ފިލައި ހުރެއެވެ. ކޮންމެވެސް ސިއްރު ނަމެއްގައި ފިލައި ތިބެއެވެ. 

އެގޮތަށް އެކަންކުރާ އެބައެއްގެ ހުރި މޮޔަކަމުގެ ބޮޑުކަމާއެވެ! މިޘާލަކަށް ތިބާގެ ނަމަކީ ހިސާބު އަދަދުން 23 ކަމަށް ހެދިގެން ސޯޝަލްމީޑިއާގައި ލިޔަމުންދިއަ ނަމަވެސް ތިބާގެ ޢަމަލުތައް ލިޔުއްވަވާ މަލާއިކަތް  ބޭކަލުން ތިބާގެ ފަތުގައި ލިޔުއްވަވާނެތެވެ. އެފަތް އޮންނާނީ ހަމަ ތިބާގެ ނަމުގައެވެ. 

މިސާލަކަށް މިވެނި ޢަބްދުﷲ އެއްގެ ދަރި މިވެނި މީހަކު 23 ގެ ނަމުގައި މިވެނި އެވެނި ނުބައި އަމަލުތައް ސޯޝަލް މީޑިއާގައި ކުރިކަމަށެވެ! މިވެނި އެވެނި މީހެއްގެ އަބުރު ކަތިލި ކަމަށެވެ. މިވެނި މީހަކަށް ދޮގު ބުނެ މަކަރު ހެދިކަމަށެވެ. މިވެނި ބަރަހަނާ އަމަލެއް ކުރި ކަމަށެވެ. 

ސޯޝަލް މީޑިއާގައި ތިބާ ލިޔުނު އެންމެ އަކުރެއްވެސް ނުލިޔާ ކަމަކަށް ނުހެދޭނެއެވެ! ޖެހޭނީ ހަމަ ހުރިހާ ކަމަކަށް ޖަވާބުދާރީވާށެވެ! އަޞްލު ނަން އޮޅުވައިލުމަކީވެސް ހެދޭ މަކަރެކެވެ. އެމަކަރުގެ ތެރެއިން ކުރެވޭ ކޮންމެ ނުބައި ކަމެއް ވެގެންދާނީ ކުރެވޭ ހަމަ އިތުރު ފާފައަކަށެވެ. 

މިސާލަކަށް ތިބާގެ ނަމަކީ ޢަލީ އަޚްތަރުކަމަށްވެދާނެއެވެ. މޫސާ ގޫބިސްގެ ނަމުގައި އައިޑީއެއް ހެދުމަކީ އޮޅުވައިލުމެކެވެ. ޖިންސު އޮޅުވާލުމަކީ ހެދޭ މަކަރެކެވެ. އުމުރު އޮޅުވާލުމަކީ ހެދޭ މަކަރެކެވެ. ފޮޓޯ އޮޅުވައިލުމަކީ ހެދޭ މަކަރެކެވެ. މިހުރިހާ މަކަރެއް ހަދައި އެކަންކަމުގެ ފާފަތައް ލިބިގަންނަމުން އެ އައިޑީން ދެން ކުރާ މަކަރުވެރި ކަންކަމާ އުފައްދާ ފިތުނައިން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ 

ހަމަހިލާ ނުވެވޭނެއެވެ. ތިބާ ދުނިޔެއަށް އުފަންވުމަށްޓަކައި މައިމިހާގެ ބަނޑުގައި އަށަގަންނަ ހިނދުން ފެށިގެން ތިބާގެ އައިޑީ އެވަނީ ރަޖިސްޓްރީވެފައެވެ. ކުރާ އެއްވެސް ކަމެއް އަދި ބުނާ، ލިޔާ އެންމެ ބަހެއްވެސް އޮޅުވައެއްނުލެވޭނެއެވެ! ޖެހޭނީ ހަމަ ޖަވާބުދާރީ ވާށެވެ! ވީމާ މިކަންކަމަށް ފުރިހަމަގޮތުގައި ވިސްނައި ރައްކައުތެރިވެ ނަރަކައިން މިންޖުވުމަށްޓަކައި މަސައްކަތްކުރަން ވަޞިއްޔަތް ކުރަމެވެ. 

މިހިރީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ. އެއްބައަކު މީހަކަށް އަންގައިވެސް ނުލައި އެމިހާގެ ނަމުގައި ފޭކް އައިޑީ ހަދައިގެން އެބަ ޙަރަކާތްތެރިވެއެވެ. އެމީހާ ނުވެސް ބުނާނެ ފަދަ ބަސްތައް އެބަ ބުނެއެވެ. މިހިރީ ކުރެވޭ ބޮޑެތި ފާފަތަކެވެ. އެހެނީ މިފަދަ ކަންކަމަކީ އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. 

މިކުރެވެނީ މޮޅުކަމެއްކަމަށް ހީކޮށް އެފަދަ ކަންކަން ނުކުރާށެވެ! ތިމާއަކީވެސް މަރުވާނެ މީހެއްކަމާއި ޤިޔާމަތްދުވަހު ހިސާބު ބައްލަވާނެކަން ހިތަށް ގެނެސް ބިރުވެތިވާށެވެ. ތިމާ ދައްކަން ބޭނުންވާ ވާހަކައެއް ތިމާއަކީ ކާކުކަން އަންގައިގެން ހާމަކުރާށެވެ. ޙައްޤު ބަސްބުނާށެވެ. ފާފަވެރިވާނެ ބަސްތައް ނުބުނާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން