ސިޙުރު ޖެހުމުން އެކަމުން ސަލާމަތްވާން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން: ސިޙްރު ޖެހިފައިވާ މީހާއާށް ދެވޭ ބޭސްވެރިކަމުގެ ފަރުވާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ސިޙުރު ޖެހުމުން އެކަމުން ސަލާމަތްވާން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން: ސިޙްރު ޖެހިފައިވާ މީހާއާށް ދެވޭ ބޭސްވެރިކަމުގެ ފަރުވާ-

ސިޙްރު ޖެހިފައިވާ މީހާއަށް ދެވޭ ބޭސްވެރިކަމުގެ ފަރުވާއަށް ބަލާއިރު ކީރިތި  ރަސޫލާ ގެ ސުންނަތުގެ އަލީގެތެރެއިން ދެބާވަތެއް ހާމަވެގެންދެއެވެ. 

އެއްބާވަތަކީ ކުރީންވެސް ބަޔާން ކުރެވިފައިވާނޭ ފަދައިން ސިޙްރު ހަދާފައިވާ އެތި ނަގައި އެބާޠިލު ކޮށްލުމެވެ. 

އަނެއްބާވަތަކީ މިހާރު މިއަލިއަޅުވައިލެވޭތޯ މަސައްކަތްކުރާ ބާވަތެވެ. އެއީ ބޭސްވެރިކަމުގެ ފަރުވާއާބެހޭ ބާވަތެވެ. އާއެކެވެ! އެމީހާގެ ހަށިގަނޑުން ސިހްރުގެ އުދަގޫ ފޯރާފައިވާތަން ސާފުކޮށްލުމެވެ. އެތާނގައި އިތުރުވެގެން އުޅޭ އެއްޗެއް ބޭރުކޮށްލުމެވެ. 

ފަހެ ސިޙްރަކީ އިންސާނާގެ ޠަބީޢަތަށް އަސަރު ފޯރުވައި ހަށިގަނޑުގެ އަޚްލާޠު (ހިޔުމަރސް) ގައި ހައިޖާނު އުފައްދައި މިޒާޖު ބަދަލުކޮށްލަނިވި އެއްޗެކެވެ. މިހެންކަމުން އެއްވެސް ގުނަވަނެއްގައި އޭގެ އަސަރު ފާޅުވެ އެގުނަވަނުން އެނުބައި މާއްދާ ނެރެ ސާފުކޮށްލެވިއްޖެނަމަ އެވާނީ ވަރަށްވެސް މަންފާހުރި ފަރުވާއަކަށެވެ. 

އަބޫޢުބައިދުގެ "ޣަރީބުލްޙަދީޘް" އެވެކިޔުނު ފޮތުގައި ޢަބްދުއްރަޙްމާން ބުނު އަބީ ލައިލާގެ ކިބައިން ރިވާކުރެވިފައިވާ ގޮތުގައި އަބޫޢުބައިދު އޭނާގެ ސަނަދުން ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން النَّبِيُّ صلّى الله عليه وسلّم   އެކަލޭގެފާނަށް ސިޙްރު ޖެހިވަޑައިގެންހިނދު އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދަޅަކުން ވައިގުޅި ޖެއްސެވިއެވެ." 

މިއީ މިކަމުގެ ޙަޤީޤަތް އެނގިފައިނުވާ މީހުންނަށް އޮޅުން އެކަށީގެންވާ ކަމެކެވެ. އެފަދަ މީހަކު ބުނެފާނެއެވެ. ސިޙްރަކާއި ވައިގުޅި ޖެހުމަކާ ހުރީ ކޮންގުޅުމެއް ހެއްޔެވެ؟ ސިޙްރުގެ ބައްޔާއި ވައިގުޅި ޖެހުމުގެ ބޭހާ ދެމެދުހުރީ ކޮން ގާތްކަމެއްހެއްޔެވެ؟ އެގޮތަށް ބުނާމީހަކު، ބުޤްރާތު ނުވަތަ އަބްޤަރާޠު (HIPPOCRATES) ނުވަތަ އިބްނުސީނާ ނުވަތަ އެނޫންވެސް ބޭކަލަކު މިފަރުވާގެ ވާހަކަ ލިޔުއްވާފައިވާ ތަން ދެކެފިނަމަ އެވާހަކަ ފުރިހަމައަށް ޤަބޫލުކޮށް ތަސްލީމް ކުރާނެއެވެ. އަދި ބުނާނެއެވެ. އެބޭކަލެއްގެ ޢިލްމާއި މޮޅުކަމާމެދު އަހުރެމެން ޝައްކުނުކުރާ ބޭކަލަކު އެފަރުވާގެ ވާހަކަ ލިޔުއްވާފައިވާކަން ގައިމެވެ. 

ކީރިތި ރަސޫލާ صلّى الله عليه وسلّم އަށް ޖެހިވަޑައިގަތް ސިޙްރުގެ މާއްދާ އެކަލޭގެފާނުގެ އިސްތަށިފުޅާ ހަމައަށް ފޯރިއެވެ. އެއީ އިސްތަށިފުޅުގައިވާ ބާރުތަކުގެ ތެރެއިން ބާރަކާ ހަމައަށެވެ. އެހެންވުމުގެ ސަބަބުން އެކަލޭގެފާނަށް ކަމެއް ކުރެއްވޭ ކަމަށް  ޚިޔާލުކުރެއްވޭއިރު ހަޤީޤަތުގައި އެކަމެއް ނުކުރެއްވެއެވެ. އެކަލޭގެފާނަށް އެކަން އެނގިވަޑައިގަނެއެވެ. އެގޮތަށް އެކަން ދިމާވެފައިވަނީ ޠަބީޢަތާއި ލޭގެ މާއްދާއާމެދު ސިޙްރުވެރިޔާ ކޮށްފައިވާ ތަޞައްރުފެއްގެ ސަބަބުންނެވެ. އެހެނީ އެމާއްދާ އެކަލޭގެފާނުގެ ބަނޑުފުޅުގެ ކުރިމަތީބައިގެ މައްޗަށް ގަދަވެފައިވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ އަޞްލީ ޠަބީޢަތާ ޚިލާފަށް އެކަލޭގެފާނުގެ މިޒާޖުފުޅު ބަދަލު ކޮށްލާފައިވެއެވެ. 

ސިޙްރަކީ މުޑުދާރު ރޫޙުތަކުގެ އަސަރު ފޯރުވުންތަކާއި ތަބީޢީ ބާރުތައް އެއާއެކު ރިއެކްޓްވެ ގުޅިފައިވުމާ އެކުގައިވާ ތަރްކީބެކެވެ. ނުވަތަ އެދެކަންތައް ގުޅިގެން އުފެދިފައިވާ ކަމެކެވެ. މިނޫން ގޮތްގޮތަށް ސިޙްރާމެދު ބެލެވުނު ކަމުގައިވިޔަސް މިއީ ސިޙްރުގެ އެންމެ ގަދަވެގެންވާ ބާވަތެވެ. ޚާއްޞަކޮށް ސިޙްރުގެ އަސަރު ހަށިގަނޑުން ފޯރާފައިވާ ތަނާމެދު ވިސްނައިފި ނަމައެވެ. ވުމާއެކު ސިޙްރުގެ ސަބަބުން މީހާގެ ހަށިގަނޑަށް އަސަރު ފޯރާފައިވާ ތަނަކާއި އެތަނަކަށް ޖެހިފައިވާ ބަލިމަޑުކަމަށް ދެވޭ އެންމެބޮޑު ފަރުވާގެ ތެރޭގައި ވައިގުޅި ޖެހުން ހިމެނިގެންވެއެވެ. ނަމަވެސް އެއީ އެކަން ކުރަންއޮންނަ ގޮތަށް ޤަވާޢިދުން ކުރެވިއްޖެ ނަމައެވެ. އަބުޤުރާޠު ބުނުއްވާފައިވެއެވެ. ހަށިގަނޑުގެ އެކިތަންތަނުން ހުސްކޮށްލައި ސާފުކޮށްލަންޖެހޭ އެއްޗެތި އެކަމަށް އެކަށީގެންވާ ރަގަޅު ވަސީލަތްތަކުގެ ބޭނުންކޮށްގެން ހުސްކޮށްލުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ. 

ބައެއް ބޭކަލުން ބުނުއްވައެވެ. رسول الله صلّى الله عليه وسلّم  އަށް ސިޙްރުގެ މިއާލާސްކަންފުޅު ޖެހިވަޑައިގަތްހިނދު އެކަލޭގެފާނަށް ކަމެއް ކުރެއްވޭ ކަމަށް ޚިޔާލުފުޅު ކުރެއްވޭއިރު ޙަޤީޤަތުގައި އެކަމެއް ނުކުރެއްވެއެވެ. މިހެންވުމުން އެކަލޭގެފާނު ހީފުޅު ކުރެއްވީ އެއީ ލޭގެ މާއްދާއެއްގެ ނުވަތަ އެހެންވެސް އެބާވަތުގެ ކަމެއްގެ އަސަރު އެކަލޭގެފާނުގެ ސިކުނޑިފުޅާ ހަމައަށް ފޯރުމުގެ ފަރާތަށް ލެނބިފައިވާ ކަމަށެވެ. އެއީ އެމާއްދާ އެކަލޭގެފާނުގެ ބަނޑުފުޅުގެ ކުރިމަތީ ބައިގެ މައްޗަށް ގަދަވެގަތުމާ އެކުގައެވެ. އަދި އެގޮތުން އެކަލޭގެފާނުގެ ޠަބީޢީ ޙާލަތުން އެއްކިބާކޮށް މިޒާޖުފުޅު ބަދަލު ކޮށްލާފައިވަނީ ކަމަށެވެ. ވުމާއެކު ވައިގުޅި ޖެހުމަކީ އެދުވަސްވަރު އެބާވަތުގެ ކަންތަކަށް އެންމެ މަންފާ ކުރަނިވި މޮޅު ފަރުވާގެ ތެރެއިންވާ ކަމެއް ކަމަށްވީހިނދު، އެކަލޭގެފާނު ވައިގުޅި ޖެއްސެވިއެވެ. އެއީ އެކަމަކީ ސިޙްރުގެ ސަބަބުން ހިގައިގެން އުޅޭ ކަމެއްކަން ވަޙީގެ ޛަރީޢާއިން އެކަލޭގެފާނަށް އެނގިވަޑައިގަތުމުގެ ކުރީންނެވެ، ނަމަވެސް ﷲގެ ޙަޟްރަތުން ވަޙީ ބާވައިލައްވައި، އެކަމަކީ ސިޙްރެއްކަން އެންގެވުމުން ޙަޤީޤީފަރުވާއާ ދިމާއަށް އެކަލޭގެފާނު އެނބުރިވަޑައިގަތެވެ. އެއީ ސިޙްރު ހަދާފައިވާއެތި ނަންގަވައި އެސިޙްރު ބާޠިލް ކޮށްލެއްވުމެވެ. 

(--އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

މިއަދު އޮންލައިން