އަލްވާޤިޢާ ސޫރަތުގައިވާ މިއާޔަތްތަކުގެ މާނަ ކިޔާނަމަ ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަމާ ހުރި ބިރުވެރިކަން ހިތަށް ގެނެވި ޢަމަލުތައް އިޞްލާޙްކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
އަލްވާޤިޢާ ސޫރަތުގައިވާ މިއާޔަތްތަކުގެ މާނަ ކިޔާނަމަ ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަމާ ހުރި ބިރުވެރިކަން ހިތަށް ގެނެވި ޢަމަލުތައް އިޞްލާޙްކުރެވޭނެ! އިން ޝާ ﷲ

ފުރަތަމަ މިބަޔާންކުރަނީ ދުނިޔަވީ މިޘާލެކެވެ. ދުނިޔޭގެ ޙަޔާތަށް ވިސްނާށެވެ! ވަޒީފާއަދާކުރާ މީހެކެވެ. އޭނާއަށް ވަޒީފާގެ ކުރިއެރުމެއް ލިބެންއުޅޭކަމުގެ ޚަބަރު ލިބިއްޖެނަމަ އުފާވާނެއެވެ. ވަޒީފާއިން ވަކިކުރަން އުޅޭކަން ނުވަތަ ވަޒީފާ ގެއްލެން އުޅޭކަން އެނގިއްޖެ ނަމަ ދެރަވެސްވާނެއެވެ!  

އަހަރެންގެ ސުވާލަކީ އޭނާ ކަންބޮޑުވާނީ މިތަނުން ކޮންކަމަކަށް ހެއްޔެވެ؟ އަހަރެންނަށް ޔަޤީންކުރެވޭ ގޮތުގައި އޭނާ ކަންބޮޑުވެ ތެޅިފޮޅޭނީ ވަޒީފާ ގެއްލެން އުޅޭކަމުގެ ޚަބަރު ލިބިއްޖެނަމައެވެ.  

ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް އަޑުއެހުމުގައިވެސް މެދުވެރިވަނީ ހަމަ މިފަދަ ގޮތަކަށެވެ. ސުވަރުގެއާއި ސުވަރުގެއިން ލިބެންހުރި ނިޢްމަތްތަކުގެ ވާހަކަ އަޑުއިވުމަށްވުރެ މީސްތަކުން ބިރުވެތިވެ ކަންބޮޑުވާނީ ނަރަކައިގެ ބިރުވެރިކަމާއި ގަދަފަދަ ޢަޛާބުގެ ވާހަކަތަކުގެ އަޑުއިވުމުންނެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމުގެ ބާރަކަށްވެސް ވަނީ އެވާހަކަތަކެވެ. ވީމާ ނަރަކައިގެ ވާހަކަތައް އަޑުއަހަންއެބަޖެހެއެވެ. އަމިއްލައަށް ކިޔައި އޮޅުންފިލުވަންވެސް އެބަޖެހެއެވެ. 

އަހަރެމެން އެންމެންވެސް ކީރިތި ޤުރްއާން ކިޔަވަމުއެވެ. މާނަވެސް ކިޔަމުއެވެ. ނަމަވެސް ސުވާލަކީ އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! ނަރަކައިގެ ބިރުވެރިކަމުގެ ޚަބަރުތައް ޤުރްއާނުގެ އެތައް އާޔަތެއްގައިވާއިރު ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ 

އެވާހަކަތައް އެހައި ތަފްޞީލުކޮށް ބަޔާން ކުރައްވަވާފައި އެވަނީ އެކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ނަރަކަ ޢާއިމެދު ބިރުވެތިވުމަށެވެ. ނަރަކައަށް ވަންނަން ޖެހިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދެއްވަވާ އިންޒާރެއްގެ ގޮތުގައެވެ. އަދި ކީއްހެއްޔެވެ؟ އެފަދަ ފާފައެއް ކުރެވުނު ނަމަވެސް އަވަސް އަވަހަށް ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވައި ފާފަތަކުން ސަލާމަތްވާން ޖެހޭކަން ބަޔާންކުރެއްވެވުމަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ!  

"އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!

ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.

އަދި ނަރަކައަށް ވެއްދެވުމެކެވެ.

ހަމަކަށަވަރުން، މިއީ ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ."

(އަލްވާޤިޢާ: ،92،93،94،95) 

ނަރަކައިގެ އަލިފާނުގެ ހޫނުމިން ދުނިޔޭގައި މިގެންގުޅޭ އަލިފާނަށްވުރެ 69 ދަރަޖަ އިތުރަށް ހޫނުކަން އެބައެނގެއެވެ. ދުނިޔޭގައި މިގެންގުޅޭ ހޫނުފެނުގެ ކުޑަ މިންވަރެއް ގައިގައި ބީހިލި ނަމަވެސް ވެގެންދާ ގޮތް އެބަ އެނގެއެވެ. ވީމާ 69 ދަރަޖަ އިތުރަށް ހޫނުފެން އެމީހެއްގެ ގައަށް އަޅައިލެވުމުން ދެން ވެގެންދާނެގޮތާއިމެދު ބިރުވެތިވާށެވެ!  

އަދިވެސް ވަޙީ ކުރައްވަވާފައިވއެވެ.  

އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިއަބައިމީހުން ޒައްޤޫމް ގަހުން ކާނޭކަން ކަށަވަރެވެ.

ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.

ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.

ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ.

ޤިޔާމަތްދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.

(އަލްވާޤިޢާ: 52،53،54.55،56) 

ޒައްޤޫމްކައި ބަނޑުތައް ފުރަނީއެވެ. އަދި އެއިގެ މައްޗަށް ކެކިކެކި ހުންނަ ހޫނުފެން ބޯންވެސް ބޯނެއެވެ. އެހައި ހޫނު ގަދަ ނަމަވެސް ފެންބޮވައިގެންފައިވާ ޖަމަލުތަކަށް ފެން ލިބުމުން ބޯނެފަދައިންނެވެ.  

ހަނދާންކުރާށެވެ! މިކަންކަމަކީ އެންމެފަހަރަކު ކުރިމަތިވާނެ ކަންކަމެއް ނޫނެވެ. ނަރަކައި އޮންނަން ޖެހުނުހައި ދުވަހަކު ތާއަބަދު ތަކުރާރުވަމުންދާނެ ކަންކަމެވެ.  

ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް ހަމަ އެންމެންވެސް އަޑުއަހަމުއެވެ. ނަމަވެސް ހިތާމައަކީ އެވަގުތުގައި ހިތަށް ބިރުވެރިކަން ވަންނަމަވެސް އަޑުއަހައި ނިމުމުން ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަންކަން ހަނދާނުގައިވެސް ނުހުންނަ ކަމެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ފެންވަޜާއި ގާތަކަށްވެސް ނުކުރެވޭ ކަމެވެ.  

އެހެން އެކަން މެދުވެރިއެވަނީ ހަމަ އީމާންކަން ކުޑަކަމުންނެވެ. ބިރުވެތިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ބިރުވެތިނުވެވޭތީއެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ، އެމީހާގެ ހިތުގައި ބިރުވެތިކަން އިތުރުކުރަން ކުރާ މަސައްކަތް ގިނަކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން