ތިމާ ލޯބިވާ މީހާ ދެއްވެވުން އެދުމަށްވުރެ ކައިވެންޏަށްފަހު ހަޔާތް ބާއްޖަވެރިކޮށްދެއްވެވުން އެދި ދުޢާކުރާ މީހުންގެ ޒަވާޖީޙަޔާތް މާއުފާވެރި! މާކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިމާ ލޯބިވާ މީހާ ދެއްވެވުން އެދުމަށްވުރެ ކައިވެންޏަށްފަހު ހަޔާތް ބާއްޖަވެރިކޮށްދެއްވެވުން އެދި ދުޢާކުރާ މީހުންގެ ޒަވާޖީޙަޔާތް މާއުފާވެރި! މާކާމިޔާބު!

ކައިވެނިކުރަންއުޅޭއިރުގިނަ ބައަކު ދުޢާކުރަނީ ލޯބިވެރިޔާ ދެއްވެވުން އެދިއެވެ. ކައިވެނިކުރެވުމުން ކައިވެނީގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރަނީ މަދުމީހެކެވެ.  މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.  

ކައިވެނިކުރެވުމުގެ ކުރިންވެސް އަދި ކައިވެނި ކުރެވުމަށްފަހުގައިވެސް ކައިވެނި ކުރަން ބޭނުންވެގެން ބައިވެރިޔާ ދެއްވެވުން އެދި ދުޢާކުރިވަރަށްވުރެ މާގިނައިން ކައިވެނީގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ! ދެމަފިރިން އަދި ލިބޭ ދަރިންނާއިވެސް އެކުގައި ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ! އެކަމަށް މަސައްކަތްކުރަންވެސް ވާނެއެވެ. އިޚްލާޞްތެރިކަމާއިއެކު ދެމަފިރިން އެކުގައި ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

ކައިވެނި އުފަލުގައި ދެމެހެއްޓުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ! އެއީ ކައިވެނިކުރުމަށްވުރެ މާއުނދަގޫ ކަމެކެވެ. ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދިގެން ދިރިއުޅެން މަސައްކަތްކުރާނަމަ އެކަން ﷲ ތަޢާލާ ފަސޭހަކޮށްދެއްވަވައެވެ. މުޅި ޢުމުރުގައި އުފަލުގައި ދިރިއުޅުމަށް މަގުފަހި ވެސް ކޮށްދެއްވަވައެވެ. އެފަދަ ދެމަފިރިއަކު ކަމުގައި ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!

ކައިވެނިކުރާއިރު ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. ކައިވެންޏަށްފަހު އެންމެ ގިނައިން ކުރާ ދުޢާއަކީ ކައިވެނީގައި ބަރަކާތް ލެއްވެވުން އެދި ކުރާ ދުޢާ ކަމުގައި ހަދަން ޖެހޭނެއެވެ! ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ ރަޙްމަތް ލިބިގެންދާނި އެއިރުންނެވެ.

ދިރިއުޅެން މަސައްކަތެއް ކުރަން ފަށާނަމަ އެކަމުގައި ބަރަކާތް ލެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. ވަޒީފާއެއް ހޯދަން މަސައްކަތްކުރާއިރު އެކަން ފަހިކޮށްދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. ޖުމުލަކޮށް ބުނާނަމަ ޙަޔާތުގެ ކޮންމެ ކަމެއް ފަހިކޮށްދެއްވެވުން އެދިވެސް ދުޢާ ކުރަމުއެވެ.

ނަމަވެސް ކުރިން ބުނިފަދައިން ރަނގަޅަށް ބަލައިފިނަމަ ތިމާމެންގެ ކައިވެނީގެ ޙަޔާތުގައި ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރެވެނީ ވަރަށް މަދު މީހަކަށެވެ. ޤަބޫލުކުރެވިފައި އޮންނަނީ ކައިވެނިކުރެވުމުން އެހިސާބުން އެއޮތީ ހުރިހާ ކަމެއް ފުރިހަމަވެ ނިމިފައި ކަމަށެވެ. ކާމިޔާބު ޒަވާޖީ ޙަޔާތެއް ލިބުން އޮތީ މި ބަޔާންކުރި ކަންކަމަށް ވިސްނައި ސަމާލުކަން ދިންވަރަކުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން