ﷲ ތަޢާލާ ސުވަރުގެ ހައްދަވާފައިވަނީ މީސްތަކުންނަށްޓަކައެވެ. ސުވަރުގެ ހައްދަވައި ސުވަރުގެ ވަނުމުގެ ދަޢްވަތު އެކަލާނގެ ވަނީ އެންމެންނަށް ދެއްވަވައިފައެވެ! އެދަޢުވަތު ނުލިބޭ ހަމައެކަކުވެސް ނުހުންނާނެއެވެ! އަދި ކީއްހެއްޔެވެ؟ ސުވަރުގެއަކީ ނިޢްމަތްތަކުން ފުރިގެންވާ ތަނެކެވެ. އެތަނުން ލިބެން ނެތް އެއްވެސް ނިޢްމަތެއް ނުވެއެވެ!
އަހަރެމެންނަށް އޮތީ ﷲ ތަޢާލާ އަހަރެމެންނަށް ދެއްވަވާފައިވާ ދަޢުވަތު ޤަބޫލުކޮށް ސުވަރުގެ ވަނުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. މަރުގެ މަލާއިކަތާ މަރުހިއްޕަވަން ވަޑައިގަންނަވާތަން ލޮލަށް ފެންނަވަގުތާއި ހަމައަށް އެފުރުޞަތު ދެމިގެންވެސް ދެއެވެ.
އަދި ކީއްހެއްޔެވެ؟ އިސްލާމް ދީނުގައި ﷲ ތަޢާލާ ލައްވަވާފައިވާ އެންމެ ފުރިހަމަ އެއްކަމަކީ ފުރާނަ ހުރިހާ ހިނދަކު ތައުބާވުމުގެ ފުރުޞަތު އޮތްކަމެވެ! ކޮންމެ ވަގުތަކު ނަމަވެސް ތައުބާވުމަށް ﷲ ލޯބިވެވޮޑިގަންނަވާކަމެވެ! ފުރުޞަތު ގެއްލުވާ ނުލައި ތައުބާވުމަށް އަވަސްވެގަންނަން އަންގަވާފައިވަނީ އަހަރެމެން ސުވަރުގެ ވެއްދެވުމަށްޓަކައެވެ.
އެފުރުޞަތުގެ ބޭނުން ނުހިފާ ދޫކޮށްލީމާ އެމީހަކަށް ސުވަރުގެއެއް ނުލިބޭނެއެވެ. އެކަންވެސް އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމާއިއެކުގައިވެސް ފުރުޞަތުގެ ބޭނުން ނުހިފާ ހުންނަ މީހާގެ ގާތުގައި ސުވަރުގެ ނުވަންނަނީ ތިބާއަމިއްލައަށް ކަމަށް ބުނުމުން އަންނަންވީ ރުޅި ހެއްޔެވެ؟ ނޫނީ އެކަމަށް ވިސްނާލައި އަވަހަށް ތައުބާވާންވީ ނޫން ހެއްޔެވެ؟
ސުވަރުގެ ވަނުމާއި ނުވަނުން އޮތީ ހަމަ އިޚްތިޔާރުގައެވެ. ސުވަރުގެ އެދިގެން ގަދައަޅައި ަމސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެތެވެ. އެއީ ހަމަ ޔަޤީންކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން