ތިބާ މަރުވުމާއެކު ދެން ހިނގާނެ ކަންކަމަށް ވިސްނައިނުލަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިބާ މަރުވުމާއެކު ދެން ހިނގާނެ ކަންކަމަށް ވިސްނައިނުލަނީ ކީއްވެ؟

ވިސްނާށެވެ! ކޮނެފައިވާ ވަޅަށް ސަންދޯއް ތިރިކުރެވުމާއިއެކު ފުރަތަމަކަމަކަށްވެސް ކުރާކަމަކީ އަވަހަށް ވަޅަށް ފަސްލައި ފުރާލުމެވެ. މަހާނަ ހަދަނީ ސަންދޯއް ތިރިކުރުމަށްފަހު ވަޅަށް ފަސްލައި ފުރާލުމަށްފަހުގައެވެ.

ޖަނާޒާތަކުގައި ބައިވެރިވާ މީހުންނަށް އެމަންޒަރު ލޮލަށް ފެންނާނެއެވެ! އަދި ޤަބުރުސްތާނަށް ނުވަދެވޭތީ ލޮލަށް ނުފެނުނު ނަމަވެސް އެކަން ހިނގަނީ އެގޮތަށްކަން އަންހެނުންނަށްވެސް އެނގޭނެއެވެ. ވީޑިއޯތަކުންވެސް ވާނީ ފެނިފައެވެ.

މަރުވުމުން އެމީހަކު ވަޅުލާނެ ތަނަކާއި ވަގުތު ކަނޑައެޅުން ފަދަ އެއްވެސް ކަމެއްގައި އެމީހާގެ އެއްވެސް ބާރެއް ނުއޮވެއެވެ. ވީމާ ދަންނާށެވެ! ކޮންމެ މީހކުވެސް މަރުވަނީ އެމީހަކު ދުނިޔޭގައި ހޭދަކުރަން އޮތް ޙަޔާތް ހޭދަކޮށް ނިމުމަށްފަހުގައެވެ. މަރު ހިއްޕަވާނެ ވަގުތު ކަނޑައެޅުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަން ކުރިމަތިވާނީ ﷲ ތައާލާ އެކަމަށް ކަނޑައަޅުއްވަވައި ނިންމަވާފައިވާ ވަގުތުގައެވެ.

މިކަންކަމުން އެނގިގެން މިދަނީ މީހާ ދުނިޔޭގައި ހުންނައިރުވެސް އަދި މަރުވުމަށްފަހުގައިވެސް އެއްވެސް މީހަކީ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަމެވެ. ލިބިގެންދަނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނުވަތަ ދެއްވެވި ބާރެއް އެކަނި ކަމެވެ.

އެކަން ޔަޤީންކުރެވޭ ކަމަކީ ކިތަންމެ ބޮޑު ޤުރްބާނީއެއް ވެގެން ނަމަވެސް އަދި ޖާނާއި މާލު އެކުގައި ހޭދަކޮށްގެން ނަމަވެސް މަރު ނުވެ ހުރެވޭނެ ނަމަ އެންމެންވެސް އެކަން ކުރާނެއިރު ހަމަ އެއްވެސް މީހަކަށް އެކަން ނުކުރެވޭތީއެވެ! ވީއިރު ދުނިޔޭގެ ލިބޭ ބާރާއި ތަނަވަސްކަމުން ހިފެނީ ކޮން ބޭނުމެއް ހެއްޔެވެ؟

ފަށަމުން "މަހާނަ ހަދަނީ ވަޅުގަނޑަށް ފަސްއަޅައި ފުރާލުމަށްފަހުގައި ކަމަށް ބުނީ އެހިސާބުން އެމީހަކަށް އަމިއްލައަށް ކައްވަޅުން ނުތެދުވެވޭނެ ވާހަކަބުނުމަށެވެ. ބުނަން ބޭނުންވަނީ ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް މަރު ހިއްޕެވުމަށްފަހު ދެން އަލުން އަމިއްލައަށް ނުދިރުވޭނެ ވާހަކައެވެ.

މިހުރިހާ ވާހަކަތަކެއް ބުނުމުގެ ބޭނުމަކީ މަރުވާނެ ވަގުތު ނުއެނގޭނެ ކަމާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމަށް ނަޞޭޙަތްތެރިވުމެވެ! ދުނިޔޭގެ ހުރިހައި ކަމަކަށްވުރެ މަރު ހިއްޕަވާނެ ވަގުތަކާއިމެދު ބިރުވެތިވާންޖެހޭކަން ހަނދާންކޮށްދިނުމެވެ. މަރަށް ތައްޔާރު ނުވެވި ހުއްޓައި މަރުވެއްޖެ ނަމަ ނަރަކައިން ސަލާމަތް ނުވެވިދާނެކަން ހަނދާންކޮށްދިނުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން