"ދޫ ރައްކައުތެރިކުރާށެވެ! ބޭކާރު ވާހަކަތައް ނުދައްކާށެވެ! ބޭކާރު ވާހަކަ ދެއްކުމުން ކުރިމތިވާނީ އިތުރު މުޞީބާތްތަކެވެ. ހެޔޮ ބަހެއް ބުނެވެން ނެތް ނަމަ ހަނުހުންނާށެވެ! ހަނު ހުރުމަކުން (އެކަމަށްޓަކައި ދެރަވެ) ހިތާމަކުރާކަށް ނުޖެހޭނެއެވެ. (ހެޔޮ، ޙައްޤު ބަހެއް ބުނެވެން ނެތް ނަމަ ހަނުހުރުމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.)
މިހެން ބުނަން މިޖެހެނީ ހިތާމައިގެ ވަގުތުތަކުގައި ބައެއް މީހުން ބޭކާރު ވާހަކަތައް ދެއްކުން ގިނަކުރާތީއެވެ. ކުރިމަތިވި ޙާލަތާއިމެދު ޝަކުވާކުރަންވީ މީސްމީހުންގެ ގާތަކު ނޫނެވެ. ދުނިޔޭގެ އެންމެންގެ ގާތުގައި ޝަކުވާކުރަމުން ހިނގިނަމަވެސް ޙައްލު ލިބޭނީ ނުވަތަ ކިތަންމެ ކުޑަ ލުޔެއްވިޔަސް ލިބޭނީ ހަމަ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.
ތިމާއަށް ހިތްތަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ ޝަކުވާ ކުރުމުގެ ވާހަކަތައް ނުދައްކައި ކެތްތެރިވެ ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން މެނުވީ އެއްވެސް ތަކްލީފެއް ނުޖެހޭނެއެވެ. އަދި އެއްވެސް އުފާވެރިކަމެއް ވެސް ނުލިބޭނެއެވެ. ވީއިރު ކުރިމަތިވި ޙާލަތާއިމެދު މީސްމީހުންގެ ގާތުގައި ޝަކުވާކުރަމުން ހިނގުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟
ބައެއް މީހުންނަށް ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ވާހަކަ ގިނަކުރަމުންގޮސް ތިމާއަށް އެޙާލަތު ކުރިމަތިކުރެއްވެވި ސަބަބާއިމެދު އެބަ ސުވާލު އުފައްދައެވެ. ﷲ ތަޢާލާ އާއި އެބަ ޝަކުވާކުރެއެވެ. މިފަދަ ކަންކަން ކުރެވެނީ ބޭކާރު ވާހަކަތައް ދެއްކޭތީއެވެ. ވިސްނުން ގެންދަން ނުޖެހޭނެ ހިސާބަށް ވިސްނުން ގެންދެވޭތީއެވެ. ވީމާ މިކަންކަމަކީ ހަމަ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. ވީމާ ބޭކާރު ވާހަކަތައް ދެއްކުން މަދުކޮށް ހެޔޮ ޢަމަލުކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރުމަށް ނަޞޭޙަތްތެރިވަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން