މިއީ ދުނިޔެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ތަފާތު މައްސަލަތައް ކުރިމަތިވާނެއެވެ. އެއްވެސް މައްސަލައެއް ކުރިމަތިނުވެދާނީ ޙާލަކުން ދުވަހެކެވެ. ވީމާ ކަމެއް ދިމާވާ ކޮންމެ ދުވަހަކު ފިކުރުބޮޑުވެގެންކަމަށްބުނެ އަނބިދަރިންނަށް އަނިޔާވެރިވުމުގެ ނުބައި އާދަ ދޫކޮށްލަން ޖެހޭނެއެވެ.
އަނބިންނަށް ބުނެލަން އޮތީ މައްސަލަތައް ކުރިމަތިވުމުން އެކަމުގެ އަދަބު ދަރިންނަށް ނުދޭށެވެ. ރުޅިއައިސް އެއްޗެތި ނުގޮވާށެވެ. ފަރުވާކުޑަނުކުރާށެވެ. ދަރިންގެ އިތުރުން ފިރިންނަށްވެސްމެއެވެ. ފިރިމީހާގެ ސަބަބުން ކުރިމަތިކަމަކާއިގުޅިގެން ނޫނީ ފިރިމީހާއަށް އަދަބުނުދޭށެވެ!
"ދިރިއުޅުމުގައި އެއްވެސް މީހަކަށް އެއްވެސް މުޞީބާތެއް ކުރިމަތި ނުކުރައްވަވާނެ" ކަމަށް ﷲ ތައާލާ ވަޢުދުވެވޮޑިގެންފައެއް ނުވެއެވެ. އިންސާނުން އުފެއްދެވީވެސް މުޞިބާތްތަކާއި ކުރިމަތިލުމަށެވެ! މުޞީބާތްތައް ކުރިމަތިކުރައްވަވަނީ މީސްތަކުން އިމްތިޙާނުކުރެއްވެވުމަށްޓަކައެވެ. ވީމާ ފިކުރު ބޮޑުވާއިރަށް ނުބައި އަމަލުތައް ކުރެވޭނަމަ އެމީހަކު އެވަނީ އިމްތިޙާނުން ވަރަށް ބޮޑަށް ފޭލްވެފައެވެ.
ކުރިމަތިވި މައްސަލައަށް ނުވިސްނާށެވެ! ކެތްތެރިވެ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ! ތިމާކުރާ ކޮންމެ ކަމެއްވެސް ވީހައި ރަނގަޅަކަށް ކުރަމުން ގެންދާށެވެ! އެއިރުން ﷲ ތަޢާލާ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އަދި ކުރިމަތި ކުރެއްވެވި ކަމުން ސަލާމަތްވެސް ކުރައްވަވާނެތެވެ. އިން ޝާ ﷲ
ނާއުންމީދުތަކާއި ނުރަނގަޅު ވިސްނުންތަކުން ދުރުވެގަންނާށެވެ! އެއިރުން އެމީހަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުމުން އަރައިގަނެވޭނެއެވެ! އިން ޝާ ﷲ"
--އިސްލާމީ ތިލަފަތުގެ ދަރުސަކުން