އެއްވެސް މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާއެއް ނުވަތަ ދުޢާތަކެއް އެމީހަކު އެދޭ ގޮތަށް މިދުނިޔޭގައި ޢިޖާބަކޮށް ނުދެއްވަވައިގެން މާޔޫސް ނުވާށެވެ! ދުޢާ ޢިޖާބަ ނުކުރެއްވެވުން އެއީ ވެސް މިންވަރުކޮށްދެއްވެވި ރަޙްމަތެއް ކަމުގައި ނޫނީ ޤަބޫލުނުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ދުޢާކޮށް އެދި ދެންނެވި ގޮތަށް މިދުނިޔޭގައި ފުއްދަވައި ނުދެއްވެވި ނަމަވެސް ދެރަވެ މާޔޫސް ނުވާށެވެ! އެހެނީ އަހަރެމެންނަށް އެންމެ ފައިދާކުރާނެ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތައާލާ އެވެ!
ތިބާ މިދުނިޔޭގައި ދުޢާކުރަމުން ދިއައީ ބައިވެރިވެފައިވާ ކޮންމެވެސް އިމްތިޙާނަކުން ފާސްކޮށްދެއްވެވުން އެދި ކަމަށްވެދާނެއެވެ. އަދި އެކަމަށް އެދި ތިބާ ވަރަށް ގިނައިން ދުޢާކުރި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެ އިމްތިޙާނުން ތިބާ ފާސް ނުވެވެސް ހިނގައިދާނެއެވެ.
މިޙާލަތުގައި ބައެއް މީހުންގެ މާޔޫސްކަން އިންތިހާއަށް ދެއެވެ! އެހައި ގިނައިން އެދި ދެންނެވި ކުޑަކުޑަ ކަމެއް ފުއްދަވައި ނުދެއްވެވީތީއެވެ. ނަމަވެސް އެހެން އެވަނީ އެކަން އެގޮތަށް މެދުވެރިކުރެއްވެވި ސަބަބު ނުއެނގޭތީއެވެ!
މިސާލަކަށް އާޚިރަތް ދުވަހު ތިބާ ފާސްވާން ޖެހޭ އިމްތިޙާނުން ފާސްވާން އެކަމުގެ ސަބަބުން މަގުފަހި ނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިދުނިޔޭގައި ތިބާ ބޭނުންވި އިމްތިޙާނުން ފާސްނުވުން އެއީ އާޚިރަތް ދުވަހުގެ އިމްތިހާނުން ފާސްވުމަށް މެދުވެރިވި ސަބަބުކަމުގައި ނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން