ދަރުސަށް ފެށުމުގެ ކުރިން މިއަދުނޫހުގައި ހާމަކުރެވިފައިވާ ކަމެއްގެ ހަނދާން އައުކޮށްލާނަމެވެ. އެއީ ޢުމުރުން 97 އަހަރުގެ އަންހެނެއްގެ މަރެވެ. އޭނާ ބަލިވީ ކުއްލި ގޮތަކަށެވެ. އެހައިތަނަށް ދިރިއުޅެމުން އައީ އެއްވެސް ބައްޔެއް ނެތި މީހަކު އުޅޭނެ ގޮތަށެވެ. ދުޅަހެޔޮކަމާއިއެކުގައެވެ.
ހޮސްޕިޓަލުން އޭނާގެ ޓެސްޓްތައް ހެދިއިރު ކެންސަރުބަލީގެ 4 ވަނަ ސްޓޭޖްގައި އުޅޭތާ އެތައް ދުވަހެކެވެ. އެކަމަކު އެކަން ޢޭނާއަކަށް ނުވެސް އެނގެއެވެ. އެހެންވެ ޑޮކްޓަރަކަށް ނުވެސް ދައްކައެވެ. ބަލިހުރިކަން އެނގުނުތާ 10 ވަރަކަށް ދުވަހުގެ ތެރޭގައި އޭނާ ނިޔާވެއްޖެއެވެ.
ދެން ނިކަން ވިދާޅުވެބައްލަވާށެވެ! އޭނާ ނިޔާވީ ޖެހުނު ބަލީގެ ސަބަބުން ކަމަށް ކަނޑައެޅޭނީ ކޮން ގޮތަކުން ހެއްޔެވެ؟ އެބަލީގެ ސަބަބުންނަމަ ބަލީގެ އެއްވެސް އަސަރެއްވެސް ނުފެނި އެހައި ގިނަ ދުވަހު ހުރެވުނީ ކީއްވެގެން ހެއްޔެވެ؟
ދަރުސް:
ރަނގަޅަށް ވިސްނައިގެން އަޑުއަހާށެވެ!
"ހިތަދަތިކަމެއް ކުރިމަތިވާއިރަށް ނުވަތަ ބައްޔެއްވާއިރަށް ނުވަތަ މުޞީބާތެއް ކުރިމަތިވާއިރަށް އެކަމުން ސަލާމަތް ނުވެވޭނެ ކަމަށް ވިސްނަމުން ގޮސް ނަފްސާނީ ޑޮކްޓަރުންކަމަށް މިކިޔާ މާޔޫސްބަލީގެ ޑޮކްޓަރުންގެ ކިބައިން ފަރުވާ ހޯދަން ޖެހޭ މީހުންގެ މިސާލަކީ އަމިއްލައަށް ކައްވަޅުކޮންނަ މީހުންގެ މިސާލެވެ.
އެމީހުންގެ މައްސަލައަކަށްވަނީ ބަލިން ސަލާމަތްނުވެވި ދާދިއަވަހަށް މަރުވެދާނެ ކަމުގެ ބިރު އުފެދި ނަފްސާނީ ވެވެނީއެވެ. މިއީ އެއްވެސް މުސްލިމަކު ވެއްޓިގެންވާނެ ޙާލަތެއް ނޫނެވެ. މަރުވަނީ ހަމައެކަނި ބަލިވާ މީހުންނެއް ނޫނެވެ. ބަލިވާ މީހުންގެ ތެރެއިން ގިނަ ބައަކު ގަދަނުވާނަމަ ކޮންމެ ދުވަހަކު މަރުވާ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެ ސަޙަރާތައް ތޮއްޖެހިގެންދާނެއެވެ.
ބަލާށެވެ! ކޮންމެ ދުވަހަކު ހޮސްޕިޓަލްތައް ފުރިފައި އޮންނަނީ ބަލިވާ މީހުންތައް ފަރުވާ ހޯދަން ދިއުމުންނެވެ. ނަމަވެސް ސަޙަރާތަކުގައި ކޮންމެ ދުވަހަކު ވަޅުލެވެނީ ވަރަށް މަދުމީހެކެވެ. މިކަމުންވެސް އެނގެނީ މިބުނި ބަހޫގެ ޙަޤީޤަތެވެ. އަދި ކީއްހެއްޔެވެ؟ ކޮންމެ ދުވަހަކު މަރުވާ މީހުންގެ ތެރޭގައި ކުއްލިއަކަށް މަރުވާ އެތައް ބައަކު ހިމެނެއެވެ. އެކަމުންވެސް އެނގެނީ ބަލިވުމާއި މަރުވުމާއި މުޅިން ތަފާތު ދެކަމެއް ކަމެވެ.
އެއްވެސް މީހަކަށް އެމީހަކު މަރުވާނެ މަގުތެއް ނުއެނގޭނެއެވެ. ޑޮކްޓަރުންނަކަށްވެސް ނުއެނގޭނެއެވެ. ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާ މީހަކަށް ނަމަވެސް އެބައްޔާއިއެކު ކިތަންމެ ދިގު މުއްދަތެއްގައި ވެސް ދިރިއުޅެވޭތީއެވެ. އެކަމުގެ ހެކިތައްވެސް ހާމަކުރަނީ ޑޮކްޓަރުންނެވެ. "
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އަމިއްލައަށް ކައްވަޅު ކޮނުމަކީ އެއްވެސް މުސްލިމަކު ކުރަން އޮތް ކަމެއް ނޫނެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އެއިގެ ބަދަލުގައި ކުރަން އޮތް ކަމަކީ މަރަށް ތައްޔާރުވުމުގެ ކުރަން ﷲ ތަޢާލާ އަނގަވާފައިވާ ކަންކަން ކުރުމެވެ. އެހެންކަމާއިއެކުގައިވެސް އަމިއްލައަށް ކައްވަޅުކޮންނަ މީހުން މިދަނީ ގިނަވަމުންނެވެ.
ބައެއް މީހުން މަރުވުމުން އެމީހުން މަރުވި ސަބަބު ހޯދަން ކުރާ ތަޙްލީލްތަކުން، ހަދާ ޓެސްޓްތަކުން އެމީހަކު އެއީ ނުރައްކާތެރި ބައްޔެއްގައި އެތައް އަހަރެއް ވޭތިކޮށްފައިވާ މީހަކުކަން އެބަ އެނގެއެވެ. އެއްވެސް ފަރުވާއަކާއި ނުލައި އެމީހާއަށް އެހައި ގިނަ ދުވަހު ދުނިޔޭގައި އުޅެވުނު ސަބަބާއިމެދު ޑޮކްޓަރުން ސުވާލު އުފައްދައެވެ. ލިޔުންތަކާއި ރިޕޯޓްތައް ލިޔެ ހާމަކުރެއެވެ.
މިކަންކަމުން އެނގެނީ އެއްވެސް މީހަކު މަރުވުމާއި އޭނާއަށް ޖެހޭ ބައްޔަކާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ބަލިވުމަކީ ވަކި މައްސަލައެއް ކަމާއި ދިރިހުރުމާއި މަރުވުމާއި ބަލިވުމާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ހަމައެއާއިއެކު ބަލިވުމާއި ޝިފާލިބުމާއި ދިރިހުރުމާއި މަރުވުމާއި މި އެންމެހައި ކަންކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ ކެތްތެރިވެ އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. ކޮންމެ ކަމަކަށްވެސް ޙައްލު މިންވަރުކޮށްދެއްވަވާނެ ކަމަށެވެ. މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ތިމަން ﷲ އާއި ކުއްތަންވުން އިތުރުކުރުމަށެވެ.
ނަފްސާނީ ޑޮކްޓަރުން ގިނައިން ދައްކާނީ މީސްމީހުންނަށް ގިނަގިނައިން ފޯނުކުރާ ވާހަކަ އާ މަޖާކުރާ ވާހަކަތަކާ ގިނައިން ގެއިން ބޭރުގަ އުޅުން ރަނގަޅުވާހަކައާ ޕާޓީކުރާ ވާހަކަ އާ ޓީވީ ބަލާ ވާހަކައާ ގޭމްކުޅޭ ވާހަކަތަކެވެ. މިކަންކަމަކީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ދުރުކުރުވައި ކުޑަކުރުވާ ކަންކަމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ މަރަށް ތައްޔާރުވާން ކުރަންޖެހޭ ކަންތައްތަކުގެ އިދިކުޅު ކަންކަމެވެ.
މީހަކަށް އެމީހެއްގެ ލޯބިވެރިޔާ ގެއްލުން، ކައިވެނި ރޫޅުން ފަދަ ޙާލަތެއް މެދުވެރިވާ ވަގުތު އިބިލީސްވެސް ވަސްވާސް ދޭނީ ހަމަ މިކަންކަމަށެވެ. އެމީހަކާއި ﷲ ތައާލާ އާއި ދުރުކުރެވޭނެ ހުރިހާ ކަންކަން އެމީހަކު ލައްވައި ކުރުވަން މަސައްކަތްކުރާނެއެވެ.
ވީމާ މިފަދަ ކަންކަމަށް އެންމެންވެސް ސަމާލުވާށެވެ! އަހަރެމެންނާއި އަހަރެމެންނަށް ކުރިމަތިވާ ޙާލަތުގެ ވެސް މިލްކުވެރިފަރާތަކީ ހަމަ ﷲ ތަޢާލާއެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ޙައްލުވެސް ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
ނިންމާލަމުންވެސް ހަނދުމަކޮށްދޭނަމެވެ. މަރަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތްކަމަކީ ގިނަގިނައިން ތައުބާވެ ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. ފާފަ ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބެން އޮތީ އެއރުންކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން