ޢާއިޝަތު ރަފާޙް ޢަލީ
އިޙްސާންތެރިކަމަކީ ﷲ ސުބްޙަނަހޫ ވަތަޢާލާ ލޯބިވޮޑިގަންނަވާ ސިފައެކެވެ. އެކަން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ.
އިޙްސާންތެރިކަމަކީ އީމާންކަމުގެ އެންމެ މަތީ ދަރަޖައެވެ. އިޙްސާންތެރިވެވޭނީ ﷲ ތަޢާލާއަށް ޙައްޤު ގޮތުގައި ބިރުވެތިވެގެންނެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެންނެވެ.
ﷲ ތަޢާލާ އާލް ޢިމްރެާން ސޫރަތުން 134 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ ﴿١٣٤﴾
މާނައީ: "އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. (134)"
މިއާޔަތުގައި އެވާ ތިން ސިފަ ހުންނަ މީހަކީ އިޙްސާންތެރިން ކަމަށް ﷲ ތަޢާލާ މިއާޔަތުގައި ބަޔާން ކުރައްވައެވެ. އެތިން ސިފައަކީ
· ތަނަވަސްކަމުގައާއި ދަތި ޙާލުގައި މުދާ ހޭދަކޮށް އުޅޭ މީހުން
މުދާ ހޭދަކުރުން ނުވަތަ ޞަދަޤާތް ކުރުމަކިީ ވަރަށް މަތިވެރި އަޅުކަމެކެވެ. ޞަދަޤާތް ކުރުމުގެ ސަބަބުން ﷲ ތަޢާލާ ފާފަ ފުއްސަވާ ދެއްވައެވެ. އަދި ޘަވާބު ދެއްވައެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައިވެސް ޞަދަޤާތް ކުރާ މީހުންގެ ވާހަކަ ބަޔާންކޮށްދެއްވާފައިވެއެވެ. ޞަދަޤާތް ކުރަން ވާނީ ސިއްރުންނެވެ.
ﷲ ތަޢާލާ އިބްރާހީމް ސޫރަތުގެ 31 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قُل لِّعِبَادِيَ الَّذِينَ آمَنُوا يُقِيمُوا الصَّلَاةَ وَيُنفِقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَالٌ ﴿٣١﴾
މާނައީ: "إيمان ވި، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ނަމާދު قائم ކުރާހުށިކަމެވެ! އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި އެއުރެން ހޭދަކުރާހުށިކަމެވެ! އެ ދުވަހެއްގައި ވިޔަފާރިއެއް ނުވަތަ ރައްޓެހިކަމެއް ނޯންނާނޭ ދުވަހެއް އައުމުގެ ކުރިންނެވެ. (31)"
· ރުޅި މަތަކޮށް ހިފަހައްޓާ މީހުން:
ރުޅި ކޮންޓްރޯލް ކުރުމަށް ނުވަތަ މަތަކުރުމަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަޞިއްޔަތް ކުރައްވާފައިވެއެވެ. އަދި ރުޅި އައިސްފިނަމަ ޖރުޅި މަތަކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
عَنْ أَبِي هُرَيْرةَ رَضِيَ اللهُ عَنْهُ، أَنَّ رَجُلاً قَالَ لِلنَّبيِّ z أَوْصِنِيْ! قَالَ: (لَا تَغْضَبْ) فَرَدَّدَ مِرَارًا، قالَ: (لَا تَغْضَبْ)
މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިހުގައި ދެންނެވިއެވެ. ތިމަންނައަށް ވަޞިއްޔަތް ކުރައްވާށެވެ! އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ. “ތިބާރުޅި އަރައި ނުގަންނާށެވެ!” އެކަލޭގެފާނަށް އެބަސް އެތައްފަހަރަކު ތަކުރާރު ކޮށް ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ ކޮންމެފަހަރަކުވެސް “ތިބާރުޅި އަރައި ނުގަންނާށެވެ!"
· މީސްތަކުންނަށް މާފުކުރާ މީހުން:
މީސްތަކުންނަށް މާފުކުރުމަކީ ﷲ ތަޢާލާ އެމީހެއްގެ ފާފަ ފުއްސަވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ﷲ ތަޢާލާ ޠާހާ ސޫރަތުގެ 82 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ ﴿٨٢﴾
މާނައީ: توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ. (82)