ޢިބްރަތްތެރި ވާހަކަ: ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ލިބެން އެދޭނަމަ ބައިވެރިއަކު ދައްކަންވާނީ ދަރަޖަޢާ ތަނަވަސްކަމަށް ބަލައިގެނެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 52ސ
ޢިބްރަތްތެރި ވާހަކަ: ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ލިބެން އެދޭނަމަ ބައިވެރިއަކު ދައްކަންވާނީ ދަރަޖަޢާ ތަނަވަސްކަމަށް ބަލައިގެނެއް ނޫން!

އަޅުގަނޑަކީ އަބަދުވެސް މަންމަގެ ބަސް އަހާކުއްޖަކީމެވެ. މަންމަގެ ތިބެނީ 3 ދަރިންނެވެ. ދޮށީ އަޅުގަނޑެވެ. ހަގަށް ތިބެނީ 2 އަންހެންކުދިންނެވެ. ވަރަށް ކުޑައިރު ބައްޕަ އަޅުގަނޑުމެން ދޫކޮށްލާފައި ހިނގައްޖެއެވެ. ގެންގުޅެ ބޮޑުކުރީ މަންމައެވެ. ވަޒީފާއަދާކުރަމުން 3 ކުދިން ބަލަން މަންމަ ކުރި ބުރަ މަސައްކަތުގެ އަގު އަޅުގަނޑު އަބަދުވެސް ވަޒަންކުރަމެވެ.

ކިޔަވައި ނިމިގެން ވަޒީފާއަކަށް ވަދެ އެތަނުގައި މަސައްކަތްކުރަމުން އަމިއްލަ މަސައްކަތެއް ފަށައި އެމަސައްކަތުގައި ކުރިއަށް ދެވުނެވެ. އަމިއްލަ ފައިމައްޗަށް ތެދުވިތަނާހެން ކައިވެނިކުރާނެ އަންހެނަކުވެސް މަންމަ ދެއްކިއެވެ. އެއީ ސިޔާސީ ގޮތުން ވަރުގަދަ މީހެއްގެ ދަރިއެކެވެ. ބައްޕައަކީ ފައިސާވެރިއެއްވެސް މެއެވެ. 

ކައިވެނިކުރުމަށްފަހު 3 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައި އެތަނަށް ބަދަލުވީމެވެ. އަމިއްލަ ދިރިއުޅުމެއް އުޅެން ފެށީމެވެ. އަނބިމީހާގެ ފެންވަރު އެނގެންފެށީ އެހިސާބުންނެވެ. ކަންނެތްކަމުން ގޭގެ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ނޫޑްލްސް ނޫން އެއްޗެއް ކައްކާކަށް ނުއެނގެއެވެ. ދޮވެއިސްތިރިކުރާނެ ވަގުތުވާކަމަކަށް ނުހަދައެވެ. 

އެޙާލަތުގައި ދެން އެހެން ގޮތެއް ނެތިގެން ގޭގައި ގެންގުޅެން މުސާރަދީފައި އަންހެންކުއްޖަކު ގެނައިމެވެ. ވަރަށް ފަޤީރު ނިކަމެތި ޢާއިލާއެއްގެ ކުއްޖެކެވެ. ނަމަވެސް ގޭގެ ހުރިހާ މަސައްކަތެއް ކުރަންއެނގެއެވެ. މީރުކޮށް ކައްކަންވެސް އެނގެއެވެ. 

އެއީ ހުކުރު ދުވަހެކެވެ. ހެނދުނު ސައިބޯން ތިބެފައި ޖޫސްތަށްޓެއް ގެނެސްދޭން އަނބިމީހާ ބުނީމާ ބޭނުންވާ ބާވަތް އަހައިގެން ޖޫސްތަށި ގެނެސްދިނީމާ ރަހަ ނުބައިވެގެން އޭނާގެ ގައަށް ޖޫސްތަށި ޖަހާފައި އެވަރުން ނުފުދިގެން މޫނުމަތީގައިވެސް ޖެހިއެވެ. އެއީ އަޅުގަނޑަށް ބަލައިގަނެވުނު ކަމަށް ނުވިއެވެ. ބުނީމެވެ. "އެގެނައީ ޖޫސްގިރައިގެނެއް ނޫނެވެ. ޕެކެޓަކުން އަޅައިގެންނެވެ. އެއިގެ ރަހަމީރުވުމާއި ނުބައިވުމުގައި އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަދި ގިރައިގެން ގެނަޔަސް ޖަހައިގެން ނުވާނެ ނޫންހެއްޔެވެ؟" 

ބުނީމާ އޭނާގެ ނިކަމެތިކަމަށް ނުކުރާ ފުރައްސާރައެއް ނެތެވެ. ނުކިޔާ ނުބައި އެއްޗެއް ނެތެވެ. އެހިސާބުން ބުނީމެވެ. "ގެއަށްދާށެވެ. ގޮސް ފިރިއަކާއިއެކު ދިރިއުޅެން އަނބިމީހާ ކުރަންޖެހޭ މަސައްކަތް ދައްކަން ތިމާއަށްވުރެ ނިކަމެތިންނަށް އޯގާތެރިކޮށް ހިތަން ދަސްކޮށްގެން އަންނާށެވެ. އޭނާ ނޯކިރީ އެކުރަނީ އޭނާގެ ނިކަމެތިކަމުންނެވެ. އޭނާ ނިކަމެތިވެފައި އެހެރީ އަމިއްލައަކަށް ނޫނެވެ. ކަލޭގެ ބައްޕައަށާއި އަހަރެންނަށްވެސް ނިޢްމަތްތައް ދެއްވެވި ﷲ އެގޮތް އޭނާއަށް އިރާދަކުރެއްވެވުމުގައި އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟"

އެހިސާބުން އަޅުގަނޑާއި އޭނާ އާއި އަޅުވައި ނުކިޔާ އެއްޗެއް ނެތެވެ. ގެއިން ނުކުމެގެންދިއައީވެސް އެއްޗެތި ގޮވަމުންނެވެ. އަނބިމީހާ ދިއުމުން ބުނީމެވެ. "ހިނގައިދިއަ ހުރިހާ ކަމެއް ހިނގައި އެދިއައީ ކަލޭގެ ކުރިމަތީގައެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ތިއަ އުޅޭ ގޮތަށް ގޭގައި އުޅޭށެވެ. ވަޒީފާއެއް ނުގެއްލޭނެއެވެ." 

އަނބިމީހާ ގެއަށްގޮސް އޭނާގެ ބައްޕަގެ ގާތުގައި ހުރިހާ ވާހަކަތަކެއް ދެއްކީ އަޅުގަނޑު ކުށްވެރިކޮށްފައެވެ. ބައްޕަ ހަމައެގޮތަށް އަޅުގަނޑުގެ މަންމަގެ ގާތުގައިވެސް ވާހަކަ ދެއްކުމުން މަންމަ ގުޅާފައި ސުވާލުކުރުމުން ކަންކަން ހިނގައިދިއަ ގޮތް ކިޔައިދިނީމެވެ. އަދި ދުވަސްކޮޅަކު އަޅުގަނޑުގެ ގާތުގައި އިނދެލަން މަންމަ އައުމަށް ނުވަތަ ކޮއްކޮއަކު ފޮނުވައިދިނުމަށް އެދުނީމެވެ. 

އެގޮތަށް އެދުމުން އައީ މަންމައެވެ. މަންމަ ގޭގައި އިންނަތާ ދުވަސްކޮޅެއްވާއިރަށް ގެންގުޅޭ ކުއްޖާގެ އަޚްލާޤާއި އުޅުން އެނގިދަސްވުމުން އަޅުގަނޑު ދެއްކި ވާހަކަތައް ޤަބޫލުކުރެވުނެވެ. 

ވަރިކުރުމުގެ ކުރިން އަނބިމީހާގެ ބައްޕަ އެއްރޭ ގެއަށް އައިސް ދަރިފުޅު އަނބުރާ ގެންނަން އެދުނެވެ. އެއިރުން އަޅުގަނޑަށް ބޮޑު ލޯނެއް ހޯދައިދޭނެ ކަމަށްވެސް ބުންނެވެ. އެނޫންވެސް ބައެއް ކަންކަން ކޮށްދޭނެކަމަށް ބުންޏެވެ. އަޅުގަނޑު ބުނީމެވެ. "އަޅުގަނޑަށް ބޭނުންވާރަށް ބޭންކުން މިހާރުވެސް ފައިސާ ލިބެއެވެ. އެހެން ނޫނަސް އަޅުގަނޑަކީ މާބޮޑެތި ލޯނުތައް ނަގައިގެން ކަންކަންކުރަން ބޭނުންވާ މީހަކީމެއް ނޫނެވެ. އަނެއްކަމަކީ އަންތބަކު ބޭނުންވަނީ ރީތި ހެދުން ލައްވާފައި ލިޕްސްޓިކް ޖައްސުވާފައި ބަލަން ބައިންދާކަށް ނޫނެވެ. އަދި ތިމާއަށްވުރެ ނިކަމެތިންގެ އަގުވަޒަންނުކުރެވޭ މީހަކަށް އެހެން މީހުންނާއިއެކު ދުނިޔޭގައި އުޅެން ފަސޭހައެއް ނުވާނެއެވެ. މީގެ އިތުރުން އެހުރިހާ ޑްރާމާތަކެއް ކުޅުނީ އޭނާއަށް ކުރަން ނުއެނގޭ ކަންކަން އެހެން މީހަކަށް ކުރަން އެނގޭތީއާ ތިމާގެ ކަންނެތްކަން ފޮރުވަންވެގެންނެވެ. އަނެކާ މަސައްކަތްކޮށް ރަނގަޅަށް އުޅޭތީ ހަސަދަވެރިވެގެންނެވެ. އެއީ އިންސާނެއްގެ ކިބައިގައި ހުންނާނެ އެންމެ ނުބައި ސިފައެވެ." 

އެވާހަކަތައް ދެކެވުނީ މަންމަވެސް އިންދައެވެ. އެއިގެ ދުވަސްކޮޅެއް ފަހުން އަނބިމީހާ ވަރިކުރީ މަންމަގެ ރުހުމާއިއެކުގައެވެ. އެއީ އަނބިމިހާ ގޮތް ދޫނުކުރުމުންނެވެ. ގެއަށް އެނބުރި އަތުވެއްޖެނަމަ މަސައްކަތް ނުކޮށް އަތްއުރާލައިގެން ނުއިނދެވޭނެކަން އެނގޭތީއެވެ. 

އެހިސާބުން ހަގު ކޮއްކޮ ގެއަށް ގެނެސްފައި މަންމަގެ ގެއަށް މަންމަ ހިނގައްޖެއެވެ. އެއިގެ 4 މަސްވަރު ފަހުން ކޮއްކޮ މަންމައަށް ގުޅާފައި ގޭގައި ގެންގުޅޭ ފައުޒިއްޔާ އާއި އަޅުގަނޑާއި ކައިވެނިކުރުމާއިމެދު ޚިޔާލު ހޯދިވެ. މަންމަ ބުނީ މަންމަ ގެއިން ދިއައީވެސް އެކަމަށް ފުރުޞަތު ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. 

އަޅުގަނޑުމެން ދެމީހުންގެ ކައިވެނީގެ ކަންކަން ކުރުމުގައި މެދުވެރިވީ ކޮއްކޮއެވެ. އެކަމާއި އަޅުގަނޑާއި ފައުޒިއްޔާ އާއި ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. ލޯބިވެގެނެއްވެސް ނުއުޅެމެވެ. ކައިވެނީގެ ކުރިން ކޮއްކޮއާއި ނުލައި ދެމީހުން ބައްދަލެއްވެސް ނުކުރަމެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 8 އަހަރު ވެއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ފައުޒިއްޔާ އަޅުގަނޑުގެ މަންމަގެ ލޯބިވެސް ކޮއްކޮގެ ލޯބިވެސް އަދި އަޅުގަނޑުގެ ލޯބިވެސް ހޯދީ އޭނާގެ މަސައްކަތާއި މުރާލިކަމުންނެވެ. ރިވެތި އަޚްލާޤުންނެވެ. މިކަންކަން ނެތް އަންހެނަކާއި ކައިވެނިކޮށްގެން ނަލަހައްދާފައި ހަމައެކަނި ބަލަން ބައިންދަން ކައިވެނިކޮށްގެން ދިރިއުޅުމަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

މިއީ އަޅުގަނޑުގެ ވިސްނުމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީވެސް ހަމައެއީއެވެ.

 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން