ހިތްދަތިކަން ގިނަ ދުވަސްތަކަކަށް ދެމިގެންދާނަމަ މިފަދައިން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ހިތްދަތިކަން ގިނަ ދުވަސްތަކަކަށް ދެމިގެންދާނަމަ މިފަދައިން ދުޢާކުރާށެވެ!

ކޮންމެ މީހަކަށްވެސް މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ. އެކިމީހުންނަށް އެކިގޮތަށެވެ. އެކި ގޮތަށެވެ. އެކި މުއްދަތަށެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ބާރެއް އަހުރެމެން އެކަކަށްވެސް ނުހިންގޭނެއެވެ. އެކަންކަން ހިނގަމުންދާނީ ﷲ ތަޢާލާ ކަނޑައަޅުއްވަވާ ގޮތަކަށެވެ. 

ހަމައެކަނި ހިތްދަތިކަމެއް ނޫނެވެ! މީސްތަކުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް މީސްތަކުން ހީކުރާވަރަށްވުރެ ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. އެކި މީހުންނަށް އެކި މުއްދަތަށެވެ. ހިތްވަރު ދޫކޮށްނުލާށެވެ! ކުރިމަތިވެފައިވާ ހާލަތާއިގެން ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ! 

ޙާލަތު ދިގުލައި ދިއުމުން ގިނަ ބައަކަށް ލިބޭ މާޔޫސްކަމުގައި އުންމީދު ކަނޑައިލެވެއެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ކަމަކަށް އޮންނާނެ ޙައްލެއް ނޫނެވެ. އަދި އެއީ މުސްލިމަކު ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. 

މުހިންމީ އިމްތިޙާނު ނިމެންދެން އިމްތިޙާނުގައި ސާބިތުވުމެވެ. އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ! ކެތްތެރިވާށެވެ! ކުރިމަތިކުރައްވަވާފައިވާ ޙާލަތުން އަރައިގަނެވުން އޮތީ ހަމަ ދާދިގާތުގައި ޔަޤީންކޮށްގެން ހުންނާށެވެ! 

މިފަދަ ދުޢާތައްކުރަމުން ގެންދާށެވެ! 

"ޔާ ﷲ! މިއަޅާ މިވަނީ ހިތްދަތިކަމާއި ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައެވެ! މިއަޅާގެ އީމާންކަން ޘާބިތުކަންމަތީގައި ވަރުގަދަކޮށްދެއްވަވާނދޭވެ! އަދި މިއަޅާގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ފުރިހަމަ ވިސްނުން މިއަޅާއަށް މިންވަރުކޮށްދެއްވަވާނދޭވެ! ނުބައި ވަސްވާސްތަކާއި ޝައްކުތަކުން ސަލާމަތްވެ ހުރެ ރަނގަޅު މަގުން ޢަމަލުކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! 

ހުރިހާ ބާރުވެރިކަމަކާއި ޙައްލު ވަނީ އިނބަ ރަސްގެލާނގެ ޙަޟްރަތުގައިކަން މިއަޅާ ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ޔާ ﷲ! ކެތްތެރިކަން މިއަޅާއަށް ދެއްވަވާނދޭވެ! އާމީން"

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން