އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީނެވެ. ﷲ تعالى ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައެވެ. އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭއެވެ. ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވައެވެ. މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ގޮސް އުޅެއެވެ. އޭ އިންސާނާއެވެ! ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތްހެއްޔެވެ؟ ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާށެވެ!
ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެދެއެވެ. ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެއެވެ. ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަކަށް އަރައިގަނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ."
ޒިނޭއަކީ ޙައްދު ކަނޑައެޅިފައިވާ ކުށެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާ (މުޙުޞަނަކު ކަމުގައި ނުވާނަމަ) ދެ މީހުން ކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ﷲއަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، ﷲގެ دينގައި އެ ދެމީހުންނާ މެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمنންގެ ބަޔަކު ދެކޭހުށިކަމެވެ."
ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅެއެވެ. އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެކެވެ. މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށެވެ. އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައެވެ.
މާތް ﷲ ރުއްސުންލެއްވި އަބްދު ﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި ތިމަން ދެންނެވީމެވެ. އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ތިބާ ހައްދަވައިފައިވާ ހިނދު، އެކަލާނގެއަށް ޝަރީކުކުރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަޤީރުވެދާނެކަމަށް ބިރުން، ތިބާގެ ދަރިން މެރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "ތިބާގެ އަވަށްޓެރިއާގެ އަނބިމީހާއާ ޒިނޭކުރުމެވެ."[1] އަދި ވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا ظَهَرَ فِيْ قَوْمٍ الرِّبَا وَالزِّنَى إِلَّا أَحَلُّوا بِأَنْفُسِهِمْ عِقَابَ اللهِ عَزَّ وَجَلَّ)[2] "ބަޔެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެ ނަމަ، އެ ބަޔަކު އަމިއްލައަށް އެ ބަޔެއްގެ މައްޗަށް އަރަހުށި ﷲގެ ޢަޛާބު ވެރިކުރުވައިފިއެވެ."