ދިރިއުޅުމުގަ ލިބިގަތުން މުހިންމު ފިލާވަޅުތަކެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދިރިއުޅުމުގަ ލިބިގަތުން މުހިންމު ފިލާވަޅުތަކެއް-!

އަހުރެންނަސް ކުރެވުނު އެންމެ ބޮޑު އެއް ކުށަކީ މާއަވަހަށް މީހުންނަށް އިތުބާރުކުރެވުނު ކަމެވެ. އެކަމުގެ ނަތީޖާއަކަށްވީ ޙަޔާތުގެ ބައިވެރިއަކަށްވެސް ނުބައި މީހަކު އިޚްތިޔާރުކުރެވުނެވެ. އަދި އެކުވެރިންނަށް ކުރެވުނު އިތުބާރުގެ ނަތީޖާއަކަށްވީ އަތުން އެތައް ބައިވަރު ފައިށާތަކެއް ގެއްލިގެން ދިއުމެވެ. 

އެކަންކަން އިޙްޞާޞްކުރެވުމާއިއެކު ޙަޔާތުގެ ބައިވެރިޔާ ބަދަލުކުރީމެވެ. އެކުވެރިންތައް ދޫކޮށްލައި އެކަނިވީމެވެ. އެކަންކަން ވެގެންދިއައީ މުޅިން އައު ދުނިޔެއަކަށް ހޭލެވުމެވެ. އަމިއްލަ ދިރިއުޅުން ކުރިއަރުވަން އިތުރަށް ހިތްވަރު ލިބުމެވެ. 

ކިތަންމެ ދުވަސްވީ އެކުވެރިއަކުވެސް ލަނޑެއްދީފާނެއެވެ. ނަމަވެސް އެއީ ވަރަށް މަދުން މެދުވެރިވާ ކަމެކެވެ. މާޢަވަހަށް އިތުބާރުކުރެވިއްޖެނަމަ ލަނޑުލިބޭލެއް ގިނަވެއެވެ. މައްސަލައަކަށްވަނީ މީހުން ގިިޓީކޮށްގެން ދައްކާ ވާހަކަތަކަށް ހެއްލެވޭކަމެވެ. ޤަބޫލުކުރެވޭ ކަމެވެ. 

ދެން ބުނަން ހެއްޔެވެ؟ އަހުރެންގެ ހިތުގައި އެއްވެސް މީހަކަށް ހަސަދަވެރިކަމެއް ނެތެވެ. ހަމައެކަނި ކުރިކަމަކީ ދުރިހެލިވާންޖެހޭ މީހުންނާއި ދުރުހެލިވުމެވެ. އެގޮތަށް ކަންތައް ކުރީމާ ގިނަ ބައަކު ނުރުހި އަހުރެންނަށް ދެރަދޭން މަސައްކަތްކުރިއެވެ. އެކަންކަމުން އަހުރެންނަށް ލިބުނީ އިތުރު ހިތްވަރެވެ.

އަހުރެން ބުނާނީ އެމީހުންނަށް ބޭނުމެއް ޖެހިގެން އެކަނި ތިބާ އާއި ބައްދަލުކުރާ ނުވަތަ ފޯނުން ގުޅައި މެސެޖްކުރާ މީހުންނަށް ޖަވާބުވެސް ނުދޭށެވެ! ސަބަބަކީ އެމީހުން އެ އަންގައިދެނީ އެމީހުންނަކީ އަމިއްލަ އެދުމުން ފުރިގެންވާ ބައަކު ކަމެވެ. އެފަދަ ބައަކާއި ގުޅުން ބާއްވާނަމަ އަބަދުވެސް ލިބޭނީ ދެރައެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. ތިބާ ދޫކޮށްލާފައި ދިއަ މީހަކު އެނބުރި އަންނަން ބޭނުންވުމުން އެކަމަށް ފުރުޞަތު ނުދޭށެވެ! އެއީ ޙަޔާތުގެ ބައިވެރިޔާ ނަމަވެސް އަދި އެކުވެރިއެއް ނަމަވެސްމެއެވެ. ސަބަބަކީ އެއީ އެއްވެސް ވަރަކަށް އިތުބާރުކުރަންވާނެ ބައެއް ނޫނެވެ. 

ނިންމާލަމުން ބުނެލަން އޮތީ އަހުރެންގެ ދިރިއުޅުން މިގޮތަށް ތަރުތީބުކުރިފަހުން ދެރަވެގެން އުޅޭކަށް ނުޖެހެއެވެ. ތަނަވަސްކަންވެސް އިތުރުވެއްޖެއެވެ. އުފާވެރިކަންވެސް އިތުރުވެއްޖެއެވެ. މިއީ ކުރިން ބުނިފަދައިން އަހުރެންގެ ތަޖުރިބާއެވެ. ތިބާއަށް އޮތީ ތިބާ ބޭނުންވާ ގޮތެކެވެ.

 

- ނޫރު އަލްސާމީ  

މިއަދު އޮންލައިން