ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންސާނީ ފިޠުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާޠުކޮށް އުޅުމުގެ ނަތީޖާއަކަށް ވީ އެ މީހުންގެ ޤައުމު މުޅިން ހަލާކުވެ ދިޔުމެވެ. އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލު ކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ޤައުމު ހެއްދެވުމެވެ. އެ މީހުން ކުޅަ ބަދުއަޚްލާޤީ ޢަމަލުތަކުގެ ސަބަބުން އެމީހުންގެ މައްޗަށް ގިނި ހިލައިގެ ވާރޭ ވެއްސަވައި އެ މީހުން ހަލާކުކުރެއްވުމެވެ.
މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ދެން ފަހެ، ތިމަންރަސްކަލާނގެ (عذابގެ) أمرފުޅު އައި ހިނދު، އެ ރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވައިފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ حضرةގައި ފާހަގަކުރައްވައިފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެ ކަންތައް ނުވެތެވެ."
ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ أَخْوَفَ مَا أَخَافُ عَلَى أُمَّتِيْ عَمَلُ قَوْمِ لُوْطٍ)[1] މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ އުންމަތަށް އެންމެ ބިރުފުޅު ގަންނަ ކަމަކީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ޢަމަލުގެ ތެރެއަށް އެ މީހުން ވެއްޓުމެވެ."