ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނައެވެ. އެއީ ނުރައްކާތެރި ބަލިތަކެކެވެ. ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނެއެވެ. ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެކެވެ.
ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢަވެގެންނެވެ. ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެންނެވެ. މާތް ﷲ މި ކަމުގެ އިން ބަޔާންކުރައްވައި ވަޙީކުރައްވައިފައި ވެއެވެ. ---- އަދި އެއުރެންނީ، އެއުރެންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެ ކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ."
މި ކަމަށް އިންޒާރު ދެއްވަމުން ލޮބުވެތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَـمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ وَالْأَوْجَاعُ الَّتِيْ لَـمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِيْنَ مَضَوْا)[1] މާނައީ: "ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތައް ބަޔެއްގެ ތެރޭގައި ފާޅުވެ، އެ ކަންތައްތައް ފާޅުގައިކޮށް އެ މީހުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، އެ މީހުންގެ ކުރީގެ މީހުންގެ ތެރެއަށް ފާޅުވެފައި ނުވާ ޠާޢޫނާއި ވޭންދެނިވި ބޮޑެތި ބަލިތައް ފާޅުނުވެ ނުދާނެތެވެ." ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޒިނޭއާއި ފާޙިޝްޢަމަލުތަކުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ!
ދުނިޔޭގެ އަޚްލާޤު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫނެވެ. އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާއެވެ. އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާއެވެ. އެއީ މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުޞީބާތެވެ. އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވައިފައެވެ. ﷲގެ އަމުރުފުޅުތަކަށް ތަބަޢަވެ މުންކަރާތްތަކާ ދުރުހެލިވުމުންނެވެ.
ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންނެވެ. އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެކެވެ.[2] ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެކެކެވެ. ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ ﷲ ޤަބޫލު ކުރައްވައެވެ. ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވައެވެ.[3]
އެއް ދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހަށް ޒުވާނަކު އައިސް ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ތިމަންނާ ޒިނޭކުރުމަށް ހުއްދަދެއްވާށެވެ! އެ ހިނދު މީސްތަކުން އޭނާ ވަށައިލައި އޭނާއަށް ޢައިބުގެ ބަސްތައް ރައްދުކުރަމުން ބުންޏެވެ. "ތިބާ ތިޔަވާހަކަ ނުދައްކައި ހަނު ހުންނާށެވެ!" ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ ޒުވާނާއަށް ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!" ދެން އޭނާ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އަދި އެތާނގައި އިށީނެވެ. އިތުރު އެކަލޭގެފާނު އޭނާއަށް ހަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައާ އެކު މީހަކު ޒިނޭކުރުމަށް ތިބާ ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލުކުރެއްވިއެވެ. "ތިބާގެ އަންހެންދަރިފުޅު ޒިނޭކުރާން ތިބާ ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ އުޚުތާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިކަމަކަށް ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އުޚުތުންނާ އެކު މީހަކު ޒިނޭ ކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ ބަފާފުށު ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިޔަކަމަކަށް ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ ބަފާފުށު ބޮޑުދައިތައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އަދިވެސް ސުވާލު ކުރެއްވިއެވެ. "ތިބާގެ މައިފުށުގެ ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިޔަކަމަކަށް ނުރުހޭނަމެވެ. މާތް ﷲ ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ." އެއަށްފަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޒުވާނާގެ ގައިގައި އަތްޕުޅު އަޅުއްވައިފައި ދުޢާ ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ޒުވާނާގެ ފާފަ ފުއްސަވައި، އޭނާގެ ހިތް ޠާހިރުކުރައްވައިފާނދޭވެ! އަދި އޭނާ ޢިއްފަތްތެރިކުރައްވައިފާނދޭވެ!" އޭގެ ފަހުން އެ ޒުވާނާ ދުވަހަކު ވެސް އެފަދަ ކަމަކާ މެދު ނުވިސްނައެވެ.[4]
ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށްޓަކައި ނަމާދު ޤާއިމުކުރުންމަތީ ދެމިތިބޭށެވެ! ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކުރާށެވެ! ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފާށެވެ! ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތު ވުމުގެ ކުރީން ތައުބާވާށެވެ! މާތް ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙްމާންވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.