ބާލިޣްވެފައިވާ އަންހެނުން އެކަނބަލުންގެ އަޢުރަ ނިވާކުރަންޖެހޭނީ ހަމައެކަނި ނަމާދުކުރަންތޯ ބައެއް މީހުން ސުވާލުކުރެއެވެ. ވީމާ ކަން އޮތްގޮތް ބުނެދޭނަ މަސައްކަތްކުރާނަމެވެ.
މުސްލިމުންނަކީ ވަކި ތަނަކަށް ވަންނަމުން ނުވަތަ ވަކިތަނެއްގައި އުޅެމުން ވަކިގޮތަކަށް އުޅެންޖެހޭ ބައެއް ނޫނެވެ. މުސްލިމުންނަކީ އެމީހަކު އުޅޭ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެންޖެހޭ ބައެކެވެ. އެހެންކަމުން ހަމައެކަނި ނަމާދުކުރަންވުމުން އަޢުރަ ނިވާ ކުރާ އަންހެނުންނާއިމެދު ވިސްނައިލަމާ ހިނގާށެވެ!
އަމިއްލައަށް ވިސްނައިލުމުން ވަރަށް ފުރިހަމައަށް ޖަވާބު ލިބޭނެއެވެ. އަންހެނަކު މިސްކިތަށް ވަންނަނީނަމަ ނިވާވެއެވެ. އަދި ގޭގައި ހުރެ ނަމާދުކުރި ނަމަވެސް ނިވާވެއެވެ. ނިވާވަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކަމަށްވާނަމަ ރުހިވޮޑިގަތުން ހޯދަން މިސްކިތަށް ދިއައިރު ނުވަތަ ނަމާދުކުރަން ފެށުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުން ނުވަނީހެއްޔެވެ؟ ﷲ ތަޢާލާ އެންގެވި ގޮތުގައި ހުރުމުން ލިބެން އޮތް ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކޮށް ތިއަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އެކަނި ވިސްނައިލި ނަމަވެސް ފުދޭނެއެވެ.
ހަމައެޢާއިއެކު ޙައްޖުވުމަކީ ފަރުޟެއްކަން ޤަބޫލުނުކުރާ މުސްލިމަކު ނުހުންނާނެއެވެ. ޙައްޖަށް ދާން ބޭނުން ނުވާ މުސްލިމަކުވެސް ނުހުންނާނެއެވެ. ޙައްޖަށް ފުރަން ވުމުންނާއި ޙައްޖަށް ގޮސް ތިބޭއިރު ތިބެނީ ނިވާވެގެންނެވެ. އެހެންކަމަށްވާއިރު ނިވާނުވެ ދިރިމިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އަމިއްލައަށް ވިސްނައިލުމުން ހިލޭފިރިހެނުންގެ ކުރިމަތީގައި އަންހެނުން އަބަދުވެސް ތިބެން ޖެހޭނީ ނިވައިވެގެންކަން އެނގިގެންދާނެއެވެ. ކޮންމެހެން މީހަކު މަޖުބޫރުކުރާކަށްވެސް ނުޖެހެއެވެ. އެހެނީ އެއްވެސް މީހަކު ތިމާއަށް އެކަން މަޖުބޫރު ނުކުރި ނަމަވެސް އެއީ ކުރަންޖެހޭ ކަމެއްކަން އެނގިގެންދާނެއެވެ.
ވަޒީފާއަށް ދާން ލާ ޔުނިފޯމް ވަޒީފާއިން ބޭރުގައި ލާން ނުޖެހޭ އުޞޫލުން ތިއަ ކަނބަލުންގެ ފޭރާން އެޅުމަށް ﷲ ތަޢާލާ ވަޙީކުރެއްވެވި ގޮތް ވެސް އަމިއްލައަށް ބަދަލުކޮށްލަނީ ހެއްޔެވެ؟ އަންހެނުންގެ އަޢުރަ އާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ގޮތް ވެސް ވަރަށް ސާފުކޮށް އެނގެން އޮތްއިރުވެސް ﷲ ތައާލާގެ އަމުރުފުޅު އިތުރަށް ބަދަލުގެނެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!
އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚު ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަ ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ!
އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އަންނޫރު: 31)
-މުފްތީ މެންކުގެ ދަރުސަކުން