ރަނގަޅަށް ވިސްނާލައިފިނަމަ އެނގޭނެއެވެ. ކުރަން ބޭނުންވާ ވަރަށް އަޅުކަން ނުކުރެވޭ ސަބަބުތައް ބައިވަރެވެ. އެއިގެ ތެރެއިން އެންމެ ގިނަ ސަބަބުތައް މެދުވެރިވާނީ އިންސާނުންގ ތެރޭގައި ތިބޭ ޝައިޠޯނުންގެ ސަބަބުންނެވެ. އަޅުކަމެއް ކުރަން ފަށަން އުޅޭ އިރަށް އަންނަ ފޯނުކޯލުތަކާއި ފޮނުވާ މެސެޖުތަކާއި ފޮޓޯތަކާއި ގެއަށް އަންނަ މީހުންނާއި ބައްދަލުވާ މީހުންނާއި މިފަދަ އެތައް ކަންކަމަކީ ހަމަ ޝައިޠޯނުންގެ ކިބައިން މެދުވެރިވާ ކަންކަމެވެ.
މިސާލަތަށް ބޭކަނބަލަކު ޟުޙާ ނަމާދަށް އަރަން ތައްޔާރުވަނީއެވެ. އެކަން އިބިލީހަށް އެނގޭނެއެވެ. ދެން ކުރާނެ ކަމަކީ އެވަގުތު އޭނާގެ އެންމެ ގާތް ކޮންމެވެސް މީހަކު ލައްވައި އޭނާއަށް ފޯނުކުރުވުމެވެ. ނުވަތަ ފޮޓޯ އާއި މެސެޖު ފޮނުވުމެވެ! އަދި އެވަރުން ކާމިޔާބު ނުވި ނަމަ ގޭގެއަށް މީހުން ވެސް ފޮނުވާނެއެވެ!
ޝައިޠޯނުން މިހާރު މިވަނީ 2 ބައަކަށް ބެހިފައެވެ. އެއީ ލޮލަށް ފެންނަ ޝައިޠޯނުންނާއި ލޮލަށް ނުފެންނަ ޝައިޠޯނުންނެވެ. އަބަދުވެސް ބުނާ ފަދައިން މީގެ ތެރެއިންވެސް އެންމެ ނުރައްކައުތެރިކަން ބޮޑީ ލޮލަށް ފެންނަ ޝައިޠޯނުންގެއެވެ.
ޝައިޠޯނުންތަކާއި އިންސާނުންގެ ތެރެއިންވެސް ބައަކު ގުޅުމުން ޝައިޠޯނުންތައް ގިނަވެ މިއަދު މިވަނީ އަޅުގަނޑުމެން ވަށާލައިފައެވެ. މުއުމިނުން މަގުފުރައްދަން މިއަދު މަސައްކަތްކުރަމުން އެ ގެންދަނީ ހަމަ ވަރަށް ފައުޅުކަންބޮޑު ގޮތެއްގަވެ. ޝައިޠޯނުން ޝައިޠޯނުންނަށް ވަނީ މީސްތަކުން މަގުފުރައްދައި ﷲ ތަޢާލާގެ ދިނާއި ދުރައް ޖައްސުވަން މަސައްކަތްކުރާތީއެވެ. ވީމާ އެކަން ކުރާ މީހަކީ ހަމަ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ މަގުގައި، ﷲ ތައާލާއަށް އަޅުކަންކުރުންމަތީގައި ސާބިތުވެ ހުންނަން ބޭނުންވާ މީހާ މިކަންކަމަށް ވިސްނާށެވެ! ޝައިޠޯނުންގެ ކިބައިން ސަލާމަތްވުމަށް ކުރަން އޮތް ދުޢާ ﷲ ތައާލާ ކީރިތި ޤުރްއާނުގައި ބާވައިލެއްވެވެވުމުން އެކަމަށް ދޭންޖެހޭ ސަމާލުކަން އެނގިގެންދެއެވެ.
رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ
" އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަން އަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." (އަލްމުއްމިނޫން: 97)
މިއީ ކިތަންމެ ކުރު ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ދުއާއެކެވެ. ގިނަގިނައިން ކުރަން ޖެހޭ ދުޢާއެކެވެ! ކުރިން މި ބަޔާންކުރި ފަދައިން ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބިގަނެގެން ހުރެވެން އޮތީ އެއިރުންނެވެ. މިފަދަ ދުޢާތަކަކީ ﷲ ތައާލާ ދެއްވަވާފައިވާ އެންމެ އަގު ބޮޑު ހަދިޔާ ކަމުގައި ޤަބޫލުކުރަންޖެހޭނެއެވެ. އެހެނީ އަހަރެމެން ކޮންމެ މީހަކީވެސް ސުވަރުގެ ވަނުމަށް އެދޭ މީހަކަށްވާއިރު ސުވަރުގެ ލިބުން ވަނީ ޝައިޠޯނާ އާއި ދުރުވެވުނު މިންވަރަކުން ކަމުގައިވާތީއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން