ރަޙްމަތްތެރިއަކު ބުނެގެން އޭނާގެ އެކުވެރިއެއްގެ ގެއަށް ދިޔައިމެވެ. އެއީ އެގޭގެ މީހުންނަށް ހެޔޮނަޞޭޙަތަކަށް ބޭނުންވެގެން އުޅޭކަމަށް ބުނީތީއެވެ. އެގޭ ދޮރު މައްޗަށް އަރާފައި ޖެހުނީ ހުއްޓޭށެވެ. ގެއަށް ވަންނާކަށް ނުކެރުނެވެ.
ޓީވީން ފެންނަނީ ހިންދީ ފިލްމެއްގައި ބިކިނީލައިގެން ނަށާތަނެވެ. އެއްދަރި ގިޓާކުޅެނީއެވެ. އަނެއްދަރި އިނީ ހަރުމަނިޔަމެއް ކައިރީގައެވެ. އަނެއް ބައަކު ތާސްކުޅެނީއެވެ. އެހެންކަމުން އެގެ އެއިރުވެފައިވަނީ ޝައިޠޯނުންގެ ޙާއްޔަކަށެވެ.
އެހެންވެ ބޭރުގައި މަޑުކޮށްލާފައި ގޭގެ އަހުލުވެރިން ބޭރަށް ނެރެދިނުމަށް ބުނީމެވެ. ގޭގެ ވެރިމީހާގެ ދެމަފިރިންނާއި އަދިވެސް ބައަކު ނުކުމެ ގޭތެރެއަށް ވަންނަން ދައުވަތުދިނުމުން ބުނީމެވެ. "އަހަރެންނަށް ދައުވަތުދީގެން ތިއަ ގެނައި ބޭނުމަކީ ކޮބައިހެއްޔެވެ؟ އެއީ ހެޔޮ ނަޞޭޙަތެއްގެ ބޭނުމުގައިކަމަށްވާނަމަ ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާނެ ތަނެއްގައި އެފަދަ މަޖިލީހެއް ކޮށްގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟"
އެގޭގެ އަހުލުވެރިންގެ ބޭނުމަކަށްވެފައި އޮތީ ދަތިޙާލުގައި އުޅެންޖެހިފައިވާތީ އެޙާލަތު ބަދަލުކޮށްދެއްވެވުން އެދި ކުރާނެ ކަންކަން އޮޅުން ފިލުވުމެވެ. އަހުރެން ބުނީ އަހުރެންނަށް ވިސްނޭގޮތުން ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިގަންނަވާނެ ތަނަކަށް ގޭގެ މާޙައުލު ބަދަލުކުރުމެވެ. ދުޢާކުރުން އޮތީވެސް އެއިގެ ފަހުންނެވެ.
އެގޭތެރެއިން ފެނުނު ކަންކަން ފާހަގަކޮށް އިޞްލާޙްކުރަން ނަޞޭޙަތްތެރިވީމެވެ. އެކަންކަން ޤަބޫލުކުރާ ކަމަށްވެސް ބުންޏެވެ. އިޞްލާޙްކުރިކަން ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ.
މުސްލިމް ޢިލްމުވެރިންގެ ތެރެއިން ވަރަށް މަދު ޢިލްމުވެރިއަކު މިޔުޒިކް ހުއްދަކުރެއްވެވި ކަމުގެ ވާހަކަދައްކައެވެ! ނަމަވެސް އަހަރެން ބުނަން އޮތީ އެބޭކަލުންވެސް ހުއްދަކުރެއްވީ މިއަދު މިކުޅޭ މިޔުޒިކް ނޫން ކަމަށެވެ.
ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. ޕޮޕްސްޓާރުން ކަމަށް ކިޔާ ލަވަކިޔުންތެރިން ކިޔާ ލަވައާއި މިޔުޒިކް އަޑުއަހަން ހަމަ ހެޔޮވެސް ނުވާނެއެވެ. ލައިގެން ތިބޭ ހެދުމުންނާއި ޖައްސާ ވައްތަރުން އިންސާނުންގެ ހިތުގައި ނުބައި ޚިޔާލު އުފެދޭނެ ގޮތަށް ކުރާ އަމަލުތަކާއި ދައްކާ މަންޒަރު ބެލުމާއި އެފަދަ މިޔުޒިކާއި ލަވައިގެ އަޑުއަހަން މުސްލިމުންނަށް އެއްވެސް މިންވަރަކަށް ހުއްދައެއް ނުވާނެއެވެ!
މި ވަބާ ޖެހިފައިވަނީ ހަމައެކަނި ހުޅަނގުގެ މިޔުޒިކަކަށްވެސް ނޫނެވެ. ހިންދީ މިޔުޒިކް ވެސް މިއަދު ހަމަ އެފަދައެވެ. މަޑުމަޑުމަޑުން ހެދުން ކުރުވަމުން އައިސް މިހާރު ބިކިނީ އަށް ބަދަލުވެއްޖެއެވެ. ޓީވީއަކުން ބެލި ނަމަވެސް މަގުމަތިން ލޮލަށް ފެނިގެން ބެލި ނަމަވެސް ޙަރާމް އެއްޗެއް ބެލުމުގެ ޙުކުމަށް އެއްވެސް ތަފާތެއް ނައުދެއެވެ! ޙަޜާމް އޮންނާނީ ޙަރާމްގެ ގޮތުގައެވެ. ޙަލާލް އޮންނާނީ ޙަލާލްގެ ގޮތުގައެވެ.
މިކަމުގެ ނުބައިކަން ބޮޑުވެ މުޖުތަމައުތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ބޮޑުކަމުން މުސްލިމުންގެ އިތުރުން މިއަދު ޔަހޫދީ އަދި ނަޞާރާ ދީނުގެ ޢިލްމުވެރިންވެސް ގެންދަނީ މިޔުޒިކް މަނާކުރަމުންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ މިޔުޒިކް ކުޅޭ އިރު ޖައްސާ ވައްތަރުތަކުގެ ސަބަބުން އެހެން މީހުންގެ ހިތްތައް މަސްތުކުރުވައި ޝަހުވާނީ އެދުންތަކަށް ޝައުޤުވެރިވާ ކަމެވެ.
ވީމާ މަސައްކަތްކުރަންވީ ހުއްދަ ނޫން އަޑުތައް އެހުމުން ކަންފަތްތައް ސަލާމަތްކޮށް ތަފާތު ރީތި ރާގުތަކަށް ކިޔެވޭ ކީރިތި ޤުރްއާނުގެ ކަންފަތްތައް ފުރައިލުމަށެވެ! ރަމަޟާން މަސް ނިމިގެންދާއިރު ގޭތެރެއަށް އެ ބަދަލު ގެނެވޭތޯ ބަލަންޖެހޭނެއެވެ. އެއީ މުޅި ޢާއިލާއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެއެވެ!
އަހަރެމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާ އަށް ބިރުވެތިވެގެންނެވެ. ކޮންމެ ކަމަކަށް އެދިވެސް ދަންނަވަން އޮތީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތެވެ! އަދި ކީއްހެއްޔެވެ؟ ކޮންމެ ޢާއިލާއަކަށްވެސް މިވަނީ ރިޒްޤަށާއި އެތައް ކަމަކަށް އެދި ގިނަގިނައިން ދުޢާކުރަން ޖެހިފައެވެ. ވީމާ ފުރަތަމަކަމަކަށްވެސް ގޭތެރެއަށް ޝައިޠޯނާގެ އަޑުތައް ވެއްދުން ހުއްޓައިލާށެވެ! އެފަދަ ނުބައިކަންކަމުން ގޭތެރެ ޠޯހިރުކޮށްލާށެވެ!
ޞައިޠޯނާ އުފާވާނެ އެއްވެސް ކަމެއް ގޭގައި ނުކުރާށެވެ! ގޭގައި ކުރާ ކޮންމެ ޢަމަލަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަމަލަކަށް ހަދާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އޮހެމުންނެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން