އުންމު ނަވާރު
ދުނިޔޭގެ މި ކުރު ހަޔާތުގައި ތަފާތު އެތައް ކަމެއް ދިމާވާނެއެވެ. އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތަކެވެ. ތަނަވަސް ދުވަސްތަކާއި ދަތި ދުވަސްތަކެވެ. ދުޅަހެޔޮ ސިއްހަތާއި ބަލި މަޑު ކަމެވެ.
ނިއުމަތުގެ ދުވަސްތަކުގައި އަހަރަމެންނަށް އޮތީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވި ނިއުމަތްތަކަށް ޝުކުރު ކުރުމެވެ. ބަލި މަޑު ކަމާއި ބަލާއާއި މުސީބާތުގެ ދުވަސްތަކުގައި އޮތީ ރިވެތި ކެއްތެރިވުމަކުން ކެއްތެރި ވުމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުއާ ދަންނަވައި ރަނގަޅު ގޮތް މެދުވެރި ކުރައްވާނެ ކަމަށް އުންމީދު ކުރުމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ މެދު ރަނގަޅު ހީ ކުރުންތައް ހީ ކުރުމެވެ.
އަޅުގަނޑުމެން ތެރެއިން ބައެއް މީހުންނަށް ވާ ގޮތަކީ ދިރިއުޅުމުގައި ދަތި ކަމެއް ނުވަތަ ބޮޑު ކަމެއް ދިމާވެ، އެކަމުން އަރައި ގަނެވޭނެ އެއްވެސް ގޮތެއް ނުފެނުމުން ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހްމަތުން އުންމީދު ކަނޑާލެވެނީއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަކީ އެންމެ އޯގާވަންތަ ދީލަތިވަންތަ ފަރާތެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހްމަތާއި މެދު އުންމީދު ކަނޑައިލާ މީހުންނާއި މެދު ކީރިތި ޤުރްއާނުގެ ހިޖްރި ސޫރަތުގެ 56 ވަނަ އާޔަތުގެ މާނައިގައި ވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. "މަގުފުރެދިފައިވާ މީހުން މެނުވީ އެމީހެއްގެ ރައްބުގެ ރަހްމަތުން އުންމީދު ކަނޑައިލާ މާޔޫސްނުވާނެއެވެ."
އެހެން ކަމުން އަލޫގަނޑުމެންނަށް އޮތީ ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް ﷲ ސުބުހާނަހޫ ވަތައާލާގެ ރަހްމަތުން އުންމީދު ކަނޑާނުލާ ކުރިޔަށް ދިއުމެވެ. ކުރިމަތިވި އުނދަގޫ ހާލަތުން ނެރެދެއްވުން އެދި ދުޢާކޮށް ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟްރަތަށް ދެންނެވުމެވެ. ސަބަބުތަކުގައި ހިފައި މަސައްކަތް ކުރުމެވެ. ލޯބިވާ އަޙުންނާއި އުޙްތުންނޭވެ! ހަދާން ކުރާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަކީ އެންމެ ދީލަތިވަންތަ އޯގާވަންތަ ފަރާތެވެ.
ލިޔުނީ: އުންމު ނަވާރު