"ދެވަނަ ކައިވެންޏެއް ކުރަން ފިރިމީހާ ބޭނުންވުމުން އެކަމަށް ރުހުނީމެވެ. ނަމަވެސް ޝަރުޠުތަކަކާއިއެކުގައެވެ. އެއީ އަޅުގަނޑާއި ލިބިފައި ތިބި 3 ދަރިން ބާކީކޮށް ނިކަމެތިނުކުރުމެވެ. ދުވަހަކުވެސް އެފަދަ ދެރަ ގޮތެއް ނުހަދާނެކަމަށް އެއިރު އެތައް ވަޢުދެއްވިއެވެ.
ނަމަވެސް ކައިވެންޏަށްފަހު ކަންކަން ކުރަނީ އެގޮތަކަށް ނޫނެވެ. އަޅުގަނޑުގެ ނަފްސަށް ލިބެންޖެހޭ ޙައްޤުތަކުން މަޙްރޫމްކުރުމުގެ އިތުރުން އަޅުގަނޑާއި 3 ދަރިން މިވަނީ ހުރިހާ ކަމަކުން މަޙްރޫމްކޮށްފައެވެ. ހަފްތާ ނިމިގތެންދާއިރު އެންމެ ދުވަހަކުވެސް ލޮލަށް ނުފެންނަ ހަފްތާތައް ބައިވަރެވެ. ކާނެ ބޯނެ އެއްޗެއް ގެނެސްދެނީ ދުރުހިލޭ މީހަކަށް ސަލާންޖަހާހެން އެތައް ފަހަރަކު އާދޭސްކުރުމުންނެވެ. މިހައި ވަރަށް އަނިޔާ މިދެނީ ލިބިފައި ތިބި 3 ދަރިން ގޮވައިގެންގޮސް ވަންނާނެ ތަނެއް ނެތްކަން އެނގޭތީ އެވެ."
މިއީ ކިޔުންތެރިއަކު އޭނާގެ ޙާލަތު ބުނެދެމުން ބުނެފައިވާ ބަސްކޮޅެކެވެ. މިބާވަތުގެ އަޑުތައް އަބަދުހެން އަންނަނީ އިވެމުންނެވެ. އެހެންކަމުން ބުނެލަން އޮތީ ތިރީގައިވާ ލިޔުމުގައި އެވާ ކަންކަމަށް ވިސްނައިލާށެވެ! އަނބިން މިގޮތަށް ނިކަމެތިކުރާ ފިރިންގެ އަނބިންގެ ތެރެއިން އުފަލުގައި އިންނަ އަނބިމީހާގެވެސް މަސްއޫލިއްޔަތުތަކެއް އެބަވެއެވެ.
ތަނަވަސްކަމާއި ކުޅަދާނަކަން ހުރިނަމަ ގިނަ އަނބިން ހޯދުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ އަނބިންގެ ތެރެއިން އެކަކަށް ހުރިހާ އުފާވެރިކަމެއް ހޯދައިދެމުން ގެންދާއިރު ދެން ތިބޭ އަނބިންނަށް އަޅައިނުލެވޭކަމެވެ. އަނބިންގެ ެމދުގައި ހަމަހަމަ ނުކުރެވޭ ކަމެވެ. އިންޞާފުން ކަންކަން ނުކުރެވޭ ކަމެވެ.
މިކަމުގައި އަނބިންވެސް ސަމާލުވާންއެބަޖެހެއެވެ. ފިރިމީހާގެ އެހީތެރިކަމާއި ލޯތްބާއި އަޅައިލުން ލިބޭ އަނބިން ނުވަތަ އަނބިމީހާ ދެން ތިބި އަނބިންނާއިމެދު ވިސްނަން އެބަޖެހެއެވެ. ލިބޭތީ ހުރިހާ މޮޅެއް ލިބިގަނެގެން އުފަލުގައި އިނުމެއް ނެތެވެ.
ފުރަތަމަ ކަމަކަށް އެކެއްގެ އެއް އަންތބަށްވުރެ ގިނަ އަނބިން ތިބިނަމަ ހުރިހާ އަނބިންވާން ޖެހޭނީ އެކުވެރި ރަޙްމަތްތެރިންނަށެވެ. އެކަކު އަނެކަކަށް އެހީތެރިވާ ބައަކަށެވެ. އެކަކަށް ޖެހޭ ކަންކަމުގައި އެހީތެރިވެ އަޅައިލުންދޭ ބައަކަށެވެ.
މީސްތަކުންގެ ހިތްތަކުން ލޯތްބާއި ކުލުނު ފިލައިގެން ގޮސްފައިވާ މިންވަރު ނިކަންދެކެބަލާށެވެ! މިބުނި ފަދަ ޢާއިލާތަކުގައި މިސާލަކަށް މީހެއްގެ 2 އަނބިން ތިބެފައި އެތަނުން އެއް އަންތބަށް ބޯހިޔާވަހިކަމެއް ނުދޭތަނުގައި، ބަލިވުމުން އަޅައިނުލާއިރު، ކާނެ އެތިކޮޅެއްވެސް ނުދޭކަން އެނގިހުރެމެ ފިރިމީހާގެ ފައިސާތަކުގެ މަތީގައި އަނެއް އަނބިމީހާ އެބަ އުދުހެއެވެ.
ދެވަނަ އަނބިމީހާ އަށް ކާންދިނުމާއި ބެލެހެއްޓުމަކީ ފިރިމީހާގެ ވާޖިބެކެވެ. ނަމަވެސް ކާންލިބޭ އަނބިމީހާ ވެސް ވިސްނައިލަންވީ ނުކައި އެއިންނަނީހަމަތިމާ ފަދަ އިންސާނެއްކަމެވެ. އޭނާއަށް ކާންދޭން ޖެހޭ ތިމާގެ ވެސް ފިރިމީހާ، އޭނާއަށްވެސް ކާން ނުދިން ފަދައިން ތިމާއަށް ވެސް ކާން ނުދީ ނިކަމެތިކޮށްލައިފާނެދުވަހެއް އަތުވެދާނެ ކަމަށެވެ. ވިސްނައިލަންވީ އެފަދަ ދުވަހަކުން ތިމާގެ ލޮލުންވެސް އޮހޮރަން ޖެހޭނެ ކަރުނައަށެވެ!
ހުރިހާ އަންހެނުންނަށް ވަޞިއްޔަތް ކުރަމެވެ! ފިރިމީހާގެ އިތުރު އަންތބަކު އިންކަން އެނގޭނަމަ އޭނާއަށް ކާންދިނުމާއި އެހެނިހެން ކަންކަން ކޮށްދޭކަން ކަށަވަރުކުރަންވާނެއެވެ! އެކަންކަން ފިރިމީހާ ނުކުރުމުން ތިމާއަށް ލިބޭ ބައި އިތުރުވާނެ ކަމަށް ހީވެސް ނުކުރާށެވެ! ބިރުވެތިވާންވީ ﷲ ތަޢާލާގެ ކޯފާއަށެވެ! މިންވަރުކުރައްވަވައިފާނެ ދަތި ޙާލަތަކަށެވެ! ޤިޔާމަތް ދުވަހަށެވެ!
އަނެކާ އާއިމެދު ހެޔޮކޮށް ހިތުމުން ﷲ ތަޢާލާ ތިމާއަށް މިންވަރުކުރައްވަވާނެ ނިޢްމަތްތައް މާމަތިވެރިވާނެކަން ޔަޤީންކުރާށެވެ! ފިރިމީހާ ނުބައިކޮށް ކަންކަން އެކުރަނީ ތިބާއަށް ހެޔޮނޭދޭ އަންހެނަކަށް ކަމަށްވެސް ވެދާނެއެވެ. ދެމީހުންގެ މެދުގައި މައްސަލައެއްވެސް އޮވެދާނެއެވެ. ކުރަންޖެހޭ ކަމަކީ އޭނާ ޙާލުގައި ޖެހޭވަގުތު އެހެން ހުރިހާ ކަންކަން ބަހައްޓާފައި އޭނާއަށް އެހީތެރިވުމެވެ. އެކަމަށްޓަކައި ﷲ ދެއްވަވާނެ މަތިވެރި ޖަޒާއަށް އުންމީދުކުރުމާއިއެކުގައެވެ.
ހިތާމައަކީ އެންމެ އަންބެއްގެ ކަންކަން ނުބެލެހެއްޓޭ ހާލުގައިވެސް އިތުރު ކައިވެނިތައްކޮށް އަނބިންގެ އަދަދު ގިނަކުރާ ކަމެވެ. ތިމާއަކީ އެކަކަށްވުރެ ގިނަ އަނބިންގެ ފިރިމީހާކަމަށް ބުނުމުން ލިބޭ ފަޚުރަށްވުރެ ޤިޔާމަތް ދުވަހު ކުރިމަތިލާން ޖެހިދާނެ ހާލަތުގެ ހިތާމަވެރިކަން މާބޮޑުވެދާނެކަމަށް ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟
މިހާރަކަށް އައިސް އިންސާނުންގެ ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކުގައި އެކުވެރިކަމާ ކުލުނާއި އޯގާތެރިކަން މިދަނީ ނެތި ހުސްވަމުންނެވެ. ނަތީޖާއަކަށްވެގެންދަނީ ފިތުނަވެރިކަން ހުރިހާ ޢާއިލާތަކެއްގައި ޢާންމުވެ ފެތުރިގެންދިއުމެވެ. ޢާއިލާތަކަށް ޝައިޠޯނާގެ ބާރު ގަދަކޮށްލުމުން އެފަދަ ކަންކަން ހިނގުން އިތުރުވަމުންދަނީއެވެ. އެޙާލަތުން އަރައިގަންނަން މަސައްކަތްކުރަންޖެހޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން