ކައިވެންޏަސްފަހުގައި ފުރަތަމަ ކަމަކަށް އޮތީ އަނެކާގެ ބޭނުންތައް ފުއްދައިދިނުމެވެ. އަނބިމީހާކަމުގައިވީނަމަވެސް އަދި ފިރިމީހާ ކަމުގައިވީނަމަވެސްމެއެވެ. ދެމީހުންގެ ދައުރު ތަފާތު ނަމަވެސްމެއެވެ.
ނަމަވެސް ބައެއް މީހުންނަށް ސަމާލުކަން ދެވެނީ ހަމައެކަނި ތިމާގެ ބޭނުންތައް ފުއްދުމަށެވެ. އެއީ މާލީ ގޮތުންނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސްމެއެވެ. އަދި ދެމަފިރިން އެކުަގއި އެއްދާންކުރުމުގައިނަމަވެސްމެއެވެ. ތިމާގެ ބޭނުންތައް ފުދުމުން އެހިސާބުން ނިންމާލައި އަނެކާއަށް ސަމާލުކަން ނުދިނުމަކީ އެންމެ ނުބައި މީހުންގެ ސިފައެކެވެ.
ކައިވެންޏަށްފަހު ދެމީހުންނަކީ ތިލަފަތުގެ ދެކޮޅެވެ. ބުރަކުރަން މަސައްކަތްކުރަންވީ ތިމާގެ ކޮޅަކަށް ނޫނެވެ. އަނެކާގެ ކޮޅަށެވެ. އެއިރުން ތިބާ ބޭނުންވާ ވަރަށްވުރެ މާބޮޑަށް ތިބާގެ ކޮޅަށް ބުރަވެގެންދާނެއެވެ. އަނެކާ ތިބާގެ ކޮޅަށް މާގިނައިން، މާބޮޑަށް އަޅާނެތީއެވެ.
މިއާއި ޚިލާފަށް ހަމައެކަނި ތިމާގެ ކޮޅަށް ބަރުކުރަން އުޅޭނަމަ ފެންނާނީ އެއްވެސް ކަމެއް ކާމިޔާބުނުކުރެވޭތަނެވެ. ބައިވެރިޔާއަށް ތިބާގެ ޙަޤީޤަތް އެނގުމުން ގިނަފަހަރު އޮންނާނީ އެކުގައި އުޅެން ބޭނުން ނުވެވިފައެވެ. ވަކިވާން ބޭނުންވެވިފައެވެ. މިޙާލަތުން ސަލާމަތްވެވި ތިމާއަށް އުފަލުގައި ހުރެވޭނީ އަނެކާ އުފާކޮށްދޭން ކުރާ މަސައްކަތް އިތުރުކުރި ވަރަކުންނެވެ.
ގިނަ ކައިވެނިތައް ރޫޅެމުންދާ އެންމެ ބޮޑު ސަބަބަކީ ހަމަމިއީއެވެ. އަމިއްލައެދުން ކުރިއަށް ނެރެވޭ ކަމެވެ. އަނެކާގެ އެދުންތަކަށް ސަމާލުކަން ނުދެވޭކަމެވެ. ވީމާ މިބުނި ކަންކަމަށް އިތުރަށް ވިސްނާލައިފިނަމަ އެމީހަކަށް ، އެދެމަފިރިއަކަށް އުފާވެރިކަން ނުލިބިއެއް ނުދާނެއެވެ. އިން ޝާ ﷲ
- ޑރ. ޔޫސުފް އަލްބީވް