ނުބައިކަމެއް ކުރަނިކޮށް ފެނިއްޖެނަމަ މަނާނުކޮށް ދޫކޮށްލުމަކީ ނަރަކައިން ސަލާމަތްވެވެން ލިބޭ ފުރުޞަތެއް ދޫކޮށްލުން ފަދަ ކަމެކެވެ.

ކިޔުމަށް ހޭދަވާނީ 5މ 40ސ
ނުބައިކަމެއް ކުރަނިކޮށް ފެނިއްޖެނަމަ މަނާނުކޮށް ދޫކޮށްލުމަކީ ނަރަކައިން ސަލާމަތްވެވެން ލިބޭ ފުރުޞަތެއް ދޫކޮށްލުން ފަދަ ކަމެކެވެ.

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

((فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ ونَفْسِهِ وَوَلِدِهِ وَجَارِهِ تُكَفِّرُهَا الصِّيَامُ والصَّلَاةُ وَالصَّدَقَةُ وَالْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنِ الْمُنْكَرِ))

މާނައީ: “މީހެއްގެ އަހުލުންނާއި މުދަލާއި ނަފްސާއި ދަރިންނާއި އަވަށްޓެރިންގެ ފިޠުނައިގައި، އޭނާއަށްވާ ކައްފާރާއަކީ ރޯދައާއި ނަމާދާއި ޞަދަޤާތާއި އަދި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ.” 

ހެޔޮކަންކަމަށް މީހުންނަށް އަމުރުކޮށް މުންކަރާތްތަކާއި، ނުބައި ޢަމަލުތައް ނަހީކުރުމަކީ އެމީހަކަށް އެކަމުގެ ހެޔޮކަން ލިބިގެންދާނެ ކަމެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙް ކުރުމަށްފަހު ދެން އެހެން މީހުން އިޞްލާޙް ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.  

ﷲ ތަޢާލާ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. (6)" 

ހެޔޮކަންކަމަސް މީހުންނަށް އަމުރުކޮށް ކިޔައިދިނުމަކީ ވެސް ދެވޭ ޞަދަޤާތެކެވެ. އަދި އެއީ މުއުމިނުންގެ ސިފައެކެވެ.  

ﷲ ތަޢާލާ މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެއްވާފައިވެއެވެ. ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ سَيَرْحَمُهُمُ ٱللَّهُ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴿٧١﴾‏

މާނައީ: مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. (71) 

ނުބައިކަމެއް ކުރަނިކޮށް ފެނިއްޖެނަމަ މަނާނުކޮށް ދޫކޮށްލުމަކީ ނަރަކައިން ސަލާމަތްވެވެން ލިބޭ ފުރުޞަތެއް ދޫކޮށްލުން ފަދަ ކަމެކެވެ. އެފަދަ ފުރުޞަތުތައް ދޫކޮށްނުލާށެވެ!

 

މިއަދު އޮންލައިން