ދަހިވެތިކަމަކީ ހިތަށް ޖެހޭ އެންމެ ނުބައި އެއް ބައްޔެވެ! އެބަލި ޖެހުމުން ދަހިވެތިވަނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ! ދުނިޔަވީ ބޭނުންތަކަށާއި ތަކެއްޗަށާއި މަޟްހޫރުކަމަށާއި އެހެން މީހުންގެ ތަޢްރީފަށްވެސް ދަހިވެތި ވެވެއެވެ!
މިފަދަ ކޮންމެ ކަމަކަށް ދަހިވެތިވި ނަމަވެސް އެކަން މެދުވެރިވަނީ ހިތަށް ޖެހޭ ނުބައި ބައްޔެއްގެ ސަބަބުންނެވެ. އެބަލި ޖައްސާ ވައިރަސްއަކީ ޝައިޠޯނާއެވެ! ވީމާ ޝައިޠޯނާގެ ކިބައިން ހިތް ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
މިނުބައި ބަލިން ސަލާމަތްވެވޭނެ ފަރުވާއަކީ ދީލަތިކަން އިތުރުކުރުމެވެ! ލިބޭ މިންވަރަކުން ދީލަތިވާށެވެ! އެހެން މީހުންނަށް އެހީތެރިވާށެވެ! އެހެން މީހުންނަށް ލިބޭ ކާމިޔާބަށް އުފާކުރާ މީހަކަށްވާށެވެ! މަޝްހޫރުވުމަށް ދަހިވެތިވުމުގެ ބަދަލުގައި ތަޤްވާވެރިވުމަށް ދަހިވެތިވާ މީހަކަށްވާށެވެ!
ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެ ކުރެވޭ އަމަލުތަކުގެ ސަބަބުން މީހާ ދިއުން ގާތީ ނަރަކައަށެވެ! ނަމަވެސް ދީލަތިކަމަކީ މީހާ ދަމައި ސުވަރުގެއަށް ވައްދާނެ ބާރަކަށް ވެގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން