ފަރުޟް ނަމާދުތައް ކުރަނީ ވާޖިބުކުރައްވަވާފައިވާތީއެވެ. ނުކޮށް ޤިޔާމަތް ދުވަހު ސަލާމަތް ކަމެއް ލިބެން ނެތުމުންނެވެ. ސުންނަތް ނަމާދުތައް ކުރުން ތަފާތެވެ. ސުންނަތް ނަމާދުތައް ކުރަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިންނެވެ. ސަޖިދަކޮށް ކިޔަމަންތެރިކަން އަދާކުރަން ބޭނުންވާތީއެވެ.
އެއީ ފަރުޟު ނަމާދަށްފަހު ޖަނާޒާއެއް އޮތް ދުވަހެކެވެ. ކަށުނަމާދުކޮށް ސަންދޯއްފަހަތުން ފައިބައިގެން އެންމެން ދިއައީ ސަޙަރާއަށެވެ. ރަވާތިބު (ފަހު) ސުންނަތް ނުކޮށެވެ. އަހުރެން ވަރަށް ރަނގަޅަށް ބެލީމެވެ. ޖަނާޒާއަށްފަހު އެނބުރި އައިސް ރަވާތިބް ސުންނަތް ކުރަން މިސްކިތަށްއެރީ މަދުމީހެކެވެ. އެމީހުންގެ ތެރެއިން ގެއަށްގޮސް ރަވާތިބް ސުންނަތްކުރީ ކިތައް މީހުންކަން ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. އަހުރެން ބުނާނީ މަދު މީހަކު ނޫނީ ނުކުރާނެއެވެ.
އެެހން ނުހަދާށެވެ! ރަވާތިބް ސުންނަތް ނުކޮށް ދޫކޮށްނުލާށެވެ. އެކަމުން ލިބެން އޮތް ފައިދާ މާބޮޑެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް އުންމު ހަބީބާ ރަޟިއަﷲ ތަޢާލާ އަންހާގެ ކިބައިން ރިވާވެގެންވެއެވެ.
"އެއްވެސް މީހަކު ފަރުޟު ނަމާދު ފިޔަވައި ސުންނަތް ނަމާދުގެ ބާރަ ރަކުޢަތް ﷲއަށްޓަކައި ކޮންމެ ދުވަހަކު ކޮށްފިކަމުގައި ވަނީނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެކަމަށް! އެއީ ފަތިސްނަމާދުގެ ކުރިން 2 ރަކުއަތާއި މެންދުރުނަމާދުގެ ކުރިން 4 ރަކުޢަތާ މެންދުރު ނަމާދުގެ ފަހުން 2 ރަކުއަތާ މަޣްރިބް ނަމާދުގެ ފަހުން 2 ރަކުއަތާ އަދި އިޝާނަމާދުގެ ފަހުން 2 ރަކުއަތް."
މި ބާރަ ރަކުއަތަށް ރައްކާތެރިވެއްޖެ މީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު މިވަނީ ދެއްވާފައެވެ! ދުނިޔޭގައި 1000 ބުރިއަށް ގެއެއް އެޅުމުން ކުރާނެ ފައިދާއަކީ މިމަތިވެރި ނިޢްމަތަށް ބަލާއިރު ހަމަ ސުމެއް ނޫންހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން