އަހުރެންގެ އަލަތު ކައިވެނި ރޫޅުނީ ކައިވެންޏަށް 30 އަހަރު ފުރެން އޮތް އަހަރުއެވެ. ލިބިފައި ތިބި 4 ދަރިންނާއި ޙަވާލުވާންޖެހުނީވެސް އަޅުގަނޑަށެވެ. ދަރިން ލިބުނުލެއް ލަސްކަމުން އެއިރުވެސް 15 އަހަރު ނުފުރޭ 2 ދަރިން ތިއްބެވެ.
ދެރަވިއެވެ. އެކަމަކު މާޔޫސެއް ނުވަމެވެ. ދެވަނަ ދިރިއުޅުމަށް ކުރިމަތިލީމެވެ. އެކައިވެނީގައި މިހާރު 15 އަހަރުވީއެވެ. 2 ދަރިން އެތިބީ ރަނގަޅު ވަޒީފާތަކުގައެވެ. 2 ދަރިން ކުރަނީ އަމިއްލަ މަސައްކަތެވެ. އެކުދިން ގެންގުޅެން، ކިޔަވައިދޭން، ކާންބޯންދޭން ކުރި މަސައްކަތްމަތިން މިހާރު ހަނދާނެއްވެސް ނެތެވެ. މާނައަކީ ހަނދާން ކުރާނެ ފުރުޞަތެއް ނުލިބެއެވެ. 4 ދަރިންގެ އަލައިލުމާއި އެހީތެރިކަން ބޮޑުކަމުންނެވެ.
މިއީ އެކަނިވެރިވި ހިތްވަރުގަދަ އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ.
ވެއްޓުނީތީ ތެދުވެ ހިނގައި ނުގަނެވޭނެ ކަމަށް ދެކޭ މީހާއަށްވުރެ ބަލިކަށި މީހަކު ނުވެއެވެ. ވެއްޓެނީ ވެއްޓުމުން ތެދުވެ ހިނގައި ގަންނަން ކުރާ މަސައްކަތް ދައްކަން ފުރުޞަތު ދިނުމުގެ ގޮތުންނެވެ! އެހިތްވަރު ތިބާގެ ކިބައިގައި ހުރިކަން ދެއްކުމަށެވެ.
ވީމާ ކުރިމަތިވާ މައްސަލަތަކުން އަރައިގަނެވޭނީ މިބުނި ވިސްނުމުގައި ދުނިޔޭގަ އުޅެން މަސައްކަތްކުރާ މީހުންނަށެވެ! ތިމާއަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެކަމާއި ތިމާއަކީވެސް ހަމަ ހިތްވަރު ހުރި މީހަކުކަން ޘާބިތުކޮށްދޭން މަސައްކަތްކުރާ މީހުންނަށެވެ.
މިބަޔާންކުރީ ދުނިޔޭގެ މަޝްހޫރު ފިލޯސަފަރަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅު ގުޅުވާލަން މިއުޅެނީ ކައިވެނި ރޫޅުމުން ދެން އިތުރު ކައިވެންޏެއް ނުކުރަން ނިންމައިގެން ތިބޭ މީހުންނަށެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. އަންހެނުންގެ ތެރެއިންވެސް ހެޔޮލަފާ އަންހެނުންނަށެވެ.
ތިއަކަނބަލުން ރަނގަޅު ގޮތުގައި ތިއްބައި ވަރިކޮށްފިނަމަ އެކަމަށް މާޔޫސްވެ ދެން އިތުރު ކައިވެންޏެއް ނުކުރަން ނުނިންމާށެވެ! ތިބާ ރަނގަޅު ގޮތުގައި ހުއްޓައި އެވަރިކޮށްލީ ތިބާ މާޔޫސްކުރުވާށެވެ. ވީމާ ތިބާ މާޔޫސްވެއްޖެނަމަ އެހާޞިލުވީ ވަރިކުރިމީހާ ބޭނުންވާ ކަންތަކެވެ.
ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ އުމުރުން ދޮށިވީތީ ނުވަތަ ދަރިން ތިބީތީ ދެން ހުންނަންޖެހޭނީ ކައިވެންޏެއް ނުކޮށް ކަމަށެވެ. އެހައިދުވަހު އިނދެގެން އުޅުނު މީހާ ތިމާއަށް ހެޔޮކޮށް ނުހިތީމާ ހެޔޮކޮށް ހިތާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.
ދަންނަވަންތޯއެވެ؟ މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އޭނާއަށްވުރެ ހުރިހާ ގޮތަކުން މާރަނގަޅު މާބޮޑަށް ލޯބިވާ މީހަކު ލިބިފައިވަނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ މިފަދަ ޙާލަތުގައި ބަލަންވީ ގޮތެއް ނުފެނުނު މީހުންނަކަށް ނޫނެވެ. ރަނގަޅު ގޮތްތައް މެދުވެރިވި މީހުންނަށެވެ. އަހުރެން ބުނާނީ ގިނަވާނީ ރަނގަޅު ގޮތްތައް މެދުވެރިވި މީހުން ކަމަށެވެ.
އެހެންކަމާއިއެކުވެސް ބުނެލަންޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ ވަރިކުރުމަށްފަހުގައިވެސް ތިބާ ހުންނަންވާނީ ޙައްޤުގޮތުގައެވެ. އަނިޔާ ލިބުނީތީ އެކަމުގެ މާޔޫސްކަމުގައި އަޅުކަމާއި ދުރުވެގެން ނުވާނެއެވެ. މަސައްކަތްކުރަންވާނީ ކުރިއަށްވުރެވެސް ރަނގަޅަށް އުޅުމަށާއި ކުރާ އަޅުކަން އިތުރުކުރުމަށެވެ. ކުރިން ކުރިވަރަށްވުރެ ގިނައިން ޛިކުރުކުރުމަށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރަށް ހޯދަން މަސައްކަތްކުރުމަށެވެ.
މިބުނި މަގުގައި ސާބިތުވެ ހުރެއްޖެ މީހަކު މާޔޫސްނުކުރައްވަވާނެތެވެ. މާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން