ފާފަކުރުން ހުއްޓާލަން ބޭނުންވާނަމަ ވިސްނުމަށް ގެންނަންޖެހޭ މުހިންމު ބަދަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ފާފަކުރުން ހުއްޓާލަން ބޭނުންވާނަމަ ވިސްނުމަށް ގެންނަންޖެހޭ މުހިންމު ބަދަލެއް!

ބައެއް މީހުންނަށް ހީކުރެވޭ ގޮތުގައި ޤިޔާމަތް ދުވަހުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސަލާމަތްވެވޭނެއެވެ. އެގޮތަށް އެ ވިސްނެނީ މިދުނިޔޭގައި ބަހަނާ ދައްކައިގެން ކަންކަން ކުރަމުން ގޮސް އެކަމަށް ސިކުނޑި ހޭނުމުންނެވެ.

އަދި ކީއްހެއްޔެވެ؟ މީހުންގެ ވިސްނުން މިހިސާބަށްދާއިރު ތިބެނީ ފާފަތައް ކުރަން ދެވި ހިފައިފައެވެ. މިކުރެވެނީ ފާފަތައްކަން ރަނގަޅަށް އެނގޭއިއރުވެސް ހަމަ ފާފަކުރަނީއެވެ! ހިތަށް އަރަނީ ހަމަ ކުރިން ބުނި ކަންކަމެވެ. ބަހަނާއިން ސަލާމަތްވުމުގެ މައްސަލައެވެ. މިސާލަކަށް މިވެނި ދުޢާއެއް ކޮށްލުމުން ނުވަތަ މިވެނި އަޅުކަމެއް ކޮށްލުމުން ހަމަ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ.

އަދި އެހައިވަރަކުންވެސް ނުނިންމައެވެ. "ނަރަކައަށް ވަދެލަން ޖެހުނު ނަމަވެސް ސަލާމަތްވާނެ.! ނަރަކައިގަ އޮންނާކަށް ނުޖެހޭނެ!" މިފަދަ ބަހަނާތައް ވެސް ސިކުނޑީގައި ގެންގުޅެވެއެވެ! އެއީ ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭތީއެވެ.

ﷲ ތައާލާ އީ ފާފަފުއްސަވައި ދެއްވެވުމުގައި އެންމެ ދީލަތިވަންތަ އިލާހް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ! މިހައިތަނަށް އަހަރެން މިކުރި މަސައްކަތުން އެނގިފައި ހުރީ ފާފަކުރެވުމުން ތައުބާވުމަށް ކިޔަންހުރި ޛިކްރުތަކާއި ކުރަންހުރި ދުޢާތަކެވެ. މިވެނި ފާފައެއް ކުރުމަށްފަހު މިވެނި ދުޢާއެއް ކުރުމުން ފާފަ ފުއްސަވާނެ ކަމަށް ބަލައިގެން ފާފަކޮށްފައި ކިޔާނެ ކަމަށް އެބުނާ ފަދަ ދުޢާއެއް ފެނިފައެއް ނެތެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާފަކުރުންމަތީގައި ދެމިނުތިބޭށެވެ! މިވެނި އަޅުކަމެއް ކުރުމުން ނުވަތަ މިވެނި ދުޢާކުރުމުން ނިމުނީ ކަމަށް ބަލައިގެން ފާފަ ނުކުރާށެވެ! އަޅުކަން އަޅުކަމަކަށް ވާނީ ﷲ ތަޢާލާޗ ޤަބޫލުފުޅު ކުރައްވަވައިފިނަމަ ނޫންހެއްޔެވެ؟ ދުޢާގެ ފައިދާ ކުރާނީ ޢިޖާބަކުރައްވަވައިފިނަމަ ނޫންހެއްޔެވެ؟

އަބަދުވެސް މިބުނާ ފަދައިން އަހަރެމެން އެންމެންނަކީވެސް އިންސާނުންނެވެ. ވީމާ ފާފަ ކުރެވޭނެއެވެ! ފާފަ ކުރެވުމުން އޮތީ އަވަހަށް ތައުބާވުމެވެ! ނަމަވެސް މިވެނި ޢަމަލެއް ކުރުމުން މިވެނި ފާފައެއް ފުއްސަވައި ދެއްވަވާނެ ކަމަށް ބަލައި ހިސާބު ޖަހައިގެން އަޅުވާކަނޑާ ގޮތަށް ފާފަކުރުމަކީ ވަރަށް ބިރުހުރި ކަމެކެވެ! ސަލާމަތްވެސް ހަމަ ނުވެވިދާނެ ވަރުގެ ނުބައި ކަމެކެވެ! ވީމާ އެފަދަ ވިސްނުން ނުގެންގުޅޭށެވެ! އެފަދަ ވިސްނުން ވިސްނައިދޭ ޝަޠޯނާގެ ކިބައިން އަވަހަށް ސަލާމަތްވާށެވެ!

ވަރަށް ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކޮންމެ ކަމަކުންވެސް ރެކިގަނެވޭނެ ކަމަށެވެ. ފާފަކުރަންވެސް އަދި ޤާނޫނުތަކާއި ޚިލާފްވާންވެސް ބިރުނުގަންނަނީ އެހެންވެގެންނެވެ. ކޮރަޕްޝަން ޢާންމުވެފައިވާ މިންވަރުން ސިކުނޑިތައް ކޮރަޕްޝަނުން ފުރިފައިވާތީއެވެ.

ވިސްނުމުގައި އަބަދުވެސް ހުންނަނީ ރިޝްވަތު ދިނުމުގެ ނުބައި ސިފަތަކެވެ. ޖީބުގައި ފައިސާ ހުރި ނަމަ އޯވަރސްޕީޑްކުރުމަކީވެސް މައްސަލައެއް ނޫން ކަމަށެވެ. ކޯޓަށް މައްސަލއެއް ހިނގައްޖެ ނަމަ ފަނޑިޔާރަށް ރިޝްވަތުދީގެން ތިމާ ބޭނުންވާ ގޮތަށް ޙުކުމް ގަނެލައިގެން މައްސަލަ ނިންމައިލުމުގެ ވިސްނުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން