ނަމާދުތަކަށް ރައްކައުތެރިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތް އެންމެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ނަމާދުތަކަށް ރައްކައުތެރިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތް އެންމެ ފަސޭހަ މަގު-

މާތް ﷲ ވާގިފުޅާއިއެކު މިސްކިތްތައް ދަނީ ފަޅުފިލަމުންނެވެ. ނަމާދު ނިމުމުން ޛިކުރުކޮށްލަން މަޑުކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ. މާޝާﷲ. ނަމަވެސް ހިތާމައަކީ ބައެއް މީހުންނަށް ބަންގީގެ އަޑު ނުވެސްއިވޭ ކަމެވެ. އެފަދަ މީހުން ފަރުވާތެރިވެ ވިސްނައިގެން މިދަރުސް ކިޔައިލާށެވެ! ފައިދާކޮށްފާނެއެވެ! އިންޝާ ﷲ

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެން ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަކީ އެއީ އެކަލާނގެ ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް. ކުރިމަތިވާ ކޮންމެ ދަތިކަމަކުން އަރައިގަތުމަށްވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ކުއްތަންވެ ރުޖޫޢަވާންޖެހޭ. އަދި ވަކިން ޚާއްސަކޮށް އަބަދުވެސް އެކަލާނގެ ރަހުމަތަށް އުންމީދުކޮށް އަޅުގަނޑުމެން އެކަލާނގެ އަޛާބަށް ބިރުވެތިވާންޖެހޭ.

އެހެންވީމާ މުއުމިނުންގެ ސިފައަކީ އެމީހުންނަކީ އަބަދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތިވުމުގައި ނުވަތަ އަޅުކަން ކުރުމުގައި ދެމިތިބޭ ބައެއް. ކީރިތި ޤުރުޢާންގައި ﷲ ވަހީކުރައްވާފައިވަނީ "މުއުމިނުންގެ ސިފަތައް ބަޔާންކުރައްވައި އެމީހުންނަކީ ނަމާދު ، އަޅުކަންކުރުމުގައި ނަމާދުގައި ދެމިތިބޭ ބައެކޭ.

އަޅުގަނޑުމެން ނަމާދުގައި ދެމިތިބުމުގެ މާނައަކީ އެނަމާދު ވަގުތުން އަދާކުރުމާއި އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ހުރިހާ ވަގުތެއްގައިވެސް އެކަމަށް ސަމާލުކަންދީގެން އެނަމާދަށް ރައްކާތެރިވާންޖެހޭކަމެވެ.

ސަބަބަކީ އަޅުގަނޑުމެންގެ އެނަމާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމްދީނުގެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަން. އަދި އިސްލާމްދީނުގައި އެންމެ ފަހުން ނެތިދާނެ އަޅުކަންވެސްމެ. އެހެންވީމާ ފަރުޟު ފަސްނަމާދު އަދާކުރުމަށްވުރެ މަތިވެރި އަމަލެއްނެތް.

ކީރިތި މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމް ގެ އަރިހުގައި ސުވާލު ދެންނެވުނު. "ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަމަލަކީ ކޮބައިތޯއޭ". ޙަދީޘްފުޅުކުރެއްވެވީ "ނަމާދު އޭގެ ވަގުތުގައި އަދާކުރުމޭ."

ހިތާމައަކީ ބައެއް މީހުން ދެކޭގޮތުގައި ރަމަޝާން މަސް ދިއުމަށްފަހުގައި ދެން އެއީ އަޅުގަނޑުމެން ދުނިޔަވީ ހަޔާތުގައި އަޅުގަނޑުމެން ނުބައި ކަންތައްތައް ކުރުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ދެކިގެންދޭ. ނަމަވެސް މިއީ ވަރަށް ހިތާމަވެރިކަމެއް. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަބަދުވެސް، އަޅުގަނޑުމެންނަކީ އެކަލާނގެ ހަޟްރަތަށް ކުއްތަންވެ އެކަލާނގެ ހަޟްރަތަށް ކިޔަމަންތެރިކަމުގެ ދަށުގައި ތިބެންޖެހޭ ބައެއް.

އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ނިއުމަތްތައް ދެއްވާފައިވޭ. ހުރިހާ ނިއުމަތްތަކަކީވެސް ﷲގެ ހަޟްރަތުން އަޅުގަނޑުމެންނަށް ލިބެނިވި ނިޢުމަތެއް. މިއުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދައްކަވާދެއްވާފައިވާ ނަމޫނާއަކީ އެކަލޭގެފާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންވާ ރައްކާތެރިކަމާއި އަދި ﷲ ސުބްހާނަހޫ ވަތަޢާލާ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާ ބޭކަލެއް ކަމުގައި ވީހިނދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ އެކަލޭގެފާނު އިސްތިޣްފާރު ކުރައްވާ އެކަލޭގެފާނު ހެޔޮ އަޅުކަން އަދާކުރުމުގައި ހީވާގިވެ ވަޑައިގެންނެވި.

އެއީ ކީރިތި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްރާއާއި މިއުރާޖުގެ ރެއަށްފަހު އެކަލޭގެފާނު އަސްހާބް ބޭކަލުންނާ މުހާތަބްކުރައްވާ ވިދާޅުވީ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްރާއާއި މިއުރާޖުގައި ދެއްކެވި ކަންތައްތައް ތިއަބައިމީހުންނަށް ދެއްކެވިނަމަ ތިއަބައިމީހުން ވަރަށް މަދުންނޭ އުފާކުރީހީ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ އަމަލުކުރުން މަތީ ދެމިހުރުމުގެ ހެޔޮ ތަޢުފީޤް ދެއްވާށި. އަދި އަޅުގަނޑުމެން ކުރާ ހުރިހާ އަޅުކަމެއް އެކަލާނގެ ޤަބޫލުކުރައްވައި އަޅުގަނޑުމެންގެ ކިބައިން ހިތްދަތިކަމާއި އަތްމަތިދަތިކަން ފިއްލަވައި ފުރިހަމަ ޞިއްޙަތެއް މިންވަރު ކުރައްވަވައި އަޅުގަނޑުމެން ފާގަތި ދުވަސްތަކެއް ދެއްކެވުން. އާމީން

--ޝައިޚް ޢިއްޒުއްދީން ޢަދުނަން މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

މިއަދު އޮންލައިން