މަޖިލީހުގެ މެންބަރުކަންވެސް އަދި އެހެން މަޤާމުތައްވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ. އިންތިޚާބުތަކުގައި ވާދަކުރުމުން ކާމިޔާބުލިބެނީ ރައްޔިތުން ވޯޓުލާތީއެވެ. ރައްޔިތުން ވޯޓުލަނީ އެވިސްނުން ﷲ ތަޢާލާ ދެއްވެވުމުންނެވެ.
ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެ މީހެކެވެ. ޖަވާބުދާރީވާންޖެހޭނެ މީހެކެވެ. މިއަދުގެ މަޖިލިސް މެންބަރުންނަށްވެސް އެކަން ކުރިމަތިވާނެއެވެ. ޖަވާބުދާރީވާންޖެހޭނެއެވެ. ގޯސްކޮށް ކޮށްފައި ހުރި ކަންކަން އިޞްލާޙްނުކޮށް ތިބެފައި އެއީ އެހެން ބައަކު ފާސްކުރި ޤާނޫނުތަކެއްކަމަށް ބުނެލައިގެން ފުއްދައިލެވޭނެކަމަށް ހީވެސްނުކުރާށެވެ!
މިއަދުގެ މަޖިލިސް މެންބަރުން ތިރީގައިވާ ލިޔުން ރަނގަޅަށް ވިދާޅުވެލައްވާށެވެ!
މުސްލިމުންގެ ޤާނޫނުތައް ހަދާ މީހުންނަށް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް ކަމުދާކަމަށް ނުވިނަމަވެސް ދުނިޔޭގެ އެންމެ ފެންވަރު މަތި، އެންމެ ބޮޑެތި ޔުނިވަރސިޓީތަކުން އެންމެ މަތިވެރި ޙުކުމްފުޅުތައް ވަނީ ޤުރްއާނުގައިކަން ޤަބޫލުކުރާކަން ދަނީ ފައުޅުގައި އިޢްލާނުކުރަމުންނެވެ.
މިއީ ހަމަ ރާއްޖޭގައިވެސް އޮތް މައްސަލައެކެވެ. ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ހާވާޑް ޔުނިވަރސިޓީން ވަނީ މީގެ 4 އަހަރުކުރިން އެންމެ މަތިވެރި ޙުކުމްފުޅުތައް ބަޔާންވެގެންވަނީ މުސްލިމުންގެ ދުސްތޫރު، ކީރިތި ޤުރްއާނުގައިކަން ޤަބޫލުކޮށް ޤުރްއާނުގެ ޢާޔަތްތައް ބަހައްޓަން ފަށައިފި އެވެ.
މިގޮތުން އެ ޔުނިވަރސިޓިގެ ލޯފަކަލްޓީގެ ލައިބްރަރީއަށް ވަންނަ ދޮރުމަތީގައި ބެހެއްޓީ ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 135 ވަނަ އާޔަތެވެ.
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭ ބައަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބައަކު ކަމުގައި ތިއަބައިމީހުންވާށެވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، އައުލާ ކަން ބޮޑެވެ. ތިއަބައިމީހުން عޢަދުލު ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިއަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިއަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 135)
ހާވާޑް ޔުނިވަރސިޓީއަކީ ޤާނޫނު ކިޔަވައިދިމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީއެވެ. އަދި އެތަނުގެ ލައިބްރަރީއަކީ ޤާނޫނާއިބެހޭ ގޮތުން އެންމެ ގިނަ ފޮތް ހުރި ދުނިޔޭގެ އެންމެ ބޮޑު ލައިބްރަރީއެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއަކުން މިފަދަ މަތިވެރި ދަރަޖައެއް ކީރިތި ޤުރްއާނަށް ދިނުމުން އެ ޔުނިވަރސިޓީންވެސް ކީރިތި ޤުރްއާނުގެ މަތިވެރިކަން ޤަބޫލުކުރާކަން މިވަނީ ހާމަވެފައެވެ. ވީމާ މިކަން ވެގެން މިދިއައީ ކީރިތި ޤުރްއާން ޤަބޫލުނުކޮށް ކީރިތި ޤުރްއާނާއިމެދު ޝައްކު އުފައްދުވަން މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއަކަށެވެ!
މިޚަބަރަކީ އެއިރުވެސް މިއަދުނޫހުން ގެނެސްދީފައިވާނެ ޚަބަރެކެވެ. މިއަދުވެސް އެކަންކަން ހަނދާންކުރަން މިޖެހެނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް މިކަންކަން ހަނދާންކޮށްދޭން ޖެހިފައިވާތީއެވެ. ކީރިތި ޤުރްއާނުގައިވާ ޙުކުމްފުޅުތައް މުގުރާލައި ހަދާފައިވާ ޤާނޫނުތައް ޤުރްއާނާއި އެއްގޮތަށް ބަދަލުކުރަން ބާރުއެޅުމުގެ ގޮތުންނެވެ.
ޤުރްއާނަށް ގޮންޖެހުމަށްވުރެ ހަރިކަށިކަން ބޮޑު ފިކުރެއް ނިކަން ބުނެދީބަލާށެވެ!
އިތުރަށް ފެނިގެން މިދިއައީ ﷲ ތަޢާލާ، އެކަލާނގެ ދީނަށް ނަޞްރު ދެއްވަވާނެ ކަމަށާއި އެކަލާނގެ ދީން މަތިވެރިކުރައްވަވާނެ ކަމަށް އޮތް ބަސްފުޅުގެ ތެދުކަމެވެ.