ފުރަތަމަ ކަމަކަށް ނިކަން ވިސްނައިލަބަލާށެވެ! ޝައިޠޯނާގެ ވާހަކަ ކީރިތި ޤްރުއާނުގެ 88 ތަނެއްގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. މިހައި ގިނަ ތަންތަނުގައި ބަޔާން ކުރައްވަވާފައި އެވަނީ ޝައިޠޯނާ އާއިމެދު ހޭލުންތެރިވުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ޝައިޠޯނާގެ ސަބަބުން ލިބޭނެ ގެއްލުންތަކުގެ ބޮޑުކަމުންނެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލި ތިބުމުގެ ބޭނުންތެރިކަން ވެސް ބޮޑުކަމުންނެވެ.
ކަން އޮތީ މިފަދައިން ނަމަވެސް ގެއަށް ވަދެ ނުކުމެ ހެދުމަކީ އަހަރެމެން މިއަދު މާބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫނެވެ! އަދި ކައިރީގެއަކަށް ނުވަތަ އެޕާޓްމަންޓަށް ދާ ދިއުމަކީ އެއްވެސް ޙާލެއްގައި ގެއިން ބޭރަށް ނުކުމެފައި ވަނުން ކަމަކަށްވެސް މީހުންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ފުރުޞަތުގެ ބޭނުން ޝައިޠޯނާއަށް ހިފެނީ ސަމާލުކަން ނުދެވޭތީއެވެ.
އަޢޫޛް ނުކިޔައި ގެއަށް ވަނުމަކީ ޝައިޠޯނާއަށް ގެއަށް ވަންނަން ދެވޭ ދައުވަތެކެވެ. ވީމާ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ގެއިން ނުކުމެފައި ގެއަށް ވަންނަނަމަ އަޢޫޛް ކިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިނިޓެއް ކީއްކުރަންހެއްޔެވެ؟ ފަޅި ސިކުންތަކަށް ނަމަވެސް ގެއިން ބޭރަށް ނުކުމެފައި އަޢޫޛް ނުކިޔައި ގެއަށް ވަންނަނަމަ ފަހަތުން ޝައޠޯނާ އެގެއަކަށް ވަންނާނެއެވެ.
މިކަމަށް ސަމާލުކަން ދީގެން ޝައިޠޯނާއަށް ދައުވަތު ނުދޭ ގޭގެއާއި ދޭ ގޭގޭގެއިގެ ތަފާތު ފެންނާނެވެ. ޝައިޠޯނާއަށް ވަނުމުގެ ފުރުޞަތު ނުދޭ ގޭގޭގައި ޢާންމު މައްސަލަތައް މަދުވާނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ. ﷲ ތަޢާލާ މަތިވެރި ކުރުމުގެ ކަންކަން ކުރުން އިތުރުވާނެއެވެ. އެންމެ ކުޑަމިނުން ދަރިންގެ އަޚްލާޤުންވެސް އެތަން ފެންނާނެއެވެ. ދަރިން ކިޔެވުމަށް މަސައްކަތްކުރާ މިންވަރާއި ބަސް އަހާ މިންވަރުންވެސް ތަފާތު ފެންނާނެއެވެ. ދަރިންނަށް ފިލާވަޅު ދަސްވުން ވެސް ފަސޭހަވާނެއެވެ.
ސަބަބަކީ ފިތުނަ އުފައްދަން ޝައިޠާނާއަށް އެގެއެއްގައި ހަރަކާތްތެރި ނުވެވޭތީއެވެ. ކުދިންނަށް ވަސްވާސް ދިނުންވެސް އެހައި ފަސޭހަ ނުވާތީއެވެ. ގޭގައި ދިރޭތަކެތީގެ ތަޞްވީރުތައް ނުބަހައްޓާށެވެ. ނެރެ ބޭރަށް އުކައިލާށެވެ. އެއްވެސް ބާވަތެއްގެ ބުދުފަދަ ތަކެތި ވެސް ނުބަހައްޓާށެވެ. ނެރެ ބޭރުކޮށްލާށެވެ. ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައިގަންނަވާނީ އެކަންކަން ކޮށް އެގެއަކަށް މަލާއިކަތުންނަށް ވަދެވަޑައިގަތުމުގެ ޖާގަ ދިނުމުންނެވެ. ގެއިން ޖާގަ ދޭންވީ ޝައިޠާނުންނަކަށް ނޫނެވެ. މަލާއިކަތުންނަށެވެ.
ﷲ ތަޢާލާ ވަނީ ކީރިތި ޤޮރުއާނުގައި މިކަން ބަޔާން ކުރައްވަވައިފައެވެ. އީމާންކަން ކުޑަ، އީމާން ނުވާ މީހުންގެ މައްޗަށް ބާރުފޯރުވަން ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނެ ކަމެވެ. ޝައިޠޯނާ މީސްތަކުން ކޮށްޕައި ﷲ ތަޢާލާގެ މަގުން ދުރުކުރާނެ ކަމެވެ. އެފަދަ މީހުންގެ ކައިރީގައި ޝައިޠާނާ ވަރަށް ބާރުގަދަވާނެ ކަމާއި ނަމަވެސް ފުރިހަމަ މުއްމިނުންގެ ކުރިމަތީގައި ޝައިޠޯނާ ވަރަށް ބަލިކަށިވާނެ ކަމެވެ.
ޝައިޠޯނާގެ ލަޝްކަރު އަހަރެމެންނަކަށް ނުފެނެއެވެ. ނަމަވެސް އެ ލަޝްކަރަށް އަހަރެމެން ފެނެއެވެ. އެހެންކަމުން މީސްތަކުންނަށް ހަމަލާދިނުމަކީ (ވަސްވާސްދީ ނުބައިކަންކަން ކުރުވުމަކީ) ޝައިޠާނުންނަށް ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ފުރިހަމަ ގޮތުގައި ރައްކައުތެރި ކަމުގެ ފިޔަވަޅުތައް ނުއެޅިއްޖެ ނަމަ ޝައިޠޯނުންގެ ކިބައިން ރައްކައުތެރިވުމަކީ އަހަރެމެންނަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ.
ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަވަން ޖެހެނީ އެހެންވެގެންނެވެ. ހަމަ އެއާއިއެކު ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ ރަނގަޅު އެއްކަމަކީ އާޔަތުލްކުރުސި ކިޔެވުމެވެ. ގިނަގިނައިން އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދޭށެވެ!
- އިމާމް މާޒިން ޢާދިލުގެ ދަރުސަކުން