ދަރިންގެ ވާހަކަ ދެކެވޭއިރު މައިންގެ ވާހަކަ ދެކެވެނީ ދަރިންނާއި މަންމައާއި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ. ދަރިންނަށް ބަލިވެ އިނދެ މައިން އުފުލާ ވޭން ބޮޑުވެފައި ދަރިން ގެންގުޅެ ބޮޑުކުރަން މައިންނަށް ވާންޖެހޭ ޤުރްބާނީ ބޮޑުކަމުންނެވެ.
ދަރިންގެ ކަންކަމާއި ގުޅިގެން މައިންގެ ވާހަކަދެކެވޭލެއް ގިނަކަމުން އަހަރެމެންނަށް ގިނަފަހަރަށް ވިސްނިފައި އޮންނަނީ ދަރިންނަށްޓަކައި ހެޔޮދުޢާކުރުމަކީވެސް ހަމައެކަނި މައިން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
"3 މީހެއްގެ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ކަމަށް ބަޔާންވެގެންވާ 2 ޙަދީޘްފުޅެއްވެއެވެ. ފުރަތަމަ ޙަދީޘްފުޅުގައިވަނީ އެއީ ޢަދުލުވެރި ޙާކިމް، ރޯދަވެރިޔާ އަދި އަނިޔާ ލިބެމުންދާ މީހާ ކަމަށެވެ. 2 ވަނަ ޙަދީޘްފުޅުގައި ވަނީ އެއީ ބައްޕަ އާއި ރޯދަ ވެރިޔާ (ޚާއްޞަކޮށް ރޯދަވީއްލާ ވަގުތު ކުރާ ދުޢާ) އަދި ދަތުރުވެރިޔާ (ދަތުރެއްގެ މަތީގައިވާ މީހާ) ކުރާ ދުޢާ ކަމަށެވެ!": --ޑރ. ޒާކިރަ ނައިކް
ޢާންމު ގޮތެއްގައި ދަރިންގެ ކަންކަން ބެލެހެއްޓުމުގައި މަންމަ އާއި ބައްޕަ އަދާކުރަނީ ތަފާތު 2 ދައުރެކެވެ. އެގޮތުން ބައްޕަގެ ދައުރަކަށްވެފައި އޮންނަނީ ޢާއިލާއަށް ޚަރަދުކުރާނެ ފައިސާ ހޯދުމެވެ. ދަރިން ބަލަހައްޓަން މަސައްކަތްކުރުން އޮންނަނީ މައިމީހާ އަދާކުރާ ދައުރަކަށް ހަދައިފައެވެ.
މީގެ މާނައަކީ އެއްވެސް ޙާލެއްގައި ބައްޕައިން ގޭގައި ތިބޭއިއރު ދަރިންނާއި އަޅައި ނުލާ ވާހަކައެއް ނޫނެވެ. ދަރިންގެ ކަންކަން އަމިއްލަ ދެއަތުން ކުރުމަކީ އަޅުކަމެއްވެސްމެއެވެ. އަދި ދަރިންގެ ކަންކަން އަމިއްލައަށް ކުރާ ބައްޕައިންވެސް ތިބެއެވެ.
އިސްވެ ބަޔާންކުރި ޙަދީޘްފުޅުން ދަރިންގެ ކަންކަން މައިންނާއި ޙަވާލުކުރިނަމަވެސް ދަރިންނަށް ދުޢާކުރުމަކީ މަންމައަށް އެކަނި ދޫކޮށްލައިގެންވާން އޮތް ކަމެއް ނޫންކަމެވެ. އެއީ ބައްޕަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމެވެ!
ވީމާ ތިމާއަށް ﷲ ތަޢާލާ ދަރިއަކު ދެއްވެވީންސުރެ ތިމާ ދުނިޔޭގައި ހުރިހައި ދުވަހަކު މަންމަ އާއި ބައްޕަވެސް ދަރިންނަށް ހެޔޮދުޢާކުރަންވާނެއެވެ! ޚާއްޞަކޮށް ބައްޕަގެ ދުޢާއަކީ ދަރިންނަށް ވަރަށް މުހިންމު ދުޢާއެކެވެ.
ދަރިއަކު ދެއްވެވުމުން އެދަރިފުޅަކީ ﷲ ތަޢާލާ އަށް ކިޔަމަންތެރި، ޢިލްމްވެރި، ރިވެތި އަޚްލާޤެއް ލިބިގެންވާ ދަރިއަކު ކަމުގައި ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ. ދަރިއަކަށް ދަތިކަމެއް މެދުވެރިވެގެން އުޅޭ ނަމަ އެކަމަކު ދަރިފުޅު ސަލާމަތްކޮށްދެއްވެވުން އެދިވެސް ދުޢާކުރަންވާނެއެވެ.
ދަރިންނަށްޓަކައި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ!:
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމް ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލް ކުރައްވާނދޭވެ!" (އިބްރާހީމް: 40)
މިފަދަ އެތައް ދުޢާއެއް ވާރިދުވެގެންވެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން